ކަރަންސީ ސްވަޕްގެ ދަށުން އިންޑިއާއިން ރާއްޖެއަށް 319 މިލިއަން ޑޮލަރު ދޭން ނިންމައިފި

ރާއްޖެއާއި އިންޑިއާގެ ގުޅުމަށް 60 އަހަރު ފުރުން ފާހަގަކޮށް ސްޓޭމްޕް ބަދަލުކުރެއްވުމަށް ފަހު ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ސަލާމްކުރައްވަނީ --- ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖޭގެ އިޤްތިޞާދަށް އެހީތެރިވުމުގެ ގޮތުން އިންޑިއާ ސަރުކާރުން ސާކް ކަރަންސީ ސްވޮޕް އޮނިގަނޑުގެ ދަށުން 319 މިލިއަން ޑޮލަރު ނުވަތަ 30 ބިލިއަން އިންޑިއަން ރޫޕީސް ދޫކުރަން ނިންމައިފިއެވެ. މިއީ 2024 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ވެވުނު އެއްބަސްވުމެއްގެ ދަށުން ހަމަޖެހުނު އެހީތެރިކަމެކެވެ. މީގެ ކުރިން ދޫކުރި 400 މިލިއަން ޑޮލަރުގެ މުއްދަތު 23 އޭޕްރިލް 2026 އަށް ހަމަވެފައިވާއިރު، އަލަށް އެކުލަވާލެވުނު އޮނިގަނޑުގެ ދަށުން އިންޓްރެސްޓް ރޭޓާއި ޝަރުޛުތަކަށް ވަނީ ބޮޑެތި ލުއިތަކެއް ދީފައެވެ. އަދި އިންޑިއާގެ ނެއިބަހުޑް ފަސްޓް ސިޔާސަތުގެ ދަށުން ރާއްޖެއަށް އަބަދުވެސް އެހީތެރިވާނެކަމުގެ ޔަޤީންކަން އެ ޤައުމުން ވަނީ ދީފައެވެ.

  • އިންޑިއާ ސަރުކާރުން ރާއްޖެއަށް 319 މިލިއަން ޑޮލަރު ދޫކުރުމަށް ނިންމުން.
  • މި ފައިސާ ދޫކުރަނީ ސާކް ކަރަންސީ ސްވޮޕް އޮނިގަނޑުގެ ދަށުން.
  • މިއީ 2024 ވަނަ އަހަރުގެ އެއްބަސްވުމުގެ ދަށުން ހަމަޖެހިގެންދިޔަ އެހީއެއް.
  • އައު ފެސިލިޓީގެ އިންޓްރެސްޓް ރޭޓާއި ޝަރުޛުތަކަށް ވަނީ ލުއިތަކެއް ދީފައި.
  • ކުރިން ދޫކުރި 400 މިލިއަން ޑޮލަރުގެ މުއްދަތު ވަނީ ހަމަވެފައި.
  • އިންޑިއާއިން އަބަދުވެސް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން ދީފައިވޭ.

ދިވެހި ސަރުކާރަށް ންޑިއާ ސަރުކާރުން ފޯރުކޮށްދެމުންދާ އިޤްތިޞާދީ އަދި މާލީ އެހީތެރިކަމުގެ ދަށުން، ރާއްޖެއަށް 319 މިލިއަން އެމެރިކާ ޑޮލަރު (30 ބިލިއަން އިންޑިއަން ރޫޕީސް) ދޫކުރުމަށް އިންޑިއާ ސަރުކާރުން ނިންމައިފިއެވެ.

މާލޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، "ސާކް ޤައުމުތަކަށް ޚާއްސަ ކަރަންސީ ސްވޮޕް އިންތިޒާމުގެ އޮނިގަނޑު" ގެ ދަށުން މި ފައިސާ ދޫކުރުމަށް ނިންމާފައިވަނީ މީގެ ފުރަތަމަ ފިޔަވަހީގެ ދަށުން ކަމަށެވެ.

މިއީ 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި، ރިޒާވް ބޭންކް އޮފް އިންޑިއާ (އާރުބީއައި) އާއި ދިވެހި ސަރުކާރާ ދެމެދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ހަމަޖެހިގެންދިޔަ އެހީތެރިކަމެކެވެ.

މި އޮނިގަނޑުގެ ދަށުން މީގެ ކުރިން އޮކްޓޫބަރު 2024 ގައި ދިވެހިރާއްޖެއަށް ދޫކުރި 400 މިލިއަން އެމެރިކާ ޑޮލަރުގެ މުއްދަތު މިއަދަށް ވަނީ ހަމަވެފައެވެ.

އަދި 2024 އިން 2027 އަށް އެކުލަވާލާފައިވާ އައު އޮނިގަނޑުގެ ދަށުން މިހާރު ދޫކުރާ ރޫޕީ ސްވޮޕް ފެސިލިޓީގައި އިންޓްރެސްޓް ރޭޓާއި އެހެނިހެން ޝަރުތުތަކުގައި ބޮޑެތި ލުއިތަކެއް ހިމެނޭކަމަށް ހައިކޮމިޝަނުން ފާހަގަކުރެއެވެ.

ދެހާސްބާރަވަނަ އަހަރު ސާކް ސްވޮޕް ފްރޭމްވޯކް ފެށުނީއްސުރެ، ރިޒާވް ބޭންކް އޮފް އިންޑިއާއިން ވަނީ ޖުމްލަ 1.1 ބިލިއަން އެމެރިކާ ޑޮލަރުގެ އެހީތެރިކަން ރާއްޖެއަށް ފޯރުކޮށްދީފައެވެ.

މީގެ އިތުރުން، ދިވެހި ސަރުކާރުގެ އެދުމުގެ މަތިން ކުއްލި މާލީ އެހީތެރިކަމުގެ ގޮތުގައި، ދިވެހި ސަރުކާރުން ދޫކޮށްފައިވާ 100 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބިލްތަކުގެ މުއްދަތު ވެސް އިންޑިއާއިން ވަނީ މިދިޔަ އަހަރު އިތުރުކޮށްދީފައެވެ.

އިންޑިއާ ހައިކޮމިޝަނުން އިތުރަށް ބުނެފައިވަނީ، އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތާއި "މަހާސާގަރު" ތަޞައްވުރުގެ ދަށުން ރާއްޖެއަކީ އިންޑިއާގެ މުހިންމު ބައިވެރިއެއް ކަމަށެވެ. އަދި ގާތް އަވަށްޓެރި ޤައުމެއްގެ ހައިސިއްޔަތުން، ރާއްޖެއަށް ބޭނުންޖެހޭ ކޮންމެ ދަނޑިވަޅެއްގައި އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދޭ ފަރާތެއްގެ ގޮތުގައި އިންޑިއާ އަބަދުވެސް ދެމިއޮންނާނެ ކަމުގެ ޔަޤީންކަން އެ ގައުމުން ވަނީ ދީފައެވެ.

comment ކޮމެންޓް