ސުނާމީގެ އިންޒާރު އުވާލި ނަމަވެސް ޖަޕާނަށް އަނެއްކާވެސް ބޮޑު ބިންހެލުމެއްގެ އިންޒާރު

ޖަޕާނަށް އިއްޔެ ނެރުނު ސުނާމީގެ އިންޒާރު އުވާލާފައިވާއިރު، އަންނަ ހަފްތާ ބޮޑު ބިންހެލުމެއް އަންނާނެ ކަމުގެ އިންޒާރު ވަނީ ދީފައި. ފޮޓޯ/ގެޓީ

ޖަޕާނުގެ އިރުއުތުރު އައްސޭރިފަށަށް އައި 7.7 މެގްނިޓިއުޑްގެ ބިންހެލުމާ ގުޅިގެން ނެރުނު ސުނާމީގެ އިންޒާރު މިހާރު ވަނީ އުވާލާފައެވެ. ނަމަވެސް، ކުރިއަށް އޮތް ހަފްތާގެ ތެރޭގައި 8.0 މެގްނިޓިއުޑަށްވުރެ ބާރުގަދަ ބިންހެލުމެއް އައިސް ބޮޑެތި ރާޅުތަކެއް އުފެދިދާނެ ކަމުގެ އިންޒާރު މޫސުމާބެހޭ އިދާރާއިން ވަނީ ދީފައެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ރައްކާތެރި ހިސާބުތަކަށް ދިއުމަށް ވަނީ އަންގާފައެވެ.

  • ޖަޕާނުގެ އިވާޓޭ ޕްރިފެކްޗާއަށް 7.7 މެގްނިޓިއުޑްގެ ބިންހެލުމެއް އަތުވެއްޖެ
  • ބިންހެލުމާ ގުޅިގެން ނެރުނު ސުނާމީގެ އިންޒާރު ގަޑިއިރެއް ފަހުން އުވާލައިފި
  • ކުރިއަށް އޮތް ހަފްތާގައި 8.0 މެގްނިޓިއުޑަށްވުރެ ބާރުގަދަ ބިންހެލުމެއް އައުމުގެ ނުރައްކާ އެބައޮތް
  • ރައްކާތެރި ހިސާބުތަކަށް ދިއުމަށް 170000 އަށްވުރެ ގިނަ މީހުންނަށް އަންގައިފި

ޖަޕާނުގެ އިރު އުތުރުގެ އައްސޭރިފަށަށް 7.7 މެގްނިޓިއުޑް ބާރުމިނުގައި އިއްޔެ އައި ބިންހެލުމާ ގުޅިގެން ނެރުނު ސުނާމީގެ އިންޒާރު އުވާލާފައިވާއިރު، އަންނަ ހަފްތާ ވަރުގަދަ ބިންހެލުމެއް އައިސްދާނެ ކަމުގެ އިންޒާރު އޮފިޝަލުން ދީފިއެވެ.

ވެރިރަށް ޓޯކިޔޯގެ އުތުރުން 530 ކިލޯމީޓަރު (330 މޭލު) ދުރުގައި އޮންނަ އިވާޓޭ ޕްރިފެކްޗާގެ ކަނޑުގެ ސަރަހައްދަށް އައި ބިންހެލުމާ ގުޅިގެން އެތައް ހާސް ބަޔަކު އައްސޭރިފަށުގެ ސަރަހައްދުތައް ދޫކޮށް އުސް ބިމަކަށް ދިއުމަށް އަންގާފައިވެއެވެ.

ބިންހެލުމާ ގުޅިގެން އެރި އެންމެ އުސް ސުނާމީ ރާޅުތަކުގެ އުސްމިނުގައި 80 ސެންޓިމީޓަރު ހުއްޓެވެ.

ބިންހެލުންއައިތާ ގަޑިއިރެއް ފަހުން ސުނާމީގެ އިންޒާރު ވަނީ އުވާލާފައެވެ.

ނަމަވެސް ޖަޕާނުގެ މޫސުމާ ބެހޭ އިދާރާއިން ވަނީ ކުރިއަށް އޮތް ހަފްތާގެ ތެރޭގައި "އެއަށްވުރެ ވަރުގަދަ ލޮޅުންތަކެއް އަރާ" ބިންހެލުންތަކެއް އައިސް، ބޮޑެތި ރާޅުތައް އުފެދިދާނެ ކަމުގެ އިންޒާރު ދީފައެވެ.

ކަމާބެހޭ ފަރާތްތަކުން ބުނީ 8.0 މެގްނިޓިއުޑް ނުވަތަ އެއަށްވުރެ ބާރުމިނުގައި ބިންހެލުމެއް އައުމުގެ ނުރައްކާ ނިސްބަތުން ބޮޑު ކަމަށެވެ. އެކަމާ ގުޅިގެން ހޯމަ ދުވަހު ބިންހެލުން އައި ސަރަހައްދާއި އެންމެ ކައިރީގައިވާ ސަރަހައްދުތައް ކަމަށްވާ ހޮންޝޫ އާއި ހޮކައިޑޯގެ ރައްޔިތުންނަށް ވަނީ ބޮޑެތި ރާޅުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ދީފައެވެ. އެ ބިންހެލުމުގެ އަސަރު ޓޯކިޔޯއަށްވެސް ވަނީ ކޮށްފައެވެ.

"މިވަގުތު ލޯކަލް އޮތޯރިޓީތަކުން ދަނީ އަވަށްޓެރި ސަރަހައްދުގައި ލައުޑްސްޕީކަރުތައް ބޭނުންކޮށްގެން ސުނާމީއެއް އަތުވެދާނެ ކަމުގެ އިންޒާރުދީ، ސަމާލު ކަމަށް ގެނައުމަށް." ހޮކައިޑޫގައި ދިރިއުޅޭ މިޔަންމާގެ ރައްޔިތަކުން ބުންޏެވެ.

އިއްޔެ އައި ބިންހެލުމާ ގުޅިގެން 170،000 އަށް ވުރެ ގިނަ މީހުންނަށް ރައްކާތެރި ހިސާބުތަކަށް ދިއުމަށް ވަނީ އަންގާފައެވެ.

ޖަޕަނަކީ ބިންހެލުންތައް ގިނަ "ރިންގް އޮފް ފަޔާ" ގައި އޮންނަ ގައުމަކަށް ވާތީ އަހަރަކު ގާތްގަނޑަކަށް 1،500 ބިންހެލުން އެ ގައުމަށް އަންނައިރު، އެއީ ދުނިޔޭގެ ނިސްބަތުން އަންނަ ބިންހެލުންތަކުގެ 10 ޕަސަންޓެވެ.

ރިންގް އޮފް ފަޔާ އަކީ ޓެކްޓޯނިކް ޕްލޭޓްތައް އެއް ޕްލޭޓް އަނެއް ޕްލޭޓާ ޖެހޭ ގޮތަށް، ޖަޕާނުން ފެށިގެން ދެކުނު އިރުމަތީ އޭޝިއާ އާއި ޕެސިފިކް ކަނޑުގެ އައްސޭރިފަށާ ދެމެދު އޮންނަ ސަރަހައްދެކެވެ.

ދެހާސް އެގާރަ ވަނަ އަހަރުގެ މާޗް މަހު ޖަޕާނުގެ އައިވާޓޭ ޕްރޮވިންސްގެ ދެކުނުގައި އޮންނަ އައްސޭރިފަށަށް އެރި 9.0 މެގްނިޓިއުޑްގެ ބާރުމިނުގެ ވަރުގަދަ ބިންހެލުމަކީ މިއީ މިހާތަނަށް ރެކޯޑްކުރި އެންމެ ބާރުގަދަ ބިންހެލުމެވެ.

ޖަޕާނުގެ އާންމުން އަދިވެސް ތިބީ އެ ސުނާމީގެ ހަނދާންތަކުގައެވެ. އެ ފަހަރު ސުނާމީގައި 18،000 އަށް ވުރެ ގިނަ މީހުން މަރުވެ، ފުކުޝިމާ ނިއުކްލިއާ ޕްލާންޓަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.

comment ކޮމެންޓް