'ޓެކްސީ ނަފާ' ލޯނުގެ ކަންކަމަށް ގާނޫނުން ހައްލެއް ހޯދުމަށް ދަނީ މަސައްކަތް ކުރަމުން: ސައީދު

ޓެކްސީ ނަފާ ލޯނު ލިބުނު ބައެއް ފަރާތްތަކާ މިނިސްޓަރު ބައްދަލުކުރައްވަނީ: ވިދާޅުވީ، 'ޓެކްސީ ނަފާ' ލޯނުގެ ކަންކަމަށް ގާނޫނުގެ ތެރެއިން ހައްލު ހޯދުމަށް އަވަސް މަސައްކަތެއް ކުރަމުން އަންނަ ކަމަށް --- ފޮޓޯ/ މިނިސްޓްރީ

ޓްރާންސްޕޯޓު މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެފައިވަނީ، ޓެކްސީ ނަފާ ލޯނާ ގުޅިގެން ހުރި ކަންބޮޑުވުންތައް އަޑުއައްސަވައި، އެ ކަންކަމަށް ޤާނޫނާއި ޤަވާޢިދުތަކުގެ ތެރެއިން އަވަސް ހައްލެއް ހޯދައިދިނުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. މި ލޯނަކީ ގްރޭޓާ މާލޭ ސަރަޙައްދުގައި ޓެކްސީ ވިޔަފާރި ފެށުމަށް އެހީތެރިވުމުގެ ގޮތުން ތަޢާރަފުކުރި ސްކީމެކެވެ. ނަމަވެސް، ލޯނު ނެގި ގިނަ ފަރާތްތަކަކަށް ކާރު ރަޖިސްޓަރީ ނުކުރެވި، އާމްދަނީ ނުލިބި، އަދި ލޯނު އަނބުރާ ދެއްކުމަށް ފައިސާ ދޫކުރި ފަރާތްތަކުން ބާރުއަޅަމުންދާތީ ބޮޑެތި ތަކުލީފުތަކަކާ ވަނީ ކުރިމަތިލާންޖެހިފައެވެ.

  • ޓެކްސީ ނަފާ ލޯނުގެ މައްސަލަތަކަށް ޤާނޫނީ ހައްލެއް ހޯދައިދިނުމަށް ޓްރާންސްޕޯޓު މިނިސްޓްރީން ދަނީ މަސައްކަތް ކުރަމުންނެވެ.
  • ލޯނު ނެގި ފަރާތްތަކަށް ކާރު ރަޖިސްޓަރީ ނުކުރެވި އޮއްވައި، ލޯނު ދައްކަން މަޖުބޫރުކުރުމުގެ ސަބަބުން ބޮޑެތި ދަތިތަކަކާ ވަނީ ކުރިމަތިވެފައެވެ.
  • މިކަމާ ގުޅިގެން އާންމު ފަރާތަކުން ހުށަހެޅި ސިޓީއަކާ ގުޅިގެން މިނިސްޓަރު ވަނީ ކަމާބެހޭ ފަރާތްތަކާ ބައްދަލުކުރައްވާފައެވެ.
  • މި ލޯނަކީ 2023 ވަނަ އަހަރު ތަޢާރަފުކޮށް، މަޖިލިސް އިންތިޚާބާ ދިމާކޮށް ފައިސާ ދޫކުރި ލޯނެކެވެ.
  • ކާރު ބޭނުންނުކުރެވި 179000 ރުފިޔާގެ ދަރަންޏެއް ބޮލުގައި އެޅިފައިވާތީ ޑްރައިވަރުން ވަނީ މީގެ ކުރިން އިހުތިޖާޖުވެސް ކޮށްފައެވެ.

'ޓެކްސީ ނަފާ' ލޯނުގެ ކަންކަމަށް ގާނޫނުގެ ތެރެެއިން ހައްލު ހޯދުމަށް އަވަސް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު ސައީދު މިރޭ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މި ފަދައިން ވިދާޅުވީ، ސަރުކާރުން ތައާރަފުކުރި 'ޓެކްސީ ނަފާ' ލޯނުގެ ކަންބޮޑުވުންތަކަށް ހައްލެއް ނުލިބި އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވަނިކޮށް މައްސަލަ ބަލައިދިނުމަށް އެދިފައިވަނިކޮށެވެ.

https://sun.mv/221050

އެ ލޯނު ސްކީމަކީ ގްރޭޓާ މާލޭ ސަރަހައްދުގައި ޓެކްސީ ވިޔަފާރި ފަށައިގަތުމަށް ދިވެހި ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ތައާރަފުކުރި ސްކީމެކެވެ.

ޓެކްސީއެއް: މިނިސްޓަރު ވިދާޅުވީ 'ޓެކްސީ ނަފާ' ލޯނުގެ ކަންކަމަށް ގާނޫނުގެ ތެރެއިން ހައްލު ހޯދުމަށް އަވަސް މަސައްކަތެއް ކުރަމުން އަންނަ ކަމަށް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިގޮތުން، ލޯނާ މެދު ކަންބޮޑުވުން ފާޅުކޮށް މިނިސްޓަރަށް އެޑްރެސްކޮށް އާދަމް ސަލީމް ކިޔާ މީހަކު އާންމުކުރި ސިޓީގައި ބުނެފައި ވަނީ، ޓެކްސީ ނަފާ ލޯނު ސްކީމްގެ ދަށުން ލިބިފައިވާ ކާރުތައް ރަޖިސްޓަރީ ނުވެ ހުއްޓައި ލޯނު އަނބުރާ ދެއްކުމަށް ލޯނު ދޫކުރި ފަރާތްތަކުން ތަކުރާރުކޮށް ބާރު ފޯރުވަމުންދާ ކަމަށެވެ.

އެހެންވެ، ލޯނު ނެގި ފަރާތްތަކަށް ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވަމުންދާކަން ފާހަގަކޮށް އެ ކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށް އެ މީހާ ވަނީ އެދިފައެވެ.

އެ ސިޓީއާ ގުޅިގެން މިނިސްޓަރު ސައީދު މިއަދު ވަނީ، ޓެކްސީ ނަފާ ލޯނު ލިބިފައިވާ ބައެއް ފަރާތްތަކާ ކަމާ ގުޅުން ހުރި ފަރާތްތަކާ ބައްދަލުކުރައްވާފައެވެ.

އެ ބައްދަލުވުމަށް ފަހު މިރޭ މިނިސްޓަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޓެކްސީ ނަފާ ލޯނުގެ ކަންކަން އަޑުއަހައި، ޤާނޫނާއި ޤަވާއިދުތަކުގެ ތެރެއިން ހައްލެއް ހޯދައިދިނުމަށް އަވަސް މަސައްކަތެއް ކުރަމުން އަންނަ ކަމަށެވެ.

ފާހަގަކުރެވޭ ގޮތުގައި، ކުރީގެ އެސްޑީއެފްސީ ނުވަތަ މިހާރުގެ ނަމުންނަމަ އެސްއެމްއީ ޑިޖިޓަލްއިން މި ލޯނު ތައާރަފުކުރީ ސެޕްޓެމްބަރު 04، 2023ގައެވެ. ނަމަވެސް، އެ ލޯނަށް އެދުނު މީހުންނަށް ފައިސާ ޖަމާވެފައި ވަނީ މި ސަރުކާރު އައިސް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ދިމާކޮށެވެ.

އެ ލޯނުގެ ދަށުން ޑްރައިވަރުން ގަތް ކާރުތައް ރަޖިސްޓްރީ ނުކުރެވި އަދި އަދަށް ވެސް ކާރުތައް ބޭނުންނުކުރެވޭ ކަމުގެ ޝަކުވާ އޮތީ ބޮޑުވެފައެވެ. އެގޮތުން 2024 ވަނަ އަހަރުގެ ފަހުކޮޅު ވެސް އެކަމުގައި ޓެކްސީ ޑްރައިވަރުން ވަނީ އިހުތިޖާޖު ކޮށްފައެވެ.

ޑްރައިވާސް އެސޯސިއޭޝަނުން އޭރު ބުނެފައިވާ ގޮތުގައި ލޯނު ނަގައިގެން ކާރު ގަތް ޑްރައިވަރުންނަށް ކާރު ލޮލަށް ނުފެނި އަދި އެ ކާރު ރަޖިސްޓްރީ ނުކުރެވި ބޭނުން ކުރެވޭ ހާލަތުގައި އޮއްވައި ބައެއް ޓެކްސީ ޑްރައިވަރުންގެ ބޮލުގައި 179،000 ރުފިޔާގެ ލޯނެއް އަޅުވާފައިވާ ކަމަށެވެ. އަދި، މިއީ ދައުލަތުގެ މުއައްސަސާތަކުން ޓެކްސީ ޑްރައިވަރުންނާ ދޭތެރޭ އިހާނެތިކޮށް ކޮށްފައިވާ ކަމެއް ކަމަށް ވެސް އެ ފަރާތްތަކުން ވަނީ ބުނެފައެވެ.

comment ކޮމެންޓް