މާފަންނު މުރަނގަ މަގުގައި ހުރި، 'ކްރާސާ' ފިހާރައިގެ ތެރެއަށް ބަޔަކު ވަދެ ވަޅިން ހަމަލާދީ މީހަކު މަރާލި މައްސަލައިގައި ދައުލަތުން ދައުވާ ކުރި، އިބްރާހީމް ފައިހް ނިޒާމު، ސ. މަރަދޫފޭދޫ/ ރަށްދެބައިގެ އަދި، ސިރުހާން އަލީ، ތ. ގާދިއްފުށި/ ގުލޭނޫރައްމާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ދައުލަތުން އިސްތިއުނާފު ކޮށްފިއެވެ.
މިއީ، 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުގެ ރޭ 21:28 ކަންހާއިރު މާފަންނު މުރަނގަމަގުގައި ހުންނަ 'ކްރާސާ' ފިހާރައިގެ ތެރެއަށް ބަޔަކު ވަދެ އެ ފިހާރަ ތެރޭގައި ހުރި މުހައްމަދު އަހްމަދު ދީދީ (30އ) އަށް ތޫނު ހަތިޔާރަކުން ހަމަލާދީ މަރާލި މައްސަލައެކެވެ.
މުހައްމަދު އަހްމަދު ދީދީ މަރުވީ، އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް ހަމަލާ ދިންތާ ތިން ދުވަސް ފަހުން 27 ފެބްރުއަރީގައެވެ.
މި މައްސަލައިގައި ދައުލަތުން ދައުވާކޮށްފައިވާ އިބްރާހީމް ފައިހް ނިޒާމު، އަދި، ސިރުހާން އަލީގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމީ މި މަހުގެ ކުރީކޮޅެވެ.
އެ މައްސަލަ ދައުލަތުން މިހާރުވަނީ ހައިކޯޓަށް ހުށަހަޅާފައެވެ. އެކަމަކު އެ މައްސަލަ ބަލައިގަތުމާ މެދު ހައިކޯޓުން އަދި ގޮތެއް ނިންމި ކަމެއް އެނގިފައެއް ނުވެއެވެ.
ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އުފުލި މި މައްސަލަ ކްރިމިނަލް ކޯޓުން ނިންމީ، ގާޒީ އިބްރާހީމް އިހުސާނެވެ.
މި މައްސަލައިގައި ހިމެނޭ ފައިހް ނިޒާމް ހައްޔަރުކުރީ ފައިހް ފޮރުވައިގެން އުޅުނު ކަމުގެ ތުހުމަތުގައި ފަސް މީހަކު ހައްޔަރުކުރި ފަހުން، އޭނާ އަމިއްލައަށް ފުލުހުންނާ ހަވާލުވުމުންނެވެ.