މަސްތުވާތަކެތީގެ ބޮޑު ދެ މައްސަލައެއްގައި ކުރިން ހިމެނުނު ދެ މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.
ފޮޓޯއާއި ވަނަވަރާއެކު ވަކިވަކިން ފުލުހުން އިއުލާންކޮށްފައިވާ ދެ މީހުންނަކީ، އަސްރަފީގެ، ގދ.ވާދޫ، މުޙައްމަދު ޝަރީފް (49އ) އަދި ރ.ރަސްގެތީމް / ފީރޯޒްގެ، އަޙްމަދު ޝިނާން (35އ) އެވެ.
މި ދެ މީހުންގެ ތެރެއިން މުހައްމަދު ޝަރީފް ހޯދަނީ، ދައުލަތުން އޭނާގެ މައްޗަށް ދައުވާކުރާ، ކެނަބިސް ޓްރެފިކް ކުރުމުގެ ކުށުގެ މައްސަލައިގެ ހުކުމް ކުރުމަށެވެ. މި މައްސަލަ އޮތީ އަންނަ އާދިއްތަ ދުވަހަށް ތާވަލުކޮށްފައެވެ. އޭނާ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ރެކޯޑްތައް ދައްކާ ގޮތުން، މުހައްމަދު ޝަރީފަކީ ޖޫން 2020 ގައި ފުލުހުން ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި 6.8 ކިލޯގެ ކެނަބިސްއާ އެކު ހައްޔަރު ކުރި ދެ މީހުންގެ ތެރެއިން އެކަކެވެ. އެ މައްސަލައިގައި ޑްރަގް ޓްރެފިކް ކުރުމުގެ ދައުވާ ޝަރީފްގެ މައްޗަށް އުފުލާފައިވެއެވެ.
ޝަރީފަކީ މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅޭ ކުށުގެ ރިކޯޑު އޮންނަ މީހެއް ކަމަށް ފުލުހުން ކުރިން ބުންޏެވެ. އަދި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި މީގެ ކުރިން ވެސް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ހޯދަން އިއުލާންކޮށްފައިވާ ދެވަނަ މީހަކީ، ޑްރަގް އެންފޯސްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ހާޒިރު ކުރަން، އަޙްމަދު ޝިނާނެވެ.
ޝިނާން ހޯދަން އިއުލާން ކުރީ، ތަހުގީގުގައި ސުވާލު ކުރަން ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް ކަމަށް ފުލުހުން ބުންޏެވެ.
ރެކޯޑްތަކުން ދައްކާ ގޮތުގައި ޝިނާނަކީ، ރާއްޖެއަށް 72 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި ހިމެނޭ މީހެކެވެ. އެއީ، "މަސްޖަރީ" ދޯނީގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ދައުލަތުން ދައުވާ ކުރި މީހުންގެ ތެރެއިން އެކަކެވެ.