ޝިޔާމަށް އަލުން ފުލުހުންގެ ވަޒީފާ ދޭން ހުކުމްކޮށްފި

ޝިޔާމް

މީގެ ބާރަ އަހަރު ކުރިން، މަގާމުގެ ނުފޫޒު ބޭނުންކުރިކަމުގެ ތުހުމަތުގައި ފުލުހުންގެ ވަޒީފާއިން ވަކިކުރި އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު ޝިޔާމަށް އަލުން ވަޒީފާ ދިނުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ވަނީ ހުކުމްކޮށްފައެވެ. ސިވިލް ކޯޓުން ކުރިން އޭނާއާ ދެކޮޅަށް ނިންމާފައިވީ ނަމަވެސް، ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވީ ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން އެކަށީގެންވާ ތަހުގީގެއް ކޮށްފައިވާކަން ދައުލަތަށް ސާބިތުކޮށްދެވިފައި ނުވާކަމަށެވެ. އަދި ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން މިއަދާ ހަމައަށް ލިބެންޖެހޭ މުސާރައާއި އިނާޔަތްތައް ދިނުމަށްވެސް ވަނީ އަމުރުކޮށްފައެވެ.

  • 2014 ވަނަ އަހަރު ވަޒީފާއިން ވަކިކުރި އަހުމަދު ޝިޔާމަށް އަލުން ވަޒީފާ ދިނުމަށް ހައިކޯޓުން ހުކުމްކޮށްފި
  • ޝިޔާމް ވަޒީފާއިން ވަކިކުރީ ނޯތު ޕޮލިސް ޑިވިޝަންގެ ކޮމާންޑަރަކަށް ހުއްޓައި
  • ސިވިލް ކޯޓުން މައްސަލަ ނިމުނީ ޝިޔާމާ ދެކޮޅަށް ނަމަވެސް ހައިކޯޓުން ވަނީ އެ ނިންމުން ބާތިލުކޮށްފައި
  • ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން ލިބެންޖެހޭ މުސާރައާއި އިނާޔަތްތައް ދިނުމަށް ވަނީ އަންގާފައި

މީގެ 12 ވަރަކަށް އަހަރު ކުރިން، ފުލުހުންގެ ވަޒީފާއިން ވަކިކުރި އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމަށް އަލުން ވަޒީފާދޭން ހައިކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ޕޮލިސް މީޑިއާގައި މަސައްކަތްކުރިއިރު އާއްމުންގެ ތެރޭގައި މަޝްހޫރުވި ޝިޔާމް، ވަޒީފާއިން ވަކިކުރީ 2014 ވަނަ އަހަރެވެ. މެއި 2014 ގައި ޝިޔާމް ފުލުހުންގެ ވަޒީފާއިން ވަކިކުރިއިރު ހުންނެވީ ނޯތު ޕޮލިސް ޑިވިޝަންގެ ކޮމާންޑަރަކަށެވެ. އޭނާ ވަކިކުރީ، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އަމަލުތަކެއް ހިންގިކަމުގެ ތުހުމަތުގައެވެ.

ޝިޔާމް ވަޒީފާއިން ވަކިކުރުމުން އޭނާ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުން އެ ކޯޓުން އޭނާއަށް އެ ކޯޓުން އެ މައްސަލަ ކާމިޔާބު ނުވިއެވެ. އެ މައްސަލަ އެ ކޯޓުން ނިންމިއިރު، އޮތީ އޭނާއަށް އަލުން ވަޒީފާ ދޭން ޖެހޭނެ ތަނެއް ނެތް ކަމަށް ކަނޑައަޅައިފައެވެ.

އޭގެ ފަހުން 2019 ވަނަ އަހަރު ސިވިލް ކޯޓަށް ހުށަހެޅި އެ މައްސަލަ އެ ކޯޓުން ނިމުނީ 2020 ގައެވެ. އެ އަހަރު މައްސަލަ ނިމުމުން ހައިކޯޓަށް އެ މައްސަލަ ހުށަހެޅީ 2021 ވަނަ އަހަރުގެ ކުރީކޮޅެވެ. ހައިކޯޓުގައި ހަ އަހަރު ދުވަހަށްވުރެ ގިނަ ދުވަސްވުމަށް ފަހު މައްސަލަ ނިންމީ މިއަދެވެ.

ހައިކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ޝިޔާމް ވަޒީފާއިން ވަކިކުރަން ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ނިންމުމުގައި ރިއާޔަތްކުރި ހެއްކަކީ ކޮބައިކަން އެނގޭނެ ހެއްކެއް ކޯޓަށް ހުށަހަޅާފައި ނުވާތީ އެ ބޯޑުން އެކަށީގެންވާ މިންވަރުގެ ތަހުގީގެއް ކޮށްފައިވާކަން ދައުލަތަށް ބުނެދެވިފައިނުވާ ކަމަށެވެ. އެހެންވެ، ޝިޔާމަށް އަލުން ވަޒީފާ ދިނުމަށާއި ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ އަނބުރާ ދިނުމާ ހަމައަށް ލިބެންޖެހޭ މުސާރައާއި އިނާޔަތްތައް ދޭން އަންގާ ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވެއެވެ.

ހައިކޯޓުގައި ހަ އަހަރުވީ މި މައްސަލަ ބެއްލެވީ ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ އާއި ފަނޑިޔާރު ހަސަން ޝަފީއު އަދި ފަނޑިޔާރު އަބްދުލްމާނިއު ހުސައިނެވެ.

ޕޮލިސް ވަޒީފާއިން ވަކިކުރުމުން ޝިޔާމް އުޅުއްވީ ވިޔަފާރީގައެވެ. އޭނާއަކީ މާލޭގެ ބައެއް މަޝްހޫރު ރެސްޓޯރެންޓްތައް ހިންގުމުގައި މިހާރު އުޅުއްވާ ވިޔަފާރިވެރިއެކެވެ. އޭނާ، މި ފަހުން ކުޅިވަރު ހިންގުމުގެ ތެރޭގައިވެސް މަސައްކަތް ކުރެއްވިއެވެ.

comment ކޮމެންޓް