ބައިބަޔަށް ޓީޓީކުރަން ފޮނުވުމަކީ ގޯހެއް، އެފަދަ ޓީޓީއަކަށް ޑޮލަރު ލިބޭނީ އެއްފަހަރު: ބީއެމްއެލް

ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް: އޭނާ ވިދާޅުވީ ބައިބަޔަށް ޓީޓީކުރަން ފޮނުވުމަކީ ގޯހެއް، އެފަދަ ޓީޓީއަކަށް ޑޮލަރު ލިބޭނީ އެއްފަހަރުކަމަށް -- ފޮޓޯ: ރައީސް އޮފީސް

ބޭންކް އޮފް މޯލްޑިވްސްއިން ބުނެފައިވަނީ ބައެއް ވިޔަފާރިތަކުން އެއް ސަޕްލަޔަރަކަށް ފޮނުވަންޖެހޭ ފައިސާ އެކި ބައިބަޔަށް ބަހާލައިގެން ޓީޓީކުރަން ފޮނުވާ ކަމަށާއި، މިއީ އުސޫލުތަކާ ޚިލާފު ކަމެއް ކަމަށެވެ. ބޭންކުގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ، 10،000 ޑޮލަރާ ހަމައަށް ކޮންމެ ޓީޓީއެއްގެ 50 އިންސައްތަ ބޭންކުން ވިއްކަމުން އަންނަ ކަމަށެވެ. ނަމަވެސް އެއް ފައިސާއެއް ބައިބަޔަށް ބަހާލައިގެން ފޮނުވި ނަމަވެސް، ބޭންކުން އެ ބަލާނީ އެއް މުއާމަލާތުގެ ގޮތުގައެވެ. މިގޮތަށް އަމަލުކުރަނީ ގަވައިދާ އެއްގޮތަށް ކަންކަން ކުރާ ވިޔަފާރިތަކަށް އިންސާފުވެރިވުމުގެ ގޮތުން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

  • ބައިބަޔަށް ބަހާލައިގެން ޓީޓީކުރުމަކީ ބޭންކުގެ އުސޫލާ ޚިލާފު ކަމެއް.
  • 10،000 ޑޮލަރާ ހަމައަށް ޓީޓީއެއްގެ 50 އިންސައްތަ ބޭންކުން ވިއްކާނެ.
  • ބަހާލައިގެން ފޮނުވާ ޓީޓީތަކަށް ޑޮލަރު ދޫކުރާނީ އެއް މުއާމަލާތް ކަމަށް ބަލައިގެން.
  • ގަވައިދާ އެއްގޮތަށް އަމަލުކުރާ ފަރާތްތަކަށް އިންސާފުވެރިވުމަށް ބޭންކުން އިސްކަންދޭ.

ބައެއް ވިޔަފާރިތަކުން ޓީޓީކުރަން ފޮނުވާއިރު، އެއް ސަޕްލަޔަރަކަށް ފޮނުވަންޖެހޭ ފައިސާގެ ޓީޓީ ވެސް ބޭންކަށް ފޮނުވަނީ އެކި ބައިބަޔަށް ކަމަށާއި، އެއީ އުސޫލާ ޚިލާފު ކަމެއް ކަމުން އެ ފަދަ ޓީޓީތަކަށް ޑޮލަރު ދޫކުރާނީ އެއީ އެއް މުއާމަލާތްކަމަށް ބަލައިގެން އެއްފަހަރުކަމަށް ބީއެމްއެލުން މިއަދު ބުނެފިއެވެ.

އާންމުންނާއި ބައެއް ވިޔަފާރިތަކުގެ މެދުގައި ހުރި ކަންބޮޑުވުންތަކާ ގުޅިގެން ބީއެމްއެލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ބޭންކުގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ ޓީޓީގެ މުއާމަލާތްތައްކުރުމުގައި ބޭންކުން ގެންގުޅޭ އެއްވެސް އުސޫލަކަށް ބަދަލު ނުގެންނަ ކަމަށެވެ. އެގޮތުން 10،000 ޑޮލަރާ ހަމައަށް ޓީޓީއެއްގެ 50 ޕަސެންޓް ބޭންކުން ވިއްކަމުން އަންނަކަމަށް ޝަރީފް ވިދާޅުވިއެވެ.

"50،000 ޑޮލަރުގެ ޓީޓީއެއް ހަދަން އަޔަސް އަޅުގަނޑުމެންނަށް ވިއްކޭނީ 10،000 ޑޮލަރު. މީގެ ކުރިން އިނީ 1000 ޑޮލަރާ ހަމައަށް ފަސް ޕަސެންޓު. މިހާރު އަޅުގަނޑުމެން މި ދަންނަވަނީ 50 ޕަސެންޓާ ހަމައަށް، ޓީޓީއެއްގެ 50 ޕަސެންޓް 10،000 ޑޮލަރު. މިސާލަކަށް 8،000 ޑޮލަރު ފޮނުވަން އަތުވެއްޖެޔާ 4،000 ޑޮލަރު އެއްކޮށްދެވޭނެ ދެއްތޯ 50 ޕަސެންޓު،" އޭނާ ވިދާޅުވިއެވެ.

ނަމަވެސް މިހެން އުސޫލު އޮއްވައި، އެއް ވިޔަފާރިއަކުން ބަހައިލައިގެން ޓީޓީއަށް ފޮނުވުމަކީ ގޯހެއްކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ވެސް އެނގޭނެ ދެއްތޯ މިހާރު، އެއް ސަޕްލަޔަރަކަށް، ހަމަ އެއް ފަރާތަކުން [އެއް ވިޔަފާރިއަކުން] އިނގޭތޯ، އެއް ދުވަހަކު ނޫނިއްޔާ ހަމަ ދެ ދުވަހަކު ޖެހިޖެހިގެން ވިޔަސް އިނގޭތޯ، އެގޮތަށް ޓީޓީ އައީމާ މި ހުރީ ސްޕްލިޓުކޮށްފައި ކަން،"

އެ ފަދަ ހާލަތްތަކުގައި ބޭންކުން އެ ވިޔަފާރިއަކަށް އަންގަނީ އެއް ޓީޓީއަށް ޑޮލަރު ދޫކުރެވިފައިވާނަމަ، ބާކީ ޓީޓީތަކަށް ވެސް ޑޮލަރު ދޫކޮށްފައިވާނޭކަމަށް ކަން ޝަރީފް ވިދާޅުވިއެވެ.

"އެެހެންވީމާ ދެން މިއަދު އެ ޓީޓީއަކަށް އަލުން ނުވިއްކޭނޭ. އެއީ ޓީޓީ ހަމަ ސްޕްލިޓްކޮށްލެވިދާނެ ދެއްތޯ ހަމަ ކިތަންމެ ގިނައިން ވެސް. ދެން އެހެން ހެދީމާ މައްސަލަތަކެއް ވެސް އެބަ ދިމާވޭ،" ޝަރީފް ވިދާޅުވިއެވެ.

މިފަދައިން ޓީޓީ ހަދަން ބައިބައިޔަށް ފޮނުވަނީ އެތައް ހާސް ވިޔަފާރިއެއްގެ ތެރެއިން ފަންސާހަކަށް ވިޔަފާރިން ކަމަށްވާއިރު، އެ ފަދަ ކޮންމެ ޓީޓީއަކަށް ޑޮލަރު ވިއްކުމަކީ، ވަކި ބަޔަކަށް މާ ގިނައިން ޑޮލަރު ދޫވާން މަގުފަހިވާނެ ކަމެއް ކަަމަށާއި، ގަވައިދާ އެއްގޮތަށް އެ ކަން ކުރާ ވިޔަފާރިތަކަށް ލިބޭނެ ބޭއިންސާފެއް ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

އެހެންވެ، ޓީޓީގެ މުއާމަލާތްތަކުގެ އިތުރަށް ވެސް އެހެން މުއާމަލާތްތަކުގައި ވެސް ޓްރާންސެކްޝަން ބައިބަޔަށް ބަހައިގެން ފޮނުވާނަމަ، އެއީ ކިހިނެއް ހިނގާ ކަމެއްތޯ ބެލުމުގެ ޒިންމާ ބީއެމްއެލުގެ މައްޗަށް އޮންނަ ކަމަށް ޝަރީފް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ބަލާ އުސޫލަކުން އެއީ ހަމަ އެއް ޓީޓީ. ކިތަންމެ ވަރަކަށް ސްޕްލިޓް ކުރިއަސް އަޅުގަނޑުމެން ބަލަނީ އެއް ޓީޓީގެ ގޮތުގައި. އަސްލު ޒިންމާދާރުކަމާ އެއްކޮށް އެކަން ކުރާނަމަ. ތިބޭފުޅުން ވެސް ގަބޫލުކުރައްވާނެ. މިހެން ކެޕް އެޅުމުގެ ބޭނުމަކީ ކޮބާ،" އެއް ވިޔަފާރިއަކުން ލިބޭ ހުރިހާ ޓީޓީއަކަށް ޑޮލަރު ދޫކުރާނަމަ ކެޕް ކުރުމުގެ ބޭނުމަކީ ކޮބައިތޯ ސުވާލު އުފައްދަވަމުން ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ބައިނަލްއަގްވާމީ މާލީ އުސޫލުތަކާއި ގަވައިދުތަކަށް ފެތޭހެން ހިނގާ ހުރިހާ ވިޔަފާރިތަކަށް ޓީޓީގެ މުއާމަލާތް ބޭންކުން ކޮށްދެމުން އަންނަކަމަށެވެ. އޭގެ ތެރޭ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި، ރާއްޖޭން ބޭރުން މުދާ އެތެރެކުރަން ބޭނުންވާ ވިޔަފާރިތައް ވެސް ހިމެނޭކަމަށް ވިދާޅުވިއެވެ. އަދި އެއްވެސް އިސްތިސްނާއެއް ނެތި ކޮންމެ ޚިދުމަތަކަށް ދޫކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އެހެންކަމުން ބޭންކުން އެދެނީ ވިޔަފާރިތަކުން ވެސް ޒިންމާދާރުކަމާއެކު ޚިދުމަތް ލިބިގަތުން ކަމަށް ޝަރީފް ވިދާޅުވިއެވެ.

comment ކޮމެންޓް