ދައުލަތަށް ލިބުނު ޓެކްސް އާމްދަނީ 7 އިންސައްތަ އިތުރުވިއިރު ޚަރަދުތައް ވެސް ވަނީ މަތިވެފައި

ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު -- ފޮޓޯ/ ފިނޭންސް މިނިސްޓްރީ

މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބުނު ޓެކްސް އާމްދަނީ، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ހަތް އިންސައްތަ އިތުރުވިއިރު ދައުލަތުގެ ޚަރަދުތައް ވެސް އިތުރުވެފައިވާކަން ފިނޭންސް މިނިސްޓްރީއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުން ދައްކައިފިއެވެ.

އެ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރުގެ މިހާތަނަށް ޓެކްސް އާމްދަނީގެ ގޮތުގައި 24.63 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 23.03 ބިލިއަން ރުފިޔާއާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ. ޓެކްސް އާމްދަނީއަށް އައި މި ކުރިއެރުމުގެ މައިގަނޑު ސަބަބަކީ އާންމު މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީޖީއެސްޓީ) އާއި، ރާއްޖޭގައި ވަޒަންވެރިނުވާ ފަރާތްތަކުގެ އަތުން ނަގާ ވިތުހޯލްޑިން ޓެކްސްގެ އިތުރުން އެހެނިހެން ދާއިރާތަކުން ލިބުނު އާމްދަނީ އިތުރުވުން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އެގޮތުން ޖީޖީއެސްޓީގެ ގޮތުގައި 4.43 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 8.2 އިންސައްތައިގެ އިތުރުވުމެކެވެ. ރާއްޖޭގައި ވަޒަންވެރިނުވާ ފަރާތްތަކުގެ އަތުން ނަގާ ވިތުހޯލްޑިން ޓެކްސްގެ އާމްދަނީ 10.4 އިންސައްތަ އިތުރުވެ 1.09 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އިމްޕޯޓް ޑިއުޓީގެ ގޮތުގައި 2.79 ބިލިއަން ރުފިޔާ އަދި ކޯޕަރޭޓް އިންކަމް ޓެކްސްގެ ގޮތުގައި 3.01 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

މީގެއިތުރުން އެއާޕޯޓް ސާވިސް ޗާޖާއި ޑިޕާޗާ ޓެކްސްގެ ގޮތުގައި 1.55 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ހިލޭ އެހީގެ ގޮތުގައި 0.52 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއާއެކު ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީއާއި ހިލޭ އެހީގެ މިންވަރު ވަނީ 2.6 އިންސައްތަ އިތުރުވެ، 31.89 ބިލިއަން ރުފިޔާއަށް އަރާފައެވެ.

އާމްދަނީ އިތުރުވި ނަމަވެސް، ދައުލަތުގެ ޚަރަދުތައް ވެސް ވަނީ މަތިވެފައެވެ. އޮކްޓޫބަރު 15 ގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ޚަރަދު 36.39 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ މިދިޔަ އަހަރަށްވުރެ 16.9 އިންސައްތައިގެ އިތުރުވުމެކެވެ. މީގެ ތެރެއިން ރިކަރަންޓް ޚަރަދު 31.35 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ސަބްސިޑީއަށް ކުރި ޚަރަދު 73.3 އިންސައްތަ އިތުރުވެ 4.31 ބިލިއަން ރުފިޔާއަށް އަދި އާސަންދައަށް ކުރި ޚަރަދު 16.9 އިންސައްތަ އިތުރުވެ 1.92 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. އަދި މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް 5.56 ބިލިއަން ރުފިޔާ ޚަރަދުވެފައިވެއެވެ.

ކެޕިޓަލް ޚަރަދުތަކަށް ބަލާއިރު، ޖުމްލަ ކެޕިޓަލް ޚަރަދު 15.2 އިންސައްތަ އިތުރުވެ 5.04 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ބިމާއި އިމާރާތްތަކަށް ކުރި ޚަރަދު ވަނީ 1.57 ބިލިއަން ރުފިޔާއަށް އުފުލިފައެވެ. އަދި ދައުލަތުގެ އާމްދަނީއަށްވުރެ ޚަރަދުތައް އިތުރުވުމުގެ ސަބަބުން، ބަޖެޓުގެ އޯވަރޯލް ޑެފިސިޓް މިހާރު ވަނީ 4.50 ބިލިއަން ރުފިޔާއަށް އަރާފައެވެ.

comment ކޮމެންޓް