މީދޫ އިންތިޚާބުގެ މައްސަލަ ހައިކޯޓަށް ބަލައިގެންފި

ހައިކޯޓަށް މައްސަލަ ހުށަހެޅި ޕީއެންސީގެ ކެންޑިޑޭޓް ސުހާ: އޭނާ ހުށަހެޅި މައްސަލަ ވަނީ ބަލައިގެންފައި --

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބޭއްވި އިންތިޚާބުގެ ނަތީޖާއާމެދު ޚިޔާލުތަފާތުވުން އުފެދި، އެ މައްސަލަ މިހާރު ވަނީ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައެވެ. ފުރަތަމަ ވަގުތީ ނަތީޖާއިން ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހީމް ކުރީގައި އޮތް ނަމަވެސް، އިލެކްޝަންސް ކޮމިޝަނުން މައްސަލަތައް ބެލުމަށްފަހު ސައްހަ ނޫން ވޯޓެއް އުނިކުރުމުން، އެއް ވޯޓުގެ ތަފާތުން ކުރި ހޯދީ އެމްޑީއޭގެ ކެންޑިޑޭޓް މުޙައްމަދު ޝާހިދެވެ. މިކަމާ ގުޅިގެން ޕީއެންސީގެ ކެންޑިޑޭޓްގެ ފަރާތުން ހައިކޯޓަށް މައްސަލަ ހުށަހެޅުމުން ކޯޓުން ވަނީ މައްސަލަ ބަލައިގަނެ، އަންނަ ހަފުތާގައި އަޑުއެހުންތައް ފެށުމަށް ތާވަލުކޮށްފައެވެ.

  • ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމުގެ އިންތިޚާބީ މައްސަލަ ހައިކޯޓަށް.
  • ފުރަތަމަ ވަގުތީ ނަތީޖާއިން ޕީއެންސީގެ ކެންޑިޑޭޓަށް ކުރި ލިބުނުކަން.
  • އިލެކްޝަންސް ކޮމިޝަނުން ބާތިލް ވޯޓެއް އުނިކުރުމުން އެމްޑީއޭ ކެންޑިޑޭޓް މޮޅުވުން.
  • ރަސްމީ ނަތީޖާ ދައްކާގޮތުން އެމްޑީއޭ ކެންޑިޑޭޓަށް 392 ވޯޓު އަދި ޕީއެންސީ ކެންޑިޑޭޓަށް 391 ވޯޓު ލިބުން.

ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ނެގި ވޯޓުގެ މައްސަލަ ހައިކޯޓަށް ބަލައިގަނެ، އަންނަ ހަފުތާގައި އަޑު އެހުންތައް ފެށުމަށް ތައްޔާރުވެއްޖެއެވެ.

މި މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި އެންމެ މައްސަލަ ބޮޑުވި އެއް ދާއިރާއަކީ ދ. މީދޫ ދާއިރާގެ ވޯޓެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)ން ފުރަތަމަ އާންމުކުރި ވަގުތީ ނަތީޖާ ދައްކާ ގޮތުން، އެ އިންތިޚާބުގައި ވެރިކަން ކުރާ ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހީމަށް 393 ވޯޓު ލިބުނުއިރު، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ކެންޑިޑޭޓް މުޙައްމަދު ޝާހިދަށް ލިބުނީ 392 ވޯޓެވެ.

އެހެންނަމަވެސް، ލ. ފޮނަދޫގައި ބެހެއްޓި ވޯޓު ފޮށްޓަކަށް، ވޯޓުލުމުގެ ހައްގު ނެތް ފަރާތަކުން ވޯޓުލާފައިވާ މައްސަލައެއް ފާހަގަވެ، އެމްޑީއޭއިން އީސީއަށް މައްސަލަ ހުށަހެޅިއެވެ. އެ ވޯޓު ގުނުމުގައި ބާތިލު ވޯޓެއް އޮތުމުން އަލުން ގުނައިދިނުމަށް އެދި ވެރިކަން ކުރާ ޕީއެންސީން ވެސް މައްސަލައެއް ހުށަހެޅިއެވެ.

އެ މައްސަލައިގައި އީސީގެ ކޮމްޕްލެއިންޓްސް ބިއުރޯގެ މެމްބަރުންގެ އިއްތިފާގުން ވަނީ، މައްސަލަ ޖެހުނު ވޯޓަކީ ސައްހަ ނޫން ވޯޓެއް ކަމަށް ކަނޑައަޅައި، ނަތީޖާއިން އެ ވޯޓު އުނިކުރުމަށް ނިންމާފައެވެ.

އެ ކޮމިޝަނުން އަލުން ވޯޓު ގުނުމުން އެއް ވޯޓުގެ ތަފާތުން ކައުންސިލްގެ ރައީސްގެ ގޮނޑި ކާމިޔާބުކުރީ އެމްޑީއޭގެ ކެންޑިޑޭޓެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މީދޫ ކައުންސިލްގެ ވޯޓުގެ މައްސަލަ މިހާރުވަނީ ހައިކޯޓުގައި ރަޖިސްޓްރީކޮށްފައެވެ. މި މައްސަލަ ހުށަހެޅީ ޕީއެންސީގެ ކެންޑިޑޭޓް ސުހާއެވެ. މި މައްސަލައިގެ އަޑު އެހުންތައް އަންނަ ހަފުތާގައި ފެށޭނެ ކަމަށް ބެލެވެއެވެ.

ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 172 ވަނަ މާއްދާގެ (ހ) ގެ ދަށުން، އިންތިޚާބަކާ ގުޅޭގޮތުން ނުވަތަ އިންތިޚާބެއްގެ ނަތީޖާއަކާ ގުޅޭގޮތުން ޝަކުވާއެއް އޮތްނަމަ، އެ މައްސަލައެއް ކޯޓަށް ހުށަހެޅުމުގެ ފުރުޞަތު ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ. އިންތިޚާބުތަކާބެހޭ ޢާއްމު ގާނޫނުގެ 64 ވަނަ މާއްދާގެ ދަށުން، އިންތިޚާބީ މައްސަލަތައް ބެލުމުގެ ފުރަތަމަ މަރްޙަލާގެ އިޚްތިޞާޞް ލިބިގެންވަނީ ދިވެހިރާއްޖޭގެ ހައިކޯޓަށެވެ. ހައިކޯޓުން ނިންމާ ނިންމުމެއް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވިދާނެއެވެ.

އިންތިޚާބުތަކާބެހޭ ޢާންމު ގާނޫނުގެ 66 ވަނަ މާއްދާގެ ދަށުން، އިންތިޚާބީ މައްސަލައެއް ކޯޓަށް ހުށަހަޅަންވާނީ، އެ އިންތިޚާބެއްގެ ރަސްމީ ނަތީޖާ އިޢުލާންކުރާ ތާރީޚުން ފެށިގެން ގިނަވެގެން 14 ދުވަހުގެ ތެރޭގައެވެ.

އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރި މީދޫ ވޯޓުގެ ރަސްމީ ނަތީޖާ ދައްކާ ގޮތުން ސުހާއަށް ލިބުނީ، 391 ވޯޓެވެ. ޝާހިދަށް 392 ވޯޓު ލިބުނު އިރު، އަމިއްލަ ގޮތުން ވާދަކުރި އިބްރާހީމް ނަސީމް، 100 ވޯޓު ހޯދިއެވެ.

comment ކޮމެންޓް