ނޫޙުގެފާނު އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް ވިދާޅުވަމުން ގެންދެވީ "އޭ، އަހުރެންގެ ޤައުމުގެ މީހުންނޭވެ! ހަމަކަށަވަރުން، އަހުރެންނީ، ތިޔަބައިމީހުންނަށް ބަޔާންވެގެން ހުރި އިންޒާރުކުރާ މީހަކީމެވެ. ތިޔަބައިމީހުން ﷲއަށް އަޅުކަންކުރާށެވެ! އަދި ތިޔަބައިމީހުން، އެކަލާނގެއަށް ތަޤުވާވެރިވާށެވެ! އަދި ތިޔަބައިމީހުން އަހުރެންނަށް ކިޔަމަންވާށެވެ! (އޭރުން) އެކަލާނގެ، ތިޔަބައިމީހުންގެ ފާފަތައް ތިޔަބައިމީހުންނަށް ޓަކައި ފުއްސަވައިދެއްވާނެތެވެ. އަދި ކަނޑައަޅުއްވައިފައި ވާ މުއްދަތަކަށް ތިޔަބައިމީހުން ފަސްކުރައްވާނެތެވެ. ހަމަކަށަވަރުން، ﷲ ކަނޑައަޅުއްވައިފައި ވާ އަޖަލުއަތުވެއްޖެއްޔާ ލަހެއް ނުކުރައްވާނެތެވެ. ތިޔަބައިމީހުންނަށް (އެކަން) އެނގޭ ކަމުގައި ވާ ނަމައެވެ." (ނޫޙު: 2-4)
ނޫޙޫގެފާނު ގެންދެވީ އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް މިފަދަ ބަސްތަކުން ހިތްވަރުދެއްވަމުންނެވެ. ނަސޭހަތްތެރިވެވަޑައިގަންނަވަމުންނެވެ. އަދި އިންޒާރުކުރައްވަމުނެވެ. އެ ގޮތުން އެ ކަލޭގެފާނު އެ ގޮވައިލެއްވި ކަންތަކަށް ވަކިން ބަލައިލަމާ ހިނގާށެވެ! އެންމެ ފުރަތަމަ ވެސް އެ ކަލޭގެފާނު ގޮވައިލެއްވީ ތައުޙީދަށެވެ. އެއީ އެއްކައުވަންތަ އިލާހަށް އެކަނި އަޅުކަން ކުރުމަށެވެ. އަޅުކަމުގައި އެ މީހުން ގެންގުޅުނު ބުދުތައް ދޫކޮށްލުމަށެވެ. އަދި އަޅުކަމުގައި ﷲއާ އެއްވެސް ފަރާތެއް ޝަރީކުނުކުރުމަށެވެ.
ދެން އެ ކަލޭގެފާނު ގޮވައިލެއްވީ ﷲއަށް ތަޤުވާވެރިވުމަށެވެ. ތަޤުވާއަކީ ﷲ އެންގެވި ކަންކަން ފުރިހަމައަށް ކުރުމެވެ. އަދި އެ އިލާހު ނަހީ ކުރެއްވި ހުރިހާ ކަމަކާ ދުރަށް ދިޔުމެވެ. މި ކަންކަން ކުރުމުގައި ތިމާގެ ހިތުގެ ލޯތްބާއި ރުހުމާ އެކު ކުރުމެވެ. އެއްވެސް އެހެން ފަރާތެއްގެ މަޖުބޫރުކަމެއް ނުވަތަ ބިރުދެއްކުމެއް، ނޫންނަމަ އެ ނޫން ވެސް ގޮތަކުން ތިމާގެ އިޚްތިޔާރުން ބޭރުން، އަމިއްލަ ނަފުސުން ނުއެދިހުރެ ކުރާކުރުމެއް ނޫނެވެ.
ނޫޙުގެފާނު ގޮވައިލެއްވި އަނެއް ކަމަކީ، އެ ކަލޭގެފާނަށް ކިޔަމަންވުމަށެވެ. އެއީ ﷲގެ ވަޙީއާގެން އެ މީހުންގެ ގާތަށް ވަޑައިގެން ހުންނެވި ރަސޫލެއް ކަމަށް ވާތީއެވެ. އެ ކަލޭގެފާނު ރަސޫލުކަމައިގެން ފޮނުއްވުމުގެ ކުރިޔަށް އެ ކަލޭގެފާނަކީ އެ މީހުންގެ ތެރޭ އުޅެ ބޮޑުވި އާދައިގެ އިންސާނެކެވެ. މިހާރު ވެސް ޠަބީޢީ ގޮތުން އެއީ ހަމަ އެ މީހުންފަދަ އިންސާނެކެވެ. އެހެނަސް އެކަލޭގެފާނު ވެވަޑައިގެންނެވީ މާތް ﷲ އިޚްތިޔާރުކުރައްވައި ހޮއްވަވައި ވަޙީ އިއްވެވި މީހަކަށެވެ. އިލާހީ ދަރުބާރުން ވަޒީފާއެއް ޙަވާލުކުރެއްވެވުނު ރަސޫލަކަށެވެ. ދެން އެ ކަން ދޫކޮށްލައްވައި އެ ކަމުން އެއްކިބާވެ ބަރީޢަތްވެވޭކަށް އެ ކަލޭގެފާނަކަށް ނޯންނާނެއެވެ. އެ ކަލޭގެފާނު އެ ބައިމީހުންނަށް އެ ގޮވައިލައްވަނީ، ﷲ އެ ކަލޭގެފާނަށް އަންގަވާ ކަންކަމަށެވެ. އެއީ އެ ޤައުމުގެ މީހުންނަށް ފައިދާހުރި ކަންކަމެވެ. އެހެނަސް އެ ބައިމީހުންނަށް އެ ކަން ނޭނގެނީއެވެ.
އެ ކަލޭގެފާނު އެބައިމީހުންނަށް ޔަޤީންކަން ދެއްވަމުން ވަޑައިގެންނެވީ، އެ މީހުން މި ކަންކަން ކޮށްފިއްޔާ ﷲ އެބައިމީހުންގެ އިސްވެގޮސްފައިވާ ހުރިހާ ފާފައެއް ފުއްސަވައި ދެއްވާނެ ކަމަށެވެ. ޝިރުކުގެ ނުބައި ޢަމަލުން ތަތްތެޅިފައި އެ ތިބަ އެންމެން އެ ކަމުން ސަލާމަތްކުރައްވައި، އެބައިމީހުން ވެއްޓެން އޮތް ނަރަކައިގެ އަނދަވަޅުން ސަލާމާތްކޮށްދެއްވާނެ ކަމަށެވެ. މީގެ ކުރިން ނޭނގި ތިބެ ޞަލާލަތުގެ އަނދިރީގެ ތެރެއަށް ވަދެވިފައި ތިބި އެންމެން ހިދާޔަތުގެ އަލިކަމަށް ނެރުއްވާނެ ކަމަށެވެ. އެ އަނދިރި ކަމުގެ ތެރޭ ޝިރުކުކުރާ ޙާލު މަރުވެއްޖެއްޔާ ކާމިޔާބުގެ ދުނިޔެއިން އެ މީހުން މަޙުރޫމުވާނެތީ، އެ މީހުން ކިޔަމަން ވެއްޖެ ނަމަ ފާފަފުއްސަވައި ދެއްވާނެ ކަމެވެ.
އަދިވެސް ނޫޙުގެފާނު އެބައިމީހުންނަށް ގޮވައިލެއްވި އަނެއް ކަމަކީ، އެބައިމީހުން މި ހިދާޔަތަށް ތަބާވުމަށާއި ފާފައިން ޠާހިރުވެ ހެޔޮ ޢަމަލުކުރުމަށް، މާތް ﷲ މުހުލަތު ދެއްވާނެކަމެވެ. އެއީ ކަނޑައެޅިގެންވާ އަޖަލަކަށް، ވަގުތަކަށް އެ މީހުންގެ މަރު ފަސްކޮށްދެއްވާނެ ކަމުގެ ޔަޤީންކަމެވެ. އުމުރުގައި ބަރަކާތް ލައްވާނެކަމެވެ. އެއީ އެބައިމީހުން އިޞްލާޙުވުމަށްފަހު ހެޔޮ ޢަމަލުކުރުމަށް ފުރުޞަތު ދެއްވުމުގެ ގޮތުންނެވެ. އެއީ އެބައިމީހުން ކުރީގައި ކޮށް އުޅުނު ހުރިހާ ނުބައި ޢަމަލުތަކެއް ހެޔޮ ޢަމަލުތަކަށް ބަދަލުކޮށްދެއެވުމަށް ﷲ އިރާދަކުރައްވާތީއެވެ.
ނޫޙުގެފާނު އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް ގޮވައިލައްވަމުން ގެންދެވީ މި ދެންނެވި އަގުހުރި ފުރުޞަތުތަކަށް އިޖާބަ ދެއްވުމަށެވެ. އެއީ އެބައިމީހުން ދެކެ ލޯބިވެވޮޑިގަންނަވާ އިލާހުގެ ޙަޟްރަތުން އެބައިމީހުންނަށް ފޮނުއްވުނު ރަޙުމަތެކެވެ. ރުއްސެވުމެކެވެ. ފުއްސެވުމެކެވެ. އިޖާބަދިން ބަޔަކަށް އޮތް ކާމިޔާބެކެވެ. ފުރަގަސް ދިން މިހުން ވެގެންދިޔައީ ދިރިތިބީންނަށް އޮތް ޢިބުރަތެއް ކަމުގައެވެ.