ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ބިދޭސީންގެ ތެރޭގައި މި ފަހުން އިންޑިއާގެ މީހުން އިތުރުވެފައި ވަނިކޮށް، އެ ގައުމުގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ކަންބޮޑުވުން ފާޅުކޮށް ޚާއްސަ އެޑްވައިޒަރީއެއް ނެރެފިއެވެ.
މި އެޑްވައިޒަރީ ނެރެފައި ވަނީ ރާއްޖޭގެ މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ގެނައި އިސްލާހުތަކާއެކު އަދަބުތައް ހަރުކަށިވެފައިވާ ދަނޑިވަޅެއްގައެވެ.
އެންސީބީން ނެރުނު "ހައި-ޕްރަޔޯރިޓީ އެޑްވައިޒަރީ"ގައި ފާހަގަކޮށްފައިވާ ގޮތުގައި، ގައުމެއްގެ ގާނޫނު ނޭނގުމަކީ ކުށުން ބަރީއަވުމަށް ދެއްކޭނެ އުޒުރެއް ނޫނެވެ. އެހެންކަމުން، ރާއްޖެއަށް ދަތުރުކުރާ އިންޑިއާ ރައްޔިތުން ހަރުކަށި އަދަބުތަކުން ސަލާމަތްވުމަށްޓަކައި ގާނޫނަށް ބޯލެނބުން މުހިންމު ކަމަށް އެ ބިއުރޯއިން ބުނެފައިވެއެވެ.
މީގެ އިތުރުން، އެއާޕޯޓުތަކާއި ބަނދަރުތަކުން ދަތުރުކުރާއިރު ގޮތް ނޭނގޭ މީހުން ދޭ ތަކެއްޗާ ހަވާލުނުވުމަށާއި، އަމިއްލަ ދަބަސްތަކަށް ސަމާލުވުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު މަސްތުވާތަކެތީގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން، ވަކި މިންވަރަކަށް ވުރެ ގިނައިން މަސްތުވާތަކެތި އެތެރެކޮށްފިނަމަ މަރުގެ އަދަބު ކަނޑައެޅެއެވެ. އެގޮތުން 350 ގްރާމަށް ވުރެ ގިނަ ކެނެބިސް އެތެރެކުރުމާއި 250 ގްރާމަށް ވުރެ ގިނަ ޑައިމޯފިން އެތެރެކުރުމުގެ އިތުރުން ޖަދުވަލު އެކެއްގައިވާ އެހެން ބާވަތެއްނަމަ 100 ގްރާމަށް ވުރެ ގިނައިން އެތެރެކުރުން ހިމެނެއެވެ.
މި ބަދަލުތަކަށް އަމަލުކުރަން ފަށާފައި ވަނީ މިދިޔަ މާޗު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެންނެވެ.
ގާނޫނުގައިވާ ގޮތުން މަރުގެ އަދަބު ތަންފީޒު ކުރެވޭނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން އެގޮތަށް ހުކުމް ކުރުމުންނެވެ. އެގޮތުން ސުޕްރީމް ކޯޓުގެ ބެންޗުން އިއްތިފާގު ނުވާ ހާލަތުގައި އިއްވަން ޖެހޭނީ އުމުރަށް ޖަލަށްލުމާ އެކު 100,000 ރުފިޔާއިން ފެށިގެން 10,000,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.
މި ފަހަކަށް އައިސް އިންޑިއާ މީހުން މަސްތުވާތަކެއްޗާއެކު ހައްޔަރުކުރާ މިންވަރު ވަނީ އިތުރުވެފައެވެ. މިދިޔަ މަހު އެކަނި ވެސް ތިން މައްސަލައެއްގައި އިންޑިއާގެ ފަސް މީހަކު ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރޭގައި 6.7 ކިލޯގެ ހަޝިޝް އޮއިލް އެތެރެކުރަން އުޅުނު ބަޔަކު ހިމެނެއެވެ. އަދި މި މަހުގެ ތެރޭގައި ވެސް ވެލާނާ އެއާޕޯޓުން މަސްތުވާތަކެއްޗާއެކު އިންޑިއާގެ ހަތަރު މީހަކު ވަނީ އަތުލައިގަނެފައެވެ.
ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ވެސް ވަނީ ރާއްޖޭގެ ގާނޫނުތަކަށް ފުރިހަމައަށް ބޯލެނބުމަށް ދަތުރުވެރިންނަށް އިލްތިމާސްކޮށްފައެވެ.