އުއްތަމަ ފަނޑިޔާރާއި، ސުޕްރީމް ކޯޓާއި، ހައިކޯޓު ހިމެނޭހެން މަތީ ކޯޓުތަކުގެ ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ޖުޑީޝަލް ކައުންސިލް ރުޖޫއަކުރުމުގެ ސަބަބުން، ކޯޓުތަކުގައި ފުނިޖެހިފައި ހުރި މައްސަލަތައް އަވަސްވެގެން ދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ކުރީގެ ރައީސް ޙުސައިން ރިޟާ އާދަމް މިރޭ ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ 'ޕީއެސްއެމް'ގެ "ކޮމާކޯޅި" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން، ރައްޔިތުންގެ މަޖިލީހުގެ މާފުށި ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ރިޟާ ވިދާޅުވީ، ޝަރުއީ ދާއިރާ މިނިވަން ވެވޭނީ ފަނޑިޔާރުންނަށް ފުރިހަމަ ގޮތުގައި ބާރުތައް ދީގެން ކަމަށެވެ.
ރިޟާ ވިދާޅުވީ، އެ ކައުންސިލުގެ ދައުރަކީ ޝަރުއީ ދާއިރާގެ ސިޔާސަތުތައް ކަނޑައެޅުމާއި، ފަނޑިޔާރުންނަށް ބޭނުންވާ ތަމްރީނުތައް ހޯދުމާއި، ފަނޑިޔާރުންގެ ލަފަޔާއި މަޝްވަރާ ހޯދުން ކަމަށެވެ.
"އަދި ޚާއްސަކޮށް، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ކައުންސިލުގެ ވަރަށް ބޮޑު ޒިންމާއަކަށް ވެގެން ދާނެ، މިހާރު މި [ކޯޓުތަކުގެ] މައްސަލަތައް ލަސްވާ ލަސްވުން،" އޭނާ ވިދާޅުވިއެވެ.
މީގެ ދުވަސްތަކެއް ކުރިން، މަދަނީ އިޖުރާއަތުގެ ގާނޫނަށް އައި ބަދަލާ ގުޅިގެން ކޯޓުތަކުގައި ގިނަ މައްސަލަތައް ހުއްޓިފައި އެބައޮތްކަން ރިޟާ ފާހަގަކުރެއްވިއެވެ. ހަމަ އެހެންމެ، ކޯޓުތަކުގައި މައްސަލަތައް ލަސްވާތީ ބަންޑާރަނައިބުގެ އޮފީހަށް ޖޭއެސްސީގެ ފަރާތުން އިސްލާހެއް ހުށަހެޅިތާ އަހަރެއްވެއްޖެ ކަމަށާއި، އެ އިސްލާހުތައް މާދަމާ ފާސްވިޔަސް، މައްސަލަތައް އަވަސްވެގެން ދާނެ ކަމަށް ރިޟާ ވިދާޅުވިއެވެ.
ކޯޓުތަކުގައި މައްސަލަތައް ފުނިޖެހިފައި އޮތުމަކީ، ރިޟާ ފާހަގަކުރެއްވި ގޮތުގައި، އާންމުންގެ ބޮޑު ކަންބޮޑުވުމެކެވެ. އޭގެތެރޭގައި، ޝަރީއަތް ނިމެންދެން، ނުވަތަ ވާނުވާގައި ގިނަ ދުވަހު ބަންދުގައި ތިބޭ މީހުންގެ އާއިލާތައް ހިމެނޭ ކަމަށް، ރިޟާ ވިދާޅުވިއެވެ.

ޙުސައިން ރިޟާ އާދަމް -- ސަން ފޮޓޯ/ މާނިއު މުހައްމަދު
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ކައުންސިލު ވުޖޫދުވުމާ ގުޅިގެން ކައުންސިލުގެ މަސައްކަތްތައް ސީދާ ފަނޑިޔާރުންނާ ޑައިރެކްޓްކޮށް ވާހަކަދައްކައި، ހުރިހާ ކޯޓުތަކެއްގެ ޝާމިލްވުން މި ކައުންސިލުގައި އޮންނާތީ ހަމަ އެ ފަރާތްތަކާ ވާހަކަދައްކައިގެން ކޯޓުތަކުގެ މައްސަލަތައް އަވަސްކުރުމަށްޓަކައި ވެސް މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި މަސައްކަތް ކުރެވިދާނެ،" އޭނާ ވިދާޅުވިއެވެ.
މިދިޔަ ހޯމަ ދުވަހު ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި، އޭރު އޮތް ރައްޔިތުންގެ މަޖިލީހުން ޖޭއެސްސީގެ ގާނޫނަށް ބަދަލު ގެނެސް، 2019ވަނަ އަހަރު ޑީޖޭއޭ، ޖޭއެސްސީގެ ދަށަށް ގެނައި ކަމަށެވެ.
އޭގެ ސަބަބުން ނުސީދާ ގޮތުން ޖުޑީޝަރީއަށް ނުފޫޒު ފޯރުވިފައިވާ ކަމަށް ވިދާޅުވެ، ރައީސް ވިދާޅުވީ، ޖޭއެސްސީގެ ދަށުގައި ޑީޖޭއޭ އޮންނަ އޮތުން ނިމުމަކަށް ގެނެސް، އެންމެ ފުރަތަމަ ޖުޑީޝަރީގެ ކަންކަން ރޭވިފައިވާ ގޮތަށް ބަދަލުކުރުމުގެ ވިސްނުމެއް ގެންގުޅުއްވާ ކަމަށެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު -- ފޮޓޯ: ރައީސް އޮފީސް
"ޖުޑީޝަލް ކައުންސިލް ރީއިންސްޓޭޓްކުރެވޭނެ ކަހަލަ ގޮތަކަށް ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، އަދި އޭގެ އިތުރަށް އުއްތަމަ ފަނޑިޔާރާއި ޖުޑީޝަލް ކައުންސިލަށް ޖަވާބުދާރީވާ ތަނަކަށް ޑީޖޭއޭ ބަދަލުވެގެން ދިއުން، އަދި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ޖަވާބުދާރީވާންޖެހޭނީ ޖުޑީޝަލް ކައުންސިލު އަދި އުއްތަމަ ފަނޑިޔާރަށް ކަމަށް ބަދަލުވުމަކީ އަޅުގަނޑު ހިތުން ކޯޓުތަކުގެ ނިޒާމަށް އަންނަންޖެހޭ ރަނގަޅު ބަދަލެއް،" އެމަނިކުފާނު ވިދާޅުވިއެވެ.
ދެހާސް ދިހަވަނަ އަހަރު އަމަލުކުރަން ފެށި ކޯޓުތަކުގެ ގާނޫނުގައިވާ ގޮތުން، ޖުޑީޝަލް ކައުންސިލުގެ ނަމުގައި، ކޯޓުތަކުން ހަދަންޖެހޭ ގަވައިދުތައް އެއް އުސޫލަކުން ހަދައި، ހުރިހާ ކޯޓެއްގައި އެއް މިންގަނޑުތަކެއް ހިފެހެއްޓުމަށް މަގުފަހިކުރުމުގެ ގޮތުން، އަދި ކޯޓުތައް ހިންގުމާގުޅޭ ގޮތުން މަޝްވަރާ ދިނުމަށް ކައުންސިލެއް އުފައްދައިފައިވެއެވެ.
އެ ކައުންސިލު އެކުލެވިގެންވަނީ އުއްތަމަ ފަނޑިޔާރާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ހައި ކޯޓުގެ އިސް ފަނޑިޔާރާއި، ދަށު ކޯޓުތަކުގެ އިސް ގާޒީންނާއި، އުތުރުގެ މެޖިސްޓްރޭޓަކާއި ދެކުނުގެ މެޖިސްޓްރޭޓެއްގެ މައްޗަށެވެ.
އެކަމަކު މާ ގިނަ ދުވަހެއްނުވެ، ސުޕްރީމް ކޯޓުން ވަނީ، އެ ކައުންސިލާ ގުޅުންހުރި މާއްދާތައް އުވައިލައިފައެވެ.
ޖޭއެސްސީ މިނިވަންކޮށް، އެ ކޮމިޝަންގެ އެކުލެވުން ބަދަލުކުރުމަކީ މިދިޔަ އެމްޑީޕީ ސަރުކާރުގެވެސް އަދި މި ސަރުކާރުގެވެސް ވައުދެކެވެ.
ފާހަގަކުރެވޭ ގޮތުގައި މިދިޔަ ސަރުކާރުގެ އަޣުލަބިއްޔަތު އޮތް 19ވަނަ ރައްޔިތުންގެ މަޖިލީހަށް ޖޭއެއެސްސީ އިސްލާހުކުރުމަށް އޭރުގެ އިދިކޮޅު ޕީޕީއެމް/ ޕީއެންސީން ތިން ފަހަރެއްގެ މަތިން ހުށަހަޅައިގެން ވަނީ ބޭރުކޮށްލައިފައެވެ. މި ސަރުކާރުގެ އަޣުލަބިއްޔަތު އޮންނަ 20ވަނަ މަޖިލީހަށް ޖޭއެސްސީ އިސްލާހުކުރުމަށް ހުށަހަޅާނެ ކަމަށް ރައީސް ވިދާޅުވި ނަމަވެސް، މިހާތަނަށް މި ސަރުކާރުންވެސް ޖޭއެސްސީ އިސްލާހުކުރަން ހުށަހަޅައިފައިނުވެއެވެ.