ޖަޕާނުން 10 މިލިއަން އޭއައި ރޮބޮޓް އުފެއްދުމުގެ ގައުމީ ބޮޑު ޕްލޭނެއް އިއުލާނުކޮށްފި

ރޮބޮޓްތައް ފުރަތަމަ ނެރޭނީ ނާސިން އަދި ދުވަސްވީ މީހުން ބެލެހެއްޓުމުގެ ދާއިރާއަށް ---

ޖަޕާން ސަރުކާރުން ގައުމުގެ އަމިއްލަ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މޮޑެލެއް އުފައްދައި، 2040 ވަނަ އަހަރާ ހަމައަށް 10 މިލިއަން އޭއައި ރޮބޮޓް 18 އަށްވުރެ ގިނަ ދާއިރާއެއްގައި ބޭނުންކުރުމަށް އަމާޒުހިފާ ބޮޑު ގައުމީ ޕްލޭނެއް އިއުލާނުކޮށްފިއެވެ.

"ނޯއެޓްރާ" ގެ ނަމުން ނަންދީފައިވާ މި ބިޔަ މަޝްރޫއަށް ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް ހަ ބިލިއަން އެމެރިކާ ޑޮލަރު (1 ޓްރިލިއަން ޔެން) ގެ ޢާންމު ފައިސާ ޚަރަދުކުރުމަށް ވަނީ ނިންމާފައެވެ. ސަރުކާރުން މި ފައިސާ ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ސޮފްޓްބޭންކް، ހޮންޑާ، އެންއީސީ، އަދި ސޮނީ ފަދަ ޖަޕާނުގެ މަޝްހޫރު ނުވަ ކުންފުނި ހިމެނޭ ކޯލިޝަނަކާއެވެ. މި ކޯލިޝަނުގެ މައިގަނޑު އަމާޒަކީ 2027 ވަނަ އަހަރާ ހަމައަށް ޖަޕާނުގެ އަމިއްލަ ގައުމީ އޭއައި މޮޑެލްގެ މަސައްކަތް އެއްކޮށް ނިންމާލުމެވެ.

މި ތާރީޚީ މޮޑެލް ތަރައްގީކުރުމުގެ ޒިންމާ ހަވާލުކޮށްފައިވަނީ ނިމިދިޔަ އޭޕްރީލް 2026 ގައި އަލަށް އުފެއްދި "ނޯއެޓްރާ" ކިޔާ ކުންފުންޏަކާއެވެ. މިއީ ޖަޕާނުގެ އެންމެ ބޮޑު ހަތަރު ޓެކް ކުންފުނި ކަމަށްވާ ސޮފްޓްބޭންކް، އެންއީސީ، ސޮނީ ގްރޫޕް، އަދި ހޮންޑާ ގުޅިގެން އުފައްދާފައިވާ ކުންފުންޏެކެވެ. މީގެ ތެރެއިން ކޮންމެ ކުންފުންޏެއްގެ 10 އިންސައްތައަށްވުރެ މަތީ ހިއްސާއެއް މި ކުންފުނީގައި އޮވެއެވެ.

ނޯއެޓްރާ ކުންފުނީގެ މައިގަނޑު ފޯކަސް ހުރީ އާދައިގެ ޗެޓްބޮޓްތައް އުފެއްދުމުގެ ބަދަލުގައި، ހަގީގީ ދުނިޔޭގައި ހަރަކާތްތެރިވާ ރޮބޮޓް، އަމިއްލައަށް ދުއްވާ ކާރު، އަދި ފެކްޓްރީ މެޝިން ފަދަ ތަކެތި ކޮންޓްރޯލްކުރާ "ފިޒިކަލް އޭއައި" ތަރައްގީކުރުމަށެވެ. މި މަޝްރޫއުގެ ފުރަތަމަ ފައުންޑޭޝަން މޮޑެލް މި ހިނގާ މާލީ އަހަރުގެ ތެރޭގައި ނެރުމަށް ހަމަޖެހިފައިވާއިރު، ގައުމީ ރިސާޗް އިންސްޓިޓިއުޓް (އޭއައިއެސްޓީ) އާ ގުޅިގެން ކޮންމެ އަހަރަކުވެސް މި މޮޑެލް އަޕްޑޭޓް ކުރަމުންދާނެއެވެ.

ޖަޕާނުން މިފަދަ ބޮޑު އަދި އަވަސް ފިޔަވަޅެއް އަޅަން މަޖުބޫރުވީ އެ ގައުމުގައި އުމުރުން ދުވަސްވީ މީހުންގެ އާބާދީ އިތުރުވެ، މަސައްކަތްތެރިން އިންތިހާއަށް މަދުވަމުންދާތީއެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި ޖަޕާނުގެ ވަޒީފާގެ ބާޒާރުން ކޮންމެ އަހަރަކު ބައި މިލިއަނަށް ވުރެ ގިނަ މަސައްކަތްތެރިން މަދުވަމުންދާ އިރު، 2040 ވަނަ އަހަރާ ހަމައަށްދާއިރު 11 މިލިއަން މަސައްކަތްތެރިންގެ ބޮޑު ދަތިކަމަކާ ކުރިމަތިލާންޖެހޭނެ ކަމަށް ލަފާކުރެވެއެވެ. އެހެންކަމުން އަލަށް އުފައްދާ ރޮބޮޓްތައް އެންމެ ފުރަތަމަ އަމާޒުކުރާނީ ނާސިންގް އާއި ދުވަސްވީ މީހުން ބެލެހެއްޓުމުގެ ދާއިރާއަށާއި، މެޑިކަލް، ކެއުން ބުއިމުގެ ސިނާއަތް، ރެސްޓޯރެންޓް، ފުޑް މެނުފެކްޗަރިން، ކޮންސްޓްރަކްޝަން، ޓްރަކް ދުއްވުން، ދަނޑުވެރިކަން އަދި ރީޓެއިލް ވިޔަފާރީގެ ދާއިރާތަކަށެވެ.

މި ގައުމީ ޕްލޭނުގެ ދަށުން ޖަޕާނުން ހަމައެކަނި ގައުމީ މައްސަލަތަކަށް ހައްލު ހޯދަނީއެއް ނޫނެވެ. ޖަޕާން ސަރުކާރުގެ ބޮޑު އަމާޒަކީ 2040 ވަނަ އަހަރު އަންނަންވާއިރު، މުޅި ދުނިޔޭގެ އޭއައި ރޮބޮޓް އުފެއްދުމުގެ މާކެޓްގެ 30 އިންސައްތައަށްވުރެ މަތީ ހިއްސާއެއް އެ ގައުމުން ކޮންޓްރޯލް ކުރުމެވެ.

މީގެ އިތުރުން، މިހާރު ޓެކްނޮލޮޖީގެ ދާއިރާއިން އެމެރިކާ އާއި ޗައިނާގެ އޭއައި ސޮފްޓްވެއާ އަދި ހާޑްވެއާއަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަކޮށް، އަމިއްލަ ފައި މައްޗަށް ތެދުވުމަކީ ވެސް ޖަޕާނުން މި ޕްލޭންގެ ދަށުން ނުހަނު އިސްކަންދޭ ރޭވުމެކެވެ.

comment ކޮމެންޓް