ކަންބޮޑުވެ ތިބާ މާޔޫސްވަނީހެއްޔެވެ؟ އުނދަގޫތައް އިޙުސާސްކުރެވި އުދާސްވަނީހެއްޔެވެ؟ ބޭނުންވާ ކަންކަން ހާސިލުނުވެ ދުވަސްތައް ދަނީހެއްޔެވެ؟ ރަނގަޅު ގޮތެއްވޭތޯ އިންތިޒާރީގައި ހުރެ ކެތްމަދުވަނީހެއްޔެވެ؟
މުއުމިނެއްގެ ހައިޘިއްޔަތުން ތިބާއީ އެއްގޮތަކަށް ވެސް ކަންބޮޑުވެ މާޔޫސްވެ އުދާސްވާން ޖެހޭ މީހެއް ނޫނެވެ. ތިބާގެ ވެރިރައްބަކީ، އެއިލާހުގެ އަޅުތަކުން ކުރާ ދުޢާ އައްސަވާވޮޑިގެންވާ ގަދަ ކީތިރިވަންތަ މާތް ﷲއެވެ. އަދި ހަމައެހެންމެ އެއީ ދުޢާ އިޖާބަކުރައްވާ އިލާހު ވެސް މެއެވެ. އެކަލާނގެ ވަނީ ކީރިތި ޤުރުއާނުގައި އެ ވާހަކަ ބަޔާންކުރައްވައިފައެވެ. ﴿وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِ﴾ (البقرة: ١٨٦) މާނައީ: "އަދި ތިމަން އިލާހާމެދު ތިމަން އިލާހުގެ އަޅުން ކަލޭގެފާނާ ސުވާލުކޮށްފި ނަމަ، (ކަލޭގެފާނު ވިދާޅުވާށެވެ.) ފަހެ ހަމަކަށަވަރުން ތިމަން އިލާހީ (އެ މީހުންނާ) ކުއްތަންވެވޮޑިގެންވާ އިލާހެވެ. ތިމަން އިލާހުގެ ޙަޟްރަތަށް ދުޢާކޮށްފި ނަމަ، ދުޢާކުރި މީހާގެ ދުޢާ ތިމަން އިލާހު އިޖާބަ ކުރައްވަމެވެ."
މިއީ ﷲގެ ޙަޟްރަތުން އޮތް ވަޢުދުފުޅެކެވެ. އަމިއްލަ ޒާތުފުޅަށް އުފުއްލަވާ ޒިންމާފުޅެކެވެ. އެއްވެސް އިންސާނަކު އެއިލާހަށް ދުޢާކޮށްފިއްޔާ އިޖާބަކުރެއްވުމެވެ. އެދި ދަންނަވައިފިއްޔާ ދެއްވުމެވެ. އެހެންކަމުން ކުރާ ކޮންމެ ދުޢާއެއް ކުރާ ކޮންމެ ވަގުތަކު މާތް ﷲ އައްސަވައިވޮޑިގެންވާނެއެވެ. އެއީ އާންމު ޤަވާޢިދެވެ. އޭގެ ތެރެއިން ވެސް ވަކިން ޚާއްޞަ ހާލަތްތަކާއި ވަގުތުތައް ހުރެއެވެ.
މާތް ﷲ ކަންޑައަޅުއްވައިފައި ހުން ބައެއް ޚާއްޞަ ހާލަތްތަކާއި ވަގުތުތަކަކީ އިންސާނުންގެ ނިސްބަތުން އެބައިމީހުންނަށް ހިތްވަރުދެއްވުމުގެ ގޮތުން ކަނޑައަޅުއްވައިފައި ހުންނަ ކަންކަމެވެ. އެއީ ފަހަރެއްގައި ވެސް ﷲ އެއިލާހުގެ އަމިއްލަ ޛާތުފުޅަށް ޚާއްޞަކުރައްވައިފައި ހުންނަ ކަންކަމެއް ނޫނެވެ. އެހެނީ އެއިލާހަކީ އެއިލާހުގެ ޛާތުފުޅަށް ޒަމާނާއި މަކާނު ލިބިވޮޑިގެންވާ ފަރާތެއް ނޫނެވެ. އެއީ ފެށުމެއް ނެތި އިސްވެވޮޑިގެންވާ، އަދި ނިމުމެއް ނެތި ފަސްވެވޮޑިގެންވާ އިލާހެވެ. އެއިލާހަކީ އެއިލާހުގެ ޢިލްމުފުޅުން ހުރިހާތަނެއްގައި ހުރިހާ އިރެއްގައި ހިނގާ ހުރިހާ ކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.
އެހެންކަމުން މޫސުމްތަކާއި ވަގުތުތައް ޚާއްޞަކުރައްވައި އިންސާނުންނަށް ފާހަގަތަކެއް ކަމުގައި އެ ކަންކަން ލެއްވެވީ އެ މީހުން އެ ޚާއްޞިއްޔަތުގެ ތެރޭގައި އަޅުކަމުގައި ހީވާގި ކުރެއްވުމަށް ޓަކައެވެ. އެ ގޮތުން ބަލާއިރު ބަންގިޔާ ޤަމަތާ ދެމެދުގެ ވަގުތަކީ ރަނުގެ ފުރުޞަތެކެވެ. އެއީ ދުޢާ ޢިޖާބަވުމުގެ ޚާއްޞަ ވަގުތުކޮޅެކެވެ. އަނަސް رَضِيَ اللهُ عَنْهُގެ ކިބައިން ރިވާވެގެން ވެއެވެ. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. «الدُّعَاءُ لَا يُرَدُّ بَيْنَ الأَذَانِ وَالإِقَامَةِ» (سنن الترمذي: 3595) މާނައީ: "ބަންގިއާ ގަމަތާ ދެމެދު ކުރާ ދުޢާ ރައްދު ނުކުރެވޭނެއެވެ." މިއީ މި ބާބުގައި ވާރިދުވެފައިވާ އެންމެ ޞައްޙަ ޙަދީޘް ކަމުގައި އިމާމް ތިރްމިޛީ ވިދާޅުވިއެވެ. (سنن الترمذي - ت شاكر 5/577)
މި ޙަދީޘުގައި އެވާ "ދުޢާ ރައްދު ނުކުރެވޭނެ" ކަމަށް ބުނެވޭ ބަހުގެ މުރާދަކީ ދުޢާ އިޖާބަނުކުރައްވައި ރައްދު ނުކުރެވޭނެ ވާހަކަ ކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ. އެ ގޮތުން މުޙައްމަދު ބުނު ޢަބްދުލް ހާދީ އައްސިންދީ رَحِمَهُ اللهُ ވިދާޅުވެފައި ވެއެވެ. "ބަންގިއާ ގަމަތާ ދެމެދުގެ ވަގުތަކީ ދުޢާ އިޖާބަވާ ވަގުތުތަކުގެ ތެރެއިން ވަގުތެކެވެ. ދުޢާ އިޖާބަވުން އެދޭ މީހާ އެ ވަގުތާ މެދު ޣާފިލުނުވުންހުށްޓެވެ." (حاشية السندي على المسند)
މިހުރީ ހައްތާވެސް އަޅުގަނޑުމެންގެ އަމިއްލަ ނަފުސުތަކަށް ހަމަޖެހުމާއި ހިތްގައިމުކަން ހޯދާނޭ މަގުތަކެވެ. މި ކަމުގެ ސަބަބުން ލިބޭ އަނެއް ފައިދާއަކީ ފަރުޟު ނަމާދުތަކަށް ފަރުވާތެރިވެވުމެވެ. ފިރިހެނުން ބަންގީގެ ކުރިން މިސްކިތައް ދިޔުމަށް ލިބޭ ހިތްވަރެކެވެ. ބަންގި ގޮވާއިރު މިސްކިތުގައި ހުރެ ޤަމަތާ ދެމެދު މީހާ ދުޢާކުރުމުގައި މަޝްޣޫލު ވާންވީއެވެ. ބަންގިއާ ޤަމަތާ ދެމެދުގެ ވަގުތަކީ ރަނުގެ ފުރުޞަތެކެވެ. ދުޢާ އިޖާބަކުރައްވާނެ ކަމަށް އޮތް ރަނުގެ މި ފުރުޞަތު ނަގައިނުލާށެވެ!