ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރުމަށް އަންގައިފި

ފިނޭންސް މިނިސްޓަރު ޒަމީރާއި ރައީސް ޑރ. މުހައްމަދު މުއިއްޒު: ސަރުކާރުން ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރުމަށް، މިނިސްޓްރީން ވަނީ އަންގައިފައި -- ފޮޓޯ/ ޕީއެސްއެމް

ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް މިނިސްޓްރީން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް އަންގައިގެން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރުމަށް ވަނީ ނިންމާފައެވެ. މިއީ ދައުލަތުގެ ޚަރަދުތައް ކުޑަކޮށް، ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

  • ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން 33 އިންސައްތަ މަދުކުރުމަށް އެންގުން
  • މިކަން ތަންފީޒުކުރުމަށް ފިނޭންސް މިނިސްޓްރީން ޕީސީބީއަށް އަންގާފައިވުން
  • މަޤްޞަދަކީ ދައުލަތުގެ ޚަރަދު ކުޑަކުރުމާއި އިސްރާފު ނައްތާލުން
  • ކުންފުނިތަކުގެ ވަޒީފާގެ އޮނިގަނޑު މުރާޖަޢާކުރުމުގެ މަސައްކަތް ފެށުން

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރުމަށް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް މިނިސްޓްރީން، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އަށް އަންގައިފިއެވެ.

މެދުއިރުމަތީގައި މިހާރު ކުރަމުންދާ ހަނގުރާމައާ ގުޅިގެން ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އެ ކުންފުނިތަކުގެ ސަބްސިޑަރީ ކުންފުނިތަކުން ޚަރަދުކުޑަކުރުމަށް މީގެ ކުރިން ވެސް ޕީސީބީން ނެރުނު ސާކިއުލާއެއްގައި އަންގައިފައިވެއެވެ.

އެ ފިޔަވަޅުތަކުގެ ތެރޭގައި މުސާރައާއި އިނާޔަތްތައް ކޮންޓްރޯލް ކުރުމާއި، ކޮންމެހެން ބޭނުންވާ ހާލަތްތަކުގައި ފިޔަވައި މަގާމުގެ ކުރިއެރުން ދިނުމާއި އައު މުވައްޒަފުން ނެގުން ހުއްޓާލުން ހިމެނެއެވެ. އަދި އިތުރުގަޑީގެ މަސައްކަތް ހަނިކުރުމާއި، ކޮންމެހެން ބާއްވަން ނުޖެހޭ ހަރަކާތްތައް ކެންސަލްކުރުމުގެ އިތުރުން ދަތުރުފަތުރާއި އެހެނިހެން އިޚްތިޔާރީ ޚަރަދުތައް ކުޑަކުރުމަށް ވެސް އަންގައިފައިވެއެވެ.

https://sun.mv/220343

ފިނޭންސް މިނިސްޓްރީން މިއަދު ބުނީ، ޕީސީބީގެ ރައީސް މުޙައްމަދު އަނަސްއަށް އިއްޔެ އެ މިނިސްޓްރީން ފޮނުވި ސިޓީއެއްގައި، ކުންފުނިތަކުގެ މަސައްކަތްތަކުގެ ހިންގުންތެރިކަން އިތުރުކުރުމާއި، އިންސާނީ ވަސީލަތްތައް މެނޭޖްކުރުން ހަރުދަނާކުރުމުގެ އިތުރުން، މާލީ ގޮތުން ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނިތައް ހިންގުމަށް ބާރުއެޅުމުގެ ގޮތުން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް މިނިސްޓްރީން ބަޔާންކޮށްފައިވާ ކަމަށެވެ.

"މި އިރުޝާދުތަކުގެ ދަށުން، ކުންފުނިތަކުގެ ހިންގުމުގެ ޚަރަދު ކުޑަކުރުމަށާއި، ޚަރަދުތައް ބެލެހެއްޓުން ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތުގެ ބައެއްގެ ގޮތުގައި، ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރުމަށް ވަނީ އަންގާފައެވެ." އެ މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން، ވަޒީފާއަށް މީހުން ނެގުމުގެ ނިޒާމު ހަރުދަނާކޮށް، ތަޢުލީމީ ފެންވަރާއި، ހުނަރާއި، ގާބިލިއްޔަތަށް ބަލައިގެން މީހުން އައްޔަންކުރާ އުސޫލު މިހާރަށް ވުރެ ހަރުދަނާކޮށް، އެ އުސޫލާ އެއްގޮތަށް އަމަލުކުރެވޭކަން ކަށަވަރުކުރުމަށް އިރުޝާދު ދީފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ޕީސީބީގެ ރައީސް އަނަސް: ކުންފުނިތަކުގެ މުވައްޒަފުން މަދުކުރުމަށް އަންގަން، ފިނޭންސް މިނިސްޓްރީން ވަނީ ޕީސީބީއަށް އަންގައިފައި -- ފޮޓޯ/ ޕީސީބީ

އެއީ އެންމެ އެކަށީގެންވާ މީހުން ވަޒީފާތަކަށް ހޮވައި، ކުންފުނިތަކުގެ މަސައްކަތްތައް އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމުގެ ގޮތުން ނިންމާފައިވާ ނިންމުމެއް ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނި ގޮތުގައި، އެ ފިޔަވަޅުތަކަކީ ކުންފުނިތައް ދިގު މުއްދަތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށާއި، ދައުލަތުގެ މާލީ އަދި ހިންގުމުގެ ސިޔާސަތުތަކާ އެއްގޮތަށް ކުންފުނިތަކުގެ މަސައްކަތްތައް ބައްޓަންކުރުމަށް ޓަކައި މި ވަގުތު ކޮންމެހެން އަޅަންޖެހޭ މުހިންމު ފިޔަވަޅުތަކެކެވެ.

އެ ފިޔަވަޅުތައް ތަންފީޒުކުރުމަށް ކަމާބެހޭ ކުންފުނިތަކަށް އެންގުމަށާއި، އެ ކުންފުނިތަކުން އެކަމަށް އަމަލުކުރާ މިންވަރު މޮނިޓާ ކުރުމަށް ޕީސީބީއަށް އަންގައިފައިވާކަން މިނިސްޓްރީން ފާހަގަކުރިއެވެ. އަދި އެ އިރުޝާދުތައް ތަންފީޒުވަމުންދާ ގޮތުގެ އަދާހަމަ މަޢުލޫމާތު ގަވާއިދުން މިނިސްޓްރީއަށް ހިއްސާކުރުމަށް އެދިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

ފިނޭންސް މިނިސްޓްރީން ބުނީ އެ ފިޔަވަޅުތަކަކީ ކުންފުނިތަކުގެ ޚަރަދު ކުޑަކުރުމަށާއި، ފައިސާ ޚަރަދުކުރުމުގައި ހަރުދަނާ އުސޫލުތަކެއް ގެންގުޅުމަށާއި، މާލީ މެނޭޖްމަންޓް ރަނގަޅުކުރުމަށް ޕީސީބީން މީގެ ކުރިން ނެރެފައިވާ އިރުޝާދުތަކަށް އިތުރުކުރި ކަންތައްތަކެއް ކަމަށެވެ.

މިދިޔަ ފެބްރުވަރީ މަހުގެ 28ގައި އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައާ ގުޅިގެން، ގިނަ އަދަދެއްގެ ގައުމުތަކުން ޚަރަދު ކުޑަ ކުރުމަށް ބޮޑެތި ފިޔަވަޅުތައް އަޅައިފައިވެއެވެ. އޭގެ ތެރޭގައި ސަރުކާރު މުވައްޒަފުން މަސައްކަތް ކުރާ ގަޑިތައް މަދުކުރުމާއި، އެ މުވައްޒަފުން ގޭގައި މަސައްކަތް ކުރާ ގޮތަށް ބަދަލުކުރުމާއި ސްކޫލްތައް ބަންދުކުރުން ފަދަ ފިޔަވަޅުތައް ހިމެނެއެވެ.

https://sun.mv/220647

ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރަށް އެރި ލޮޅުމުގެ އަސަރުކޮށް، ރާއްޖޭގައި ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. އަދި ރާއްޖޭގައި ވެސް ޚަރަދު ކުޑަކުރަން ގިނަ ފިޔަވަޅުތައް އެޅުމަށް އިގުތިސާދީ ބައެއް މާހިރުން ގޮވާލައިފައިވެއެވެ.

އެހެންނަމަވެސް، މި މަހުގެ ހަތަރު ވަނަ ދުވަހު އޮތް މުހިންމު އިންތިޚާބުތަކާ ދިމާކޮށް ސަރުކާރު ކުންފުނިތަކަށް ގިނަ އަދަދެއްގެ މުވައްޒަފުން ނަގައިފައިވެއެވެ. އެގޮތުން މިދިޔަ މަހުގެ އެކަކުން 28އަށް އެކަނިވެސް އެމްޓީސީސީން ޖުމްލަ 1،185 ވަޒީފާއަކަށް މީހުން ހޯދަން އިއުލާންކޮށްފައިވެއެވެ.

އޭގެ ސަބަބުން ސަރުކާރަށް ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވިއެވެ. އެ ދުވަހު އޮތް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުން މުހިންމު ގިނަ ގޮނޑިތައް ކާމިޔާބުކުރީ އިދިކޮޅު އެމްޑީޕީންނެވެ. އަދި މައި ދެ އިންތިޚާބު ކަމަށްވާ، މަޖިލިސް އިންތިޚާބާއި ރިޔާސީ އިންތިޚާބު އެއްކޮށް ބޭއްވުމަށް ނެގި ފެންނަ ނުފެންނަ ވޯޓު ވެސް ނިމުނީ ސަރުކާރުން ބޭނުންވި ގޮތާ ޚިލާފަށެވެ.

https://sun.mv/220693

ފާހަގަކޮށްލެވޭ ގޮތުގައި އެ ނާކާމިޔާބީއަށް ފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކެބިނެޓަށް ވެސް ބޮޑެތި ބަދަލުތަކެއް ގެންނަވަައިފައެވެ. އެގޮތުން މިދިޔަ އަންގާރަ ދުވަހު 10 ވަޒީރަކު ވަނީ ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވައިފައެވެ. އަދި ހުސްވި މަގާމުތަކަށް އާ ބޭފުޅުން އައްޔަންކުރެއްވިއިރު ރައީސް ވަނީ މިނިސްޓްރީތަކުގެ އަދަދު 20އިން 15އަށް މަދުކުރައްވައިފައެވެ.

ހަތަރު ލައްކައެއްހާ މީހުންގެ އާބާދީއެއް އޮންނަ މި ގައުމުގެ ސިވިލްސާވިސްގައި މިވަގުތު 30312 މުވައްޒަފުން ތިބިއިރު ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ގާތްގަނޑަކަށް 36000 އެއްހާ މުވައްޒަފުން އެބަތިއްބެވެ. އެކިއެކި އިދާރާތަކާއި މިނިވަން މުއައްސަސާތަކާއި ސިޔާސީ މަގާމުތަކަށް ބަލާއިރު ވިއްސަކަށް ހާހާ ގާތް ކުރެއެވެ.

comment ކޮމެންޓް