ގެލެކްސީ ބަޑްސް 4 ސީރީޒްގެ ހެޑްސެޓްތަކަށް ފުރަތަމަ އަޕްޑޭޓް ނެރެފި

މި އަޕްޑޭޓް ފުރަތަމަ ދޫކޮށްލާފައިވަނީ ދެކުނު ކޮރެއާގެ ޔޫޒަރުންނަށް --- ފޮޓޯ: އޭއައި

ސެމްސަންގުން އެ ކުންފުނީގެ އެންމެ ފަހުގެ ވަޔަލެސް ހެޑްސެޓް ކަމަށްވާ ގެލެކްސީ ބަޑްސް 4 އަދި ގެލެކްސީ ބަޑްސް 4 ޕްރޯއަށް ބޭނުންވާ ފުރަތަމަ ސޮފްޓްވެއާ އަޕްޑޭޓް ނެރެފިއެވެ. ފުރަތަމަ ދެކުނު ކޮރެއާއަށް ދޫކޮށްލި މި އަޕްޑޭޓަކީ މައިގަނޑު ގޮތެއްގައި ޑިވައިސްގެ ހިންގުން ހަރުދަނާކޮށް، ދިމާވާ ކުދި މައްސަލަތައް ހައްލުކޮށްދޭ އަޕްޑޭޓެކެވެ. މިއާއެކު އެހެން ގައުމުތަކަށްވެސް ކުރިއަށް އޮތް ދުވަސްތަކުގައި މި އަޕްޑޭޓް ލިބޭނެއެވެ.

  • ގެލެކްސީ ބަޑްސް 4 ސީރީޒްއަށް ފުރަތަމަ އަޕްޑޭޓް ނެރެފައިވަނީ ދެކުނު ކޮރެއާއަށެވެ.
  • މި އަޕްޑޭޓްގެ މައިގަނޑު ބޭނުމަކީ ހެޑްސެޓްގެ ސްޓެބިލިޓީ ރަނގަޅުކުރުމެވެ.
  • މިއީ ގާތްގަނޑަކަށް 8.55 އެމްބީގެ ކުޑަ އަޕްޑޭޓެކެވެ.
  • ކުރިއަށް އޮތް ދުވަސްތަކުގައި އެހެން ސަރަހައްދުތަކަށްވެސް މި އަޕްޑޭޓް ލިބޭނެއެވެ.

ސެމްސަންގުގެ އެންމެ ފަހުގެ ވަޔަލެސް ހެޑްސެޓްތައް ކަމަށްވާ ގެލެކްސީ "ބަޑްސް 4" އަދި ގެލެކްސީ "ބަޑްސް 4 ޕްރޯ" ބާޒާރަށް ނެރުނު ފަހުން، އެ ޑިވައިސްތަކަށް ބޭނުންވާ ފުރަތަމަ ސޮފްޓްވެއާ އަޕްޑޭޓް އެ ކުންފުނިން ފުރަތަމަ ފަހަރަށް ނެރެފިއެވެ.

ސެމްސަންގުން މި އަޕްޑޭޓް ފުރަތަމަ ދޫކޮށްލާފައިވަނީ ދެކުނު ކޮރެއާގެ ޔޫޒަރުންނަށެވެ.

މީގެ ތެރެއިން ގެލެކްސީ ބަޑްސް 4 ޕްރޯ މޮޑެލްއަށް ލިބޭ އަޕްޑޭޓްގެ ވާޝަން ނަންބަރަކީ R640XXU0AZD2 އެވެ. ގާތްގަނޑަކަށް 8.55 އެމްބީގެ މި އަޕްޑޭޓަކީ މައިގަނޑު ގޮތެއްގައި ހެޑްސެޓްގެ ސްޓެބިލިޓީ ނުވަތަ ހިންގުން ހަރުދަނާކުރުމަށާއި، ބޭނުންކުރާ މީހުންނަށް ދިމާވާ ކުދިކުދި މައްސަލަތައް ހައްލުކުރުމަށް ނެރުނު އަޕްޑޭޓެކެވެ.

މި އަޕްޑޭޓާއެކު ހެޑްސެޓަށް އެއްވެސް އައު ފީޗާއެއް އިތުރުވެފައި ނުވި ނަމަވެސް، ޑިވައިސްގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެންމެ ފަހުގެ ސެކިއުރިޓީ ކޯޑްތައް މި އަޕްޑޭޓްގައި ހިމަނާފައިވާ ކަމަށް ސެމްސަންގުގެ ރަސްމީ ކޮމިއުނިޓީ ފޯރަމްތަކުން ވަނީ ހާމަކޮށްފައެވެ.

އާންމު އުސޫލުން ކޮރެއާއަށް ފަހު، ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި އެމެރިކާ، ޔޫރަޕް އަދި އޭޝިއާގެ އެހެން ސަރަހައްދުތަކަށް ވެސް މި އަޕްޑޭޓް ލިބެން ފަށާނެ ކަމަށް ބެލެވެއެވެ.

ޓެކްނިކަލް ގޮތުން ބަލާއިރު، ބަޑްސް 4 ޕްރޯވަނީ ވަރަށް ބޮޑަށް ތަރައްގީ ކޮށްފަ ----

ގެލެކްސީ ބަޑްސް 4 ސީރީޒްއަކީ މިއަހަރުގެ މާރިޗު މަހުގެ 11 ވަނަ ދުވަހު ސެމްސަންގްގެ އެސް26 ސީރީޒްގެ ފޯނުތަކާއެކު ބާޒާރަށް ނެރުނު އުފެއްދުމެކެވެ. މީގެ ކުރިން ނެރުނު މޮޑެލްތަކާ ޚިލާފަށް، މި ސީރީޒްގައި ހިމެނޭ ހެޑްސެޓްތަކަކީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)ގެ އެހީގައި މަސައްކަތްކުރާ "އެޑަޕްޓިވް އެކްޓިވް ނޮއިސް ކެންސަލޭޝަން 2.0" ހިމެނޭ ހެޑްސެޓްތަކެކެވެ.

މި ފީޗާގެ ސަބަބުން ވަށައިގެންވާ މާހައުލުގެ އަޑުތަކަށް ބަލައި، ހެޑްސެޓުން އިވޭ އަޑު އަމިއްލައަށް އެޖަސްޓް ކޮށްދެއެވެ.

ޓެކްނިކަލް ގޮތުން ބަލާއިރު، ބަޑްސް 4 ޕްރޯގައި ވަނީ މީގެ ކުރީގެ މޮޑެލްތަކަށް ވުރެ ފުޅާ "ވޫފަރު" އެއް ހިމަނާފައެވެ. މީގެ އިތުރުން ހައި-ރެޒޮލިއުޝަންގެ 24-ބިޓް އޯޑިއޯ ސަޕޯޓްކުރުމުގެ އިތުރުން، އެމެޖެންސީ ސައިރަންގެ އަޑު އިވުމުން އަމިއްލައަށް އެމްބިއަންޓް މޯޑަށް ބަދަލުވާ "ސައިރަން ޑިޓެކްޓް" ފަދަ ޒަމާނީ ފީޗާތައް ވެސް މި ހެޑްސެޓްގައި ހިމެނެއެވެ.

މި ހެޑްސެޓްތަކުގެ ޑިޒައިނަށް ވެސް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފައެވެ. ހެޑްސެޓްގެ "ސްޓެމް" ނުވަތަ ދަނޑިކޮޅު ފަރުމާކޮށްފައިވަނީ އަތަށް ފަސޭހަވާނެހެން ފަތިކޮށެވެ. އަދި އަތުގެ އިނގިލިން ފިއްތާލައިގެން ނުވަތަ ކަހާލައިގެން (ޕިންޗް އަދި ސްވައިޕް ގެސްޗާ) އަޑު މަޑުގަދަކުރުމާއި ލަވަ ބަދަލުކުރުން ފަދަ ކަންކަން ފަސޭހައިން ކުރެވޭނެއެވެ.

މީގެ އިތުރުން، ޕްރޯ މޮޑެލްއަކީ އައިޕީ57 ރޭޓިންގް އާއެކު ފެނާއި ހިރަފުހުން ރައްކާތެރިކޮށްދޭ ޑިވައިސްއެކެވެ.

މި އައު އަޕްޑޭޓް އިންސްޓޯލް ކުރުމަށްޓަކައި، ފޯނުގައިވާ "ގެލެކްސީ ވެއަރަބަލް" އެޕްލިކޭޝަން ހުޅުވުމަށްފަހު، ހެޑްސެޓްގެ ސެޓިންގްސްގެ ތެރެއިން "އީއާބަޑްސް ސޮފްޓްވެއާ އަޕްޑޭޓް" އަށް ގޮސް ޗެކްކޮށްލެވޭނެއެވެ.

އަޕްޑޭޓް ކުރަމުންދާއިރު ހެޑްސެޓް ބޭނުން ނުކުރެވޭނެ ކަމަށާއި، ބައެއް ސެޓިންގްސްތަކަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސެމްސަންގުން އިރުޝާދު ދެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު