ރާއްޖޭގެ ތެޔޮ ރައްކާކުރާ މިންވަރު އިތުރުކުރުމަށް، ގައުމީ ތެޔޮ ރިޒާވެއް ގާއިމްކުރާއިރު، އޭގެ ތެރެއިން ބައެއް ކުއްޔަށް ދިނުމަކީ ވެސް ކުރެވިދާނެ ކަމެއް ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެއެވެ.
މިދިޔަ މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ދިގު މުއްދަތަކަށް ވިސްނައި، ކުރިއަށް އޮތް ފަސް އަހަރުތެރޭ ރާއްޖޭގައި ގައުމީ ތެޔޮ ރިޒާވެއް ގާއިމްކުރުމަށް ކުރަންޖެހޭ ކަންކަމުގެ ދިރާސާއެއް ސަރުކާރުން ފަށައިފައިވާ ކަމަށް ވިދާޅުވެފައެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ވާހަކަފުޅަށް އިޝާރާތްކުރައްވައި ޒަމީރު ވިދާޅުވި، ތެލުގެ ރިޒާވް ގާއިމުކުރެވޭނެ ތަނެއް ހޯދުމުގެ މަސައްކަތް އެސްޓީއޯއިން ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ތަނެއް ހޯދާއިރު، އެއީ އެކި މޫސުމުގައި ބޮޑެތި އުޅަނދުތަކަށް ފަސޭހައިން ގާތްކުރެވޭނެ ތަނަކަށް ވާން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ޒަމީރު ވިދާޅުވީ ތެލުގެ ރިޒާވް ގާއިމުކުރަނީ ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރާ މަސައްކަތުން ކަމަށެވެ. އެގޮތުން މިހާރު މާލެ ކައިރިން ދެ ރަށެއްގެ ފަޅުގެ ސަރަހައްދު ބަލަމުން އަންނަ ކަމަށާއި އަންނަ ހަފުތާގައި ސާވޭގެ މަސައްކަތް ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޒަމީރު ވިދާޅުވީ އަމާޒަކީ، ކުރިއަށް އޮތް ދެ ހަފުތާ ނިމެންވާއިރަށް، ރައީސަށް އެކަމާ ގުޅޭ ރޭވުމާއި، މަޝްރޫއަށް ފައިސާ ހޯދޭނެ ގޮތްތައް ވެސް ހުށަހެޅުން ކަމަށެވެ.
"ހަނގުރާމަ މިވަގުތު ފެށިފައި އޮތީމަ ކުއްލިއަކަށް އިންވެސްޓްމެންޓް ނުފެށިދާނެ އެކަމަކު އެއަށް ބޭނުންވާ ޕްރިޕަރޭޝަން [ކުރިއަށްދާނެ]" އޭނާ ވިދާޅުވިއެވެ.
ޒަމީރު ވިދާޅުވީ، ރާއްޖޭގައި މިހާރު ތެޔޮ ރައްކާކުރެވޭ މިންވަރުން ނުވާ ކަމަށާއި ފާއިތުވި އަހަރުތަކުގައި ދުނިޔެއަށް އައިސްފައިވާ ބަދަލަށް ބަލާއިރު ވެސް، ރާއްޖޭގެ ތެލުގެ ރިޒާވް އިތުރުކުރަން ޖެހޭކަން ހާމަވާ ކަމަށެވެ. ނަމަވެސް އެއް އަހަރުގެ ސްޓޮކް ހުންނަ ވަރަށް ތެޔޮ ރައްކާކުރަން މަސައްކަތް ކުރަނީ ކީއްވެގެންތޯ ބައެއް މީހުން ސުވާލު އުފައްދާ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭގެ ވަރަށް ސިމްޕަލް އެއް ޖަވާބަކީ އަޅުގަނޑުމެން މިސާލަކަށް ހަ މަސް ދުވަހުގެ ސްޓޮކް އަޅުގަނޑުމެންގެ ބަހައްޓާފައި ބާކީ ހުރި ބައި އަޅުގަނޑުމެންނަށް ކުއްޔަށް ވެސް ދެވޭނެ، އިންޑިއާ ކަނޑުގެ ތެރޭގައި ސްޓޮކް ބަހައްޓައިގެން އުޅެން ބޭނުންވާ ވަރަށް ގިނަ ތެޔޮ ކުންފުނި އުޅޭ ކަމަށް އަޅުގަނޑުމެންނަށް އެނގިފައި މި އޮންނަނީ
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު
އެކަމާ ގުޅޭ ތަފުސީލު ދެއްވަމުން ޒަމީރު ވިދާޅުވީ، ތެލުގެ ރިޒާވުން ބައެއް ކުއްޔަށް ދިނުމަށް ތެޔޮ ވިއްކާ ބޮޑެތި ކުންފުނިތަކާއި މެދުއިރުމަތީގައި ހުންނަ ފަދަ ގައުމީ ތެޔޮ ކުންފުނިތަކާއެކު އެއްބަސްވުން ހެދިދާނެ ކަމަށެވެ.
އެ ނޫން ވެސް، ތެލުގެ ރިޒާވު އިތުރުކޮށްގެން ކުރެވޭނެ ގިނަ ކަންކަން ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ތެލުގެ ރިޒާވެއް ގާއިމްކުރުމަށް ސަރުކާރުން ވިސްނަމުން އަންނަކަން ހާމަކޮށްފައިވަނީ، މެދުއިރުމަތީގައި އީރާނާއި އިސްރާއިލާއި އެމެރިކާއިން ކުރަމުން އަންނަ ހަނގުރާމައާ ގުޅިގެން ފާއިތުވި ދުވަސްތަކުގައި ތެލުގެ ސަޕްލައިއަށް ބުރޫއަރައި، އަގުތައް އުފުލިފައިވާ ދަނޑިވަޅެއްގައެވެ.
ސްޓެޓިސްޓިކްސް ބިއުރޯގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މިދިޔަ މާރިޗު މަހު، މިދިޔަ ފެބްރުވަރީ މަހާ އަޅައިބަލާއިރު ގޭހާއި ތެލުގެ އަގު ވަނީ 12.48 ޕަސެންޓް އިތުރުވެފައެވެ.