މި މަހުގެ ފުރަތަމަ ދެ ހަފުތާ ތެރޭ، ވަގަށް ނަގާފައިވާ 1.46 މިލިއަން ރުފިޔާ ހޯދިއްޖެ: ފުލުހުން

އަންހެން ފުލުހެއް މަގުމަތީގައި -- ފޮޓޯ/ ފުލުހުން

މިއަހަރުގެ އޭޕްރިލް މަހުގެ ފުރަތަމަ ސާދަ ދުވަހުގެ ތެރޭގައި، މާލޭގެ އެކި ސަރަޙައްދުތަކުން ވަގަށް ނަގާފައިވާ ފައިސާގެ ތެރެއިން ޖުމްލަ 1،461،315 ރުފިޔާ ދިވެހި ފުލުހުން ހޯދައިފިއެވެ. މި ފައިސާއަކީ އެކި ދުވަސްވަރު ހުށަހެޅިފައިވާ ވައްކަމުގެ މައްސަލަތަކާ ގުޅިގެން ހޯދިފައިވާ ފައިސާއެވެ. މީގެ ތެރޭގައި ހެންވޭރު، ގަލޮޅު އަދި މާފަންނު ޕޮލިހުން ހޯދާފައިވާ ފައިސާ ހިމެނެއެވެ. ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ މިހާތަނަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ވައްކަމުގެ މައްސަލަތަކެވެ.

  • މި އޭޕްރިލް މަހުގެ ފުރަތަމަ ދެ ހަފުތާގައި 1.46 މިލިއަން ރުފިޔާ ވަނީ ހޯދިފައެވެ.
  • މީގެ ތެރޭގައި ގަލޮޅު ޕޮލިހުން ހޯދި 710،404 ރުފިޔާ ހިމެނެއެވެ.
  • މިއަހަރު އެންމެ ގިނައިން ހުށަހެޅިފައިވަނީ ވައްކަމުގެ މައްސަލަތަކެވެ.
  • މުޅި ޖުމްލަ 3،421 މައްސަލަ ރިޕޯޓުކޮށްފައިވާއިރު އޭގެ ތެރެއިން 952 މައްސަލައަކީ ވައްކަމެވެ.

މިހާތަނަށް މާލޭން ވަގަށް ނަގާފައިވާ ފައިސާގެ ތެރެއިން 1.46 މިލިއަން ރުފިޔާ، މި އޭޕްރިލް މަހުގެ ފުރަތަމަ ދެ ހަފުތާގެ ތެރޭ އެކަނިވެސް ހޯދިފައި ވާކަމަށް ފުލުހުން މިއަދު ބުނެފިއެެވެ.

ފުލުހުން މިއަދު ވަނީ ވައްކަމުގެ މައްސަލަތަކުގައި ގެއްލިފައިވާ ފައިސާގެ ތެރެއިން މި މަހުގެ ފުރަތަމަ ދެ ހަފްތާގެ ތެރޭގައި ހޯދައިފައިވާ ފައިސާގެ އަދަދު ހާމަކޮށްފައެވެ.

އެގޮތުން ފުލުހުން ކޮށްފައިވާ ޕޯސްޓުގައި ވާގޮތުން، މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 1،461،315 ރުފިޔާ ވަނީ ހޯދިފައެވެ.

އޭގެތެރޭގައި ހިމެނެނީ ހެންވޭރު ޕޮލިހުން ހޯދައިފައިވާ 490،286 ރުފިޔާއާއި ގަލޮޅު ޕޮލިހުން ހޯދައިފައިވާ 710،404 ރުފިޔާއާއި މާފަންނު ޕޮލިހުން ހޯދައިފައިވާ 260،623 ރުފިޔާއެވެ.

އެ ފައިސާއަކީ، އެކި ތާރީޚުތަކުގައި ރިޕޯޓުކޮށްފައިވާ ވައްކަމުގެ މައްސަލަތަކުގައި ހިމެނޭ ފައިސާކަން ފުލުހުން ފާހަގަކުރިއެވެ. ނަމަވެސް، މާލޭން ރިޕޯޓުކޮށްފައިވާ ވައްކަމުގެ މައްސަލަތަކުގައި މިހާތަނަށް ގެއްލިފައިވަނީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް އެ މުއައްސަސާއިން ހާމައެއްނުކުރެއެވެ.

ވައްކަމުގެ މައްސަލަތައް މާލެއާއި އަތޮޅު ތެރޭގައި ވެސް ވަނީ އިތުރުވެފައެވެ.

ފުލުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް 3,421 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު، އެންމެ ގިނައީ ވައްކަމުގެ މައްސަލަތަކެވެ. އެގޮތުން ވައްކަމުގެ 952 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.

comment ކޮމެންޓް