އަހަރުގެ މިހާތަނަށް ޑެންގީ ޖެހުނު މީހުންގެ އަދަދު މިިދިޔަ އަހަރަށްވުރެ 1،800 ކޭސް އިތުރު

އައިޖީއެމްއެޗް ހޮސްޕިޓަލް. -- ފޮޓޯ/ މާނިއު މުހައްމަދު

ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ އަހަރުގެ ފުރަތަމަ ހަތަރު މަހާ އަޅާބަލާއިރު މިއަހަރު ޑެންގީ ޖެހިގެން ރިޕޯޓުކުރި މިންވަރު ވަނީ 400 އިންސައްތައަށްވުރެ އިތުރުވެފައެވެ. މިދިޔަ އަހަރު 374 ކޭސް ރިޕޯޓުކުރިއިރު މިއަހަރު ވަނީ 2183 ކޭސް ރިޕޯޓުކޮށްފައެވެ. ޑެންގީގެ އިތުރުން އަރިދަފުސް ރޯގާއާއި އިންފްލުއެންޒާ ޖެހޭ މިންވަރުވެސް އިތުރުވެފައިވާއިރު، ޑެންގީ ބަލީގައި ދެ ޒުވާނަކު ވަނީ ނިޔާވެފައެވެ.

  • މިއަހަރުގެ ފުރަތަމަ ހަތަރު މަހު ޑެންގީ ކޭސްތައް 400 އިންސައްތަ އިތުރުވެއްޖެ
  • ޑެންގީ ޖެހިގެން 17 އަހަރުގެ ކުއްޖަކާއި އިތުރު ޒުވާނަކު ނިޔާވެއްޖެ
  • އަރިދަފުސް ރޯގާއާއި އިންފްލުއެންޒާ ޖެހޭ މިންވަރުވެސް ވަނީ އިތުރުވެފައި
  • މަދިރި އާލާވާ ތަންތަން ނައްތާލުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

މިދިޔަ އަހަރުގެ ފުރަތަމަ ހަތަރު މަހާ އަޅާބަލާއިރު، މި އަހަރުގެ އެ މުއްދަތުގައި ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރި މީހުންގެ އަދަދު ގާތްގަނޑަކަށް 600 ޕަސެންޓު އިތުރުވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ހާމަކޮށްފިއެވެ.

އެ އިދާރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރާ މިންވަރު ދަނީ މަތިވަމުންނެވެ.

އެޗްޕީއޭ އިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ފުރަތަމަ ހަތަރު މަހު ރިޕޯޓްކޮށްފައިވަނީ ޑެންގީގެ 374 ކޭސްއެވެ. ނަމަވެސް މި އަހަރުގެ އެ މުއްދަތުގައި މި އަދަދު ވަނީ 2,183 އަށް އަރާފައެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު ބޮޑު އިތުރުވުމެކެވެ.

މަސްތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރިޕޯޓްކުރީ އެންމެ 75 ކޭސް ނަމަވެސް، މިއަހަރުގެ ޖެނުއަރީގައި 679 ކޭސް ރިޕޯޓްކޮށްފައިވެއެވެ. މި އަހަރުގެ ފެބްރުއަރީ މަހު 428 ކޭސް ރިޕޯޓްކޮށްފައިވާއިރު، މާޗް މަހު 600 ކޭސް އަދި އޭޕްރީލް މަހުގެ މިހާތަނަށް 476 ކޭސް ވަނީ ރިޕޯޓްކޮށްފައެވެ.

ޑެންގީގެ އިތުރުން އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކުރާ މިންވަރުވެސް ވަނީ އިތުރުވެފައެވެ. އެޗްޕީއޭ އިން ބުނި ގޮތުގައި މިދިޔަ މަހުގެ 22 އިން މި މަހުގެ 18 އަށް ޖުމްލަ 21,687 މީހުން އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކޮށްފައިވެއެވެ. މީގެ ތެރެއިން އެންމެ ގިނަ ކޭސް ރިޕޯޓްކޮށްފައިވަނީ އަތޮޅުތެރެއިންނެވެ. އެއީ އަތޮޅުތެރެއިން 11,792 ކޭސް އަދި މާލެ ސަރަހައްދުން 9,894 ކޭސްއެވެ.

އިންފްލުއެންޒާގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޖެނުއަރީ މަހު ޓެސްޓްކުރި 791 މީހުންގެ ތެރެއިން 99 މީހުން ޕޮޒިޓިވްވިއެވެ. ފެބްރުއަރީ މަހު 134 މީހުން ޓެސްޓްކުރިއިރު 8 މީހުން ޕޮޒިޓިވްވި ނަމަވެސް، މި މަހު މިހާތަނަށް ޓެސްޓްކުރި 89 މީހުންގެ ތެރެއިން 18 މީހުން ވަނީ ޕޮޒިޓިވްވެފައެވެ.

އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުތައް: އެޗްޕީއޭ

https://sun.mv/221041

ބަލިތައް ފެތުރުން ހުއްޓުވުމަށްޓަކައި ސާފުތާހިރުކަމަށް ސަމާލުކަން ދިނުމަށާއި، މަދިރި އާލާވާ ތަންތަން ނައްތާލުމަށް އެޗްޕީއޭ އިން އިލްތިމާސްކުރެއެވެ.

https://sun.mv/220551

ފާހަގަކޮށްލެވޭ ގޮތުގައި ޑެންގީ ހުން ޖެހިގެން ފަރުވާ ހޯދަމުން އައި 17 އަހަރުގެ އަންހެން ކުއްޖަކު ވެސް މިދިޔަ ހަފްތާގައި ވަނީ ނިޔާވެފައިއެވެ. މީގެ އިތުރުން ޑެންގީ ހުން ޖެހިގެން މި މަހު 13 ވަނަ ދުވަހު ވެސް ޒުވާނަކު ނިޔާވެފައިވެއެވެ.

comment ކޮމެންޓް