ގިނަ އަދަދެއްގެ ޑްރަގާއެކު ޒުވާން ދެ އަންހެނުން ހައްޔަރުކޮށްފި

ފުލުހުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިން: -- ފޮޓޯ/ ފުލުހުން

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު 25 އަހަރާއި 29 އަހަރުގެ ދެ އަންހެނުންވަނީ ހައްޔަރުކޮށްފައެވެ. މި މީހުންގެ އަތުން 1.8 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާއިރު، ކޯޓުން ވަނީ މި ދެމީހުންގެ ބަންދަށް 15 ދުވަސް ޖަހާފައެވެ. މި ދެ އަންހެނުންގެ މައްޗަށް ކުރެވެނީ މަސްތުވާތަކެތި އެތެރެކުރުމާއި، ބޭނުންކުރުމާއި، ގެންގުޅުމުގެ އިތުރުން ވިޔަފާރިކޮށް ޓްރެފިކްކުރުމުގެ ތުހުމަތެވެ. ރާއްޖޭގެ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ ދަށުން މިއީ އުމުރުދުވަހުގެ ޖަލު ހުކުމަކާއެކު ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވޭނެ ޖިނާއީ ބޮޑެތި ކުށްތަކެކެވެ.

  • ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ޒުވާން ދެ އަންހެނުން ހައްޔަރުކޮށްފައިވުން
  • ދެ މީހުންގެ އަތުން 1.8 ކިލޯގެ މަސްތުވާތަކެތި ފެނިފައިވުން
  • ކޯޓުން ދެ މީހުންގެ ބަންދަށް 15 ދުވަސް ޖަހާފައިވުން
  • މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރިކަމުގެ ތުހުމަތު ކުރެވިފައިވުން
  • މިއީ ޤާނޫނުގެ ދަށުން އުމުރުދުވަހުގެ ޖަލު އަދަބު ލިބޭނެ ބޮޑެތި ކުށްތަކެއްކަން

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ޒުވާން ދެ އަންހެނުން ހައްޔަރުކޮށްފިއެވެ.

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފައިވަނީ، އަލްޔާ ޝަރްސާ ނަސީރު 25އ، ގ. މުތީގެއާގެ, އާއި އާމިނަތު ރޫނާ، 29އ، ބިޖިލީއުފާ ކ. ތުލުސްދޫއެވެ.

މި ދެ އަންހެނުން ހައްޔަރުކޮށް ކޯޓަށް ހާޒިރު ކުރުމުން ދެ މީހުންގެ ބަންދަށްވެސް މިއަދުވަނީ 15 ދުވަސް ޖަހައިފައެވެ.

މި ދެ އަންހެނުންގެ މައްޗަށް ތުހުމަތު ކުރެވެނީ، ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރިކޮށް އަދި އެ ތަކެތި ޓްރެފިކް ކުރި ކަމަށެވެ. މި ދެ އަންހެނުންގެ ބަންދު އަމުރު ރިޕޯޓުން އެނގޭ ގޮތުގައި ދެ މީހުންގެ އަތުން ފެނުނު މަސްތުވާތާކެތީގެ ވަގުތީ ބަރުދަނުގައި 1.8 ކިލޯ ހުއްޓެވެ.

ދިވެހިރާއްޖޭގައި މަސްތުވާތަކެއްޗާ ގުޅުންހުރި ކުށްތަކާއި އެކަމުގެ އަދަބުތައް ތަފްސީލުކޮށް ބަޔާންކޮށްފައިވާ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގައިވާ ގޮތުން މަސްތުވާތަކެތި އެތެރެކުރުމާއި ބޭރުކުރުމަކީ ބޮޑު ކުށެކެވެ. މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 104 ވަނަ މާއްދާގެ ދަށުން، އެއްވެސް ބާވަތެއްގެ މަސްތުވާ އެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުން ނުވަތަ ރާއްޖެއިން ބޭރުކުރުމަކީ ކުށެކެވެ. މީގެ އަދަބަކީ އުމުރަށް ޖަލަށްލުމާއެކު 100،000 ރުފިޔާއާއި 10،000،000 ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުމެވެ.

​މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 105 ވަނަ މާއްދާގެ ދަށުން، ޤާނޫނުގައި ކަނޑައަޅާފައިވާ ވަކި މިންގަނޑަކަށްވުރެ ގިނައިން މަސްތުވާތަކެތި އަތުގައި ހުރުމަކީ ޓްރެފިކްކުރުން ކަމަށް ބެލެވޭނެއެވެ. މިސާލަކަށް ހަތަރު ގުރާމަށްވުރެ ގިނައިން ޑައިމޯފިން (ހެރޮއިން) އަތުގައި ހުރުމެވެ. މީގެ އަދަބަކީވެސް އުމުރަށް ޖަލަށްލުމާއެކު ބޮޑު ޢަދަދަކުން ޖޫރިމަނާކުރުމެވެ.

މަސްތުވާތަކެއްޗާބެހޭ ޤާނޫނުގައިވާ ޤާނޫނުގެ 108 ވަނަ މާއްދާގެ ދަށުން، ޓްރެފިކްކުރުމުގެ މިންގަނޑަށް ނުފެތޭ މިންވަރަށް މަސްތުވާތަކެތި ގެންގުޅުމަކީ ކުށެކެވެ. މި ކުށުގެ އަދަބު ކަނޑައަޅަނީ އެމީހެއްގެ އަތުން ފެނުނު އެއްޗެއްގެ ބާވަތާއި މިންވަރަށް ބަލައިގެންނެވެ.

މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 106 ވަނަ މާއްދާގެ ދަށުން، މަސްތުވާތަކެތި ގަނެވިއްކުމާއި، ވިޔަފާރީގެ މުޢާމަލާތް ހިންގުމަކީ ބޮޑެތި އަދަބުތައް ކަނޑައެޅިފައިވާ ކުށެކެވެ. ފާހަގަކޮށްލަންޖެހޭ މުހިންމު ކަމަކީ، މަސްތުވާތަކެތީގެ ކުށްތަކަކީ ޖިނާއީ ބޮޑެތި ކުށްތަކެއްގެ ގޮތުގައި ބެލެވޭ ކަންކަމެވެ.

comment ކޮމެންޓް