މިދިޔަ މަހު ރާއްޖޭގައި، ގޭހާއި ތެލުގެ އަގަށް 12.48 ޕަސެންޓްގެ އިތުރުވުމެއް

މޯލްޑިވް ގޭސް: މިދިޔަ މަހު، ގޭހައި ތެލުގެ އަގަށް 12.48 ޕަސެންޓްގެ އިތުރުވުމެއް އައިސްފައިވާ ކަމަށް ތަފާސްހިސާބުން ދައްކާ --

ސްޓެޓިސްޓިކްސް ބިއުރޯގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މާރިޗު މަހު ރާއްޖޭގައި ގޭހާއި ތެލުގެ އަގު ވަނީ ފެބްރުވަރީ މަހާ އަޅައިބަލާއިރު ބާރަ ޕޮއިންޓް ހަތަރެއް އަށެއް އިންސައްތަ އިތުރުވެފައެވެ. މީގެ މައިގަނޑު ސަބަބަކީ މެދުއިރުމަތީގައި ފެށުނު ހަނގުރާމައާއި ގުޅިގެން ހުރުމުޒް ކަނޑުއޮޅި ބަންދުކުރުމުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމެވެ. މީގެ އަސަރު ރާއްޖެއަށްކޮށް، ތެލާއި ގޭސް ލިބުމުގައި ދަތިތަކެއް ކުރިމަތިވެ ބައެއް އަތޮޅުތަކުގައި ތެލުގެ އަގު ދެގުނައަށް އުފުލުނެވެ. އަދި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުން ލަފާކުރާ ގޮތުގައި މިއަހަރު ރާއްޖޭގެ އިންފްލޭޝަން ފަހެއް އިންސައްތައަށް އަރާނެއެވެ.

  • މާރިޗު މަހު ގޭހާއި ތެލުގެ އަގު ބާރަ އިންސައްތައަށްވުރެ ބޮޑުވެއްޖެ
  • ބައެއް އަތޮޅުތަކުގައި ޕެޓްރޯލާއި ޑީސެލްގެ އަގު ތިރީސް ރުފިޔާއަށް އުފުލިއްޖެ
  • މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން މުދާ ލިބުމުގައި ދަތިތަކާ ކުރިމަތިވި
  • މިއަހަރު ރާއްޖޭގެ އިންފްލޭޝަން ފަހެއް އިންސައްތައަށް މައްޗަށްދާނެކަމަށް ލަފާކުރެވޭ

މިދިޔަ މާރިޗު މަހު، މިދިޔަ ފެބްރުވަރީ މަހާ އަޅައިބަލާއިރު ގޭހާއި ތެލުގެ އަގު 12.48 ޕަސެންޓް އިތުރުވެފައިވާ ކަމަށް ސްޓެޓިސްޓިކްސް ބިއުރޯގެ ތަފާސްހިސާބުން ދައްކައިފިއެވެ.

ސްޓެޓިސްޓިކްސް ބިއުރޯއިން ނެރުނު، އަސާސީ ތަކެތީގެ އަގުތަކަށް އައިސްފައިވާ ބަދަލުތައް ދައްކުވައިދޭ އިންޑެކްސް (އީސީޕީއައި)އިން ދައްކާ ގޮތުގައި، މިދިޔަ ފެބްރުވަރީ މަހާ އަޅައިބަލާއިރު މިދިޔަ މާރިޗު މަހު ތަކެތީގެ އަގު ވަނީ 0.18 ޕަސެންޓް އިތުރުވެފައެވެ. އަދި މިދިޔަ އަހަރުގެ މާރިޗު މަހާ އަޅައިބަލާއިރު، އަގުތައް ވަނީ 1.33 ޕަސެންޓް އިތުރުވެފައެވެ.

މިދިޔަ މަހު އެންމެ ބޮޑަށް އަގު އުފުލިފައިވަނީ ގޭހާއި ތެލުގެ ބާވަތްތަކުންނެވެ. އެގޮތުން، ފެބްރުވަރީ މަހާ އަޅައިބަލާއިރު އެ ބަވާތުން އަގުތައް ވަނީ 12.48 ޕަސެންޓް އިތުރުވެފައެވެ. އަދި މިދިޔަ އަހަރުގެ މާރިޗު މަހާ އަޅައިބަލާއިރު 12.28 ޕަސެންޓް ވަނީ އިތުރުވެފައެވެ.

ސްޓެޓިސްޓިކްސް ބިއުރޯއިން އީސީޕީއައި ހާމަކުރަން ފެށީ މިދިޔަ އޮގަސްޓު މަހު ކަމަށްވާއިރު، މިއީ އޭގެ ފަހުން ގޭހާއި ތެލުގެ އަގު މިހާ ވަރަށް އުފުލުނު ފުރަތަމަ ފަހަރެވެ.

ބާޒާރުމަތީ ސަރަހައްދުގައި މީހަކު އެއްޗެހި އުފުލަނީ: މިދިޔަ މަހު އަސާސީ ތަކެތީގެ އަގު ވަނީ އުފުލިފައި -- ސަން ފޮޓޯ/ ހުސައިން އާއިޝް އަޝްރަފް

ފާހަގަކޮށްލެވޭ ގޮތުގައި، މިދިޔަ ފެބްރުވަރީ މަހުގެ 28ގައި އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައާ ގުޅިގެން، ދުނިޔޭގެ ބާޒާރަށް ވަނީ ބަދަލުތައް އަންނަން ފަށައިފައެވެ. ޚާއްސަކޮށް، ތެލުގެ ބޮޑެތި ޝިޕްމެންޓްތައް އުފުލާ ހުރުމުޒް ކަނޑުއޮޅި ބަންދުކުރުމުން، ތެލުގެ އަގު ވަނީ ރެކޯޑު އަދަދުތަކަށް އުފުލިފައެވެ.

އެ ހަނގުރާމަ ފެށުނު ފަހުން، ތެލުގެ އަގު އެންމެ މަތިވި 10 ގައުމުގެ ތެރޭ ރާއްޖެ ހިމެނުނެވެ. އަދި ތެޔޮ އެތެރެކުރާ ސަރުކާރު ކުންފުނި އެސްޓީއޯއިން އަމިއްލަ ފަރާތްތަކާއި ވިޔަފާރިތަކަށް ތެޔޮ ވިއްކާ އަގުތައް ބޮޑުކޮށްފައިވެއެވެ.

https://sun.mv/219327

އޭގެ ސަބަބުން 15 ނުވަތަ 16 ރުފިޔާއަށް ލިބެމުން އައި ޕެޓްރޯލާއި ޑީސެލްގެ އަގުތައް މިދިޔަ މަހު ބައެއް އަތޮޅުތަކުގައި ވަނީ 30 ރުފިޔާއަށް ވެސް އަރައިފައެވެ.

މީގެ އިތުރުން، އެސްޓީއޯގެ ދަށުން ގޭސް ވިއްކާ މޯލްޑިވް ގޭސްގެ ޝިޕްމެންޓުތަކެއް ލަސްވެ، ގޭސް ކޮންޓްރޯލްކޮށްގެން ވިއްކައިފައިވެއެވެ. އެގޮތުން 10 ކިލޯގެ ގޭސް ފުޅިއަށް އެންމެ ފަސް ކިލޯގެ ގޭސް އަޅައިގެން 100 ރުފިޔާއަށް ވިއްކިއެވެ. އަދި އައު ކަސްޓަމަރުންނަށް ގޭސް ދޫކުރުންވެސް ވަގުތީ ގޮތުން މެދުކަނޑާލިއެވެ.

ފިހާރައެއްގައި މީހުން: އޭޑީބީން ވަނީ މި އަހަރު ރާއްޖޭގައި ތަކެތީގެ އަގު އުފުލޭނެ ކަމަށް ލަފާކޮށްފައި -- ސަން ފޮޓޯ/ފަޔާޒު މޫސާ

އެސްޓީއޯއިން މިދިޔަ މަހުގެ 23ގައި ވަނީ ގޭހުގެ އައު ޝިޕްމަންޓް ލިބުމުން އަނެއްކާވެސް 10 ކިލޯގެ ގޭސް ފުޅި ވިއްކަން ފެށިކަން އިއުލާންކޮށްފައެވެ.

ގޭސް ވިއްކާ އަމިއްލަ ކުންފުނި ވިލާއިން ވެސް، ކޮންޓްރޯލް ކޮށްގެން ގޭސް ވިއްކައިފައިވެއެވެ. އަދި މި މަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން، 10 ކިލޯގެ ގޭސް ފުޅިއެއްގެ އަގު 200 ރުފިޔާއިން 350 ރުފިޔާއަށް ބޮޑުކުރާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

https://sun.mv/220280

އެ ބަދަލު އިއުލާން ކުރުމާ ގުޅިގެން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ގޭހުގެ އަގު ބޮޑުކުރަން ފުރުސަތު ނުދޭނެ ކަމަށް ވިދާޅުވެފައެވެ.

މިއަދު "ސަން"އިން މައުލޫމާތު ސާފުކުރުމުން، ވިލާ ގޭސްއިން ވަނީ 10 ކިލޯގެ ގޭސް ފުޅިއެއްގެ އަގަކީ އަދިވެސް 200 ރުފިޔާ ކަމަށް ބުނެފައެވެ.

ރާއްޖެއަކީ އަސާސީ ތަކެއްޗަށް އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމަކަށްވާއިރު، ސަރުކާރުން އަންނަނީ އެއްވެސް ދަތިކަމެއް ނެތި ކާބޯތަކެއްޗާއި ތެލާއި ގޭސް ލިބޭނެ ކަމުގެ ޔަގީންކަން ދެމުންނެވެ.

އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން މި މަހު ނެރުނު, އޭޝިއަން ޑިވެލޮޕްމަންޓް އައުޓްލުކް (އޭޑީއޯ) ރިޕޯޓުގައި ވަނީ، މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން މި އަހަރު ރާއްޖޭގެ އިގުތިސާދީ ދުވެލި ވަރަށް ބޮޑަށް ދަށްވާނެކަމަށް އަންދާޒާކޮށްފައެވެ.

https://sun.mv/220411

އެ ރިޕޯޓްގައި ބުނެފައިވާ ގޮތުން އިގުތިސާދީ ދުވެލި އެހާ ބޮޑަށް މަޑުޖެހެނީ، ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށާއި، ހަކަތައިގެ އަގުތަކަށާއި، ދައުލަތުގެ މާލީ ރައްކާތެރިކަމަށް ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކުގެ ސަބަބުންނެވެ.

އޭޑީބީން ލަފާކުރާ ގޮތުގައި، އިމްޕޯޓު މުދަލުގެ އަގު ބޮޑުވުމުގެ ސަބަބުން މި އަހަރު ރާއްޖޭގެ އިންފްލޭޝަން ރޭޓު, ނުވަތަ ތަކެއްޗާއި ޚިދުމަތުގެ އަގުތައް 5.0 އިންސައްތައަށް އުފުލޭނެއެވެ. މިއީ އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވެ، އިގުތިސާދު ގޮތުން އާއިލާތަކަށް ބުރަބޮޑުވާނެ ކަމެކެވެ.

comment ކޮމެންޓް