ށ. މިލަންދޫން މިދިޔަ ހޮނިހިރާއި އާދިއްތަ ދުވަހު، ގާތްގަނޑަކަށް 130،000 ރުފިޔާއަށް އަރާ ވަރުގެ ތަކެތި ވަގަށް ނަގައިފައިވާ ކަމަށާއި، އެ ތަކެތި އަލުން ހޯދައިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ފުލުހުން ބުނީ މިލަންދޫ ގެއަކުން ޓީވީތަކަކާއި ސެންޓުފުޅިތަކެއް ވަގަށް ނެގި މައްސަލައެއް މިދިޔަ ހޮނިހިރު ދުވަހު ރިޕޯޓުކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި 60 އިންޗީގެ ސްކައިވޯތް ޓީވީއަކާއި، 65 އިންޗީގެ ޓީސީއެލް ޓީވީއެއް ހިމެނޭ ކަމަށް އެ މުއައްސަސާއިން ބުންޏެވެ. އަދި 240 އެމެރިކާ ޑޮލަރު (3,708 ރުފިޔާ)ގެ އަގުހުރި ގުޗީ ފުލޯރާ ސެންޓު ފުޅިއަކާއި ހަ ހާހެއްހާ ރުފިޔާގެ އަގުހުރި އިތުރު ސެންޓުފުޅިތައް ނެގި ކަމަށް ވެސް ފުލުހުން ހާމަކުރިއެވެ.
އެ މުއައްސަސާއިން ބުނި ގޮތުގައި ވަގަށް ނެގި ހުރިހާ ތަކެއްޗެއް މިހާރު ވަނީ ހޯދައި ވެރިފަރަތާ ހަވާލުކޮށްފައެވެ.
އެ މައްސަލައާ ގުޅިގެން އަންގާރަ ދުވަހު ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެއީ އެ ރަށު، ރެޑްރޯސް، އަޙްމަދު ޢަޒީމް (34އ) އާއި އެ ރަށު، ތަރިވިދާގެ މުޙައްމަދު ޝިފާއު (29އ) ކަމަށް އެ މުއައްސަސާއިން ބުންޏެވެ.
އެ ދެ މީހުން 10 ދުވަހަށް ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ފުލުހުން ބުނީ، އާދިއްތަ ދުވަހު ރިޕޯޓުކޮށްފައި ވަނީ، މިލަންދޫ ގެއެއްގެ ގަރާޖުން ލައްކައަކަށް ވުރެ ގިނަ ރުފިޔާގެ އިންޖީނު ބައިތަކެއް ވަގަށް ނެގި މައްސަލައެއް ކަމަށެވެ. އެގޮތުން އެ ގަރާޖުން ވަގަށް ނެގީ ޔަމަހާ ބްރޭންޑްގެ އައުޓްބޯޑް ގިޔަރަކާއި އޭގައި އަޅުވައިފައިވާ ބުރަފައްޗެއް ކަމަށާއި، އެ ތަކެތީގެ އަގު 120،000 ރުފިޔާއަށް ވުރެ ބޮޑު ކަމަށް ވެރިފަރާތުން ބުނެފައިވާ ކަމަށެވެ.
ފުލުހުންގެ ތަހުގީގުގައި ކުރި މަސައްކަތުން، ވަގަށް ނެގި ތަކެތި ހަމަ އެ ދުވަހުގެ މެންދުރުފަހު 2:30 ހާއިރު މިލަންދޫ ފަޅުތެރޭގައި އަޅާފައި އޮތް ބޯޓެއްގެ ކައްޕިއަށް ވިއްކިކަން އެނގުނު ކަމަށް އެ އިދާރާއިން ބުންޏެވެ. އެގޮތުން ތަކެތި ވިއްކައިފައި ވަނީ 2،500 ރުފިޔާއަށް ކަމަށް މައުލޫމާތު ލިބުނުކަން ފުލުހުން ހާމަކުރިއެވެ.
ފުލުހުން އެ ބޯޓަށް ގޮސް ބޯޓު ބަލައިފާސްކުރިއިރު، ބޯޓުގެ އިންޖީނުގެ ވަތުތެރެއިން، ވަގަށް ނެގި ތަކެތި ފެނިފައިވާ ކަމަށް އެ ޚިދުމަތުން ބުންޏެވެ.
އެ ދެ މައްސަލަ ވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.