33 އަހަރަށްފަހު އިސްރާއީލާއި ލުބުނާނުން ސީދާ މަޝްވަރާތައް ބާއްވައިފި

އިސްރާއީލާއި ލުބުނާނުން ވަނީ ތިރީސް ތިން އަހަރަށްފަހު ފުރަތަމަ ފަހަރަށް ސީދާ މަޝްވަރާތައް ފަށާފައި. ފޮޓޯ/ގެޓީ

ތިރީސް ތިން އަހަރަށްފަހު ފުރަތަމަ ފަހަރަށް އިސްރާއީލާއި ލުބުނާނުގެ ސަފީރުން އެމެރިކާގެ މެދުވެރިކަމާއެކު ވޮޝިންޓަންގައި ސީދާ މަޝްވަރާތަކެއް ބާއްވައިފިއެވެ. މިއީ 1993 ވަނަ އަހަރަށްފަހު މިފަދަ މަޝްވަރާއެއް ބޭއްވި ފުރަތަމަ ފަހަރެވެ. މި ބައްދަލުވުމުގެ މައިގަނޑު މަޤުޞަދަކީ ހިޒްބުﷲ ޖަމާޢަތުގެ ނުފޫޒު ކުޑަކޮށް، ހަނގުރާމަ ހުއްޓާލުމާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން ގޮތްތަކެއް ނިންމުމެވެ. ނަމަވެސް ހިޒްބުﷲ އިން ވަނީ މި މަޝްވަރާތަކަށް ދެކޮޅުހަދައި، އެއްވެސް ނިންމުމަކަށް ތަބާނުވާނެކަމަށް ބުނެފައެވެ.

  • 33 އަހަރަށްފަހު އިސްރާއީލާއި ލުބުނާނުން ސީދާ މަޝްވަރާތައް ބާއްވައިފި.
  • މަޝްވަރާތައް ކުރިއަށް ދިޔައީ އެމެރިކާގެ މެދުވެރިކަމާއެކު ވޮޝިންޓަންގައި.
  • އިސްރާއީލުގެ ޝަރުތަކީ ހިޒްބުﷲ އިން ހަތިޔާރު ބެހެއްޓުން އަދި ލުބުނާނުން ބޭނުންވަނީ ހަނގުރާމަ ހުއްޓާލުމަށް.
  • ހިޒްބުﷲ އިން ވަނީ މި މަޝްވަރާތަކުން ނުކުންނަ އެއްވެސް ނިންމުމަކަށް ތަބާނުވާނެކަމަށް ބުނެފައި.

ތިރީސް ތިން އަހަރަށްފަހު ފުރަތަމަ ފަހަރަށް އިސްރާއީލާއި ލުބުނާނުން ސީދާ މަޝްވަރާތައް ބާއްވާފައިފިއެވެ.

ދެ ގައުމުގެ ދެމެދުގައި ޑިޕްލޮމެޓިކް ގުޅުމެއް ނެތްއިރު، އެންމެ ފަހުން ސީދާ، މަތީ ފެންވަރުގެ މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ 1993 ވަނަ އަހަރުއެވެ.

މިއީ އިސްރާއީލާއި އީރާނުގެ ތާއީދު އޮންނަ ހިޒްބުالله ޖަމާއަތާ ދެމެދު ހިނގާ ހަނގުރާމަތައް ނިމުމަކަށް ގެނައުމަށް މަގުސަދުގައި ހިނގާ މަދުން ނޫނީ ނުފެންނަ ބައްދަލުވުމެކެވެ.

އެމެރިކާގެ މެދުވެރިކަމުގައި ވޮޝިންޓަން ޑީސީގައި ކުރިއަށް ގެންދިޔަ މަޝްވަރާތަކުގައި ލުބުނާނާއި އިސްރާއީލުގެ ސަފީރުން ވަނީ ބައްދަލުކުރައްވާފައެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ވިދާޅުވީ މިއީ ހިޒްބުاللهގެ ނުފޫޒު ނިމުމަކަށް ގެނައުމަށް ލިބުނު "ތާރީހީ ފުރުސަތެއް" ކަމަށެވެ.

ނަމަވެސް ހިޒްބުالله އިން ވަނީ އެ މަސައްކަތްތައް " ބޭކާރު" ކަމަށް ބުނެ މަޝްވަރާތަކުން ވަކިވުމަށް ލުބުނާން ސަރުކާރަށް އިލްތިމާސްކޮށްފައެވެ.

އެމެރިކާއިން ނެރުނު ބަޔާނެއްގައި ބުނީ ދެފަރާތުން އެއްބަސްވެފައިވަނީ ސީދާ މަޝްވަރާތައް ފެށުމަށް ކަމަށާއި ތަނާއި ވަގުތުވެސް ކަނޑައަޅާނެ ކަމަށެވެ.

ލުބުނާނުގެ ހަތިޔާރު އެޅި ޖަމާއަތް ހިޒްބުﷲ އިން ހަތިޔާރު ނައްތާލުމަކީ ޝަރުތެއް ކަމަށާއި ހަތިޔާރު ނުބަހައްޓައިފިނަމަ މަޝްވަރާ ނުކުރާނެ ކަމަށް އިސްރާއީލުން މީގެކުން ވަނީ ބުނެފައެވެ.

ލުބުނާނުން ވަނީ ހަނގުރާމަ ހުއްޓާލުމަށާއި އެގައުމުގެ އިންސާނީ ދަތިކަން ހައްލުކުރުމަށް ފިޔަވަޅުތަކެއް އަޅަން ގޮވާލާފައެވެ.

އެމެރިކާގެ ވޮޝިންޓަންގައި އިއްޔެ ދެ ގައުމުން ބައްދަލުކުރަމުން ދަނިކޮށްވެސް އިސްރާއީލުން ލުބުނާނަށް 24 ހަމަލާ ދީފައިވާ ކަމަށް ހިޒްބުالله އިން ބުނެފައިވެއެވެ.

އިސްރާއީލުން ބުނާ ގޮތުގައި ލުބުނާނުގައި ހިންގާ އޮޕަރޭޝަންތަކުގެ މަގުސަދަކީ އެ ޖަމާއަތުގެ ހަތިޔާރު ނައްތާލުމެވެ.

ހިޒްބުﷲއަށް ތާއީދުކުރާ ލުބުނާނުގެ ސަޕޯޓަރުން. ފޮޓޯ/އޭއެފްޕީ

މަޝްވަރާތަކަށްފަހު، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު ޓޮމީ ޕިގޮޓް ނެރުނު ބަޔާނެއްގައި ވިދާޅުވީ ހިޒްބުاللهގެ ނުފޫޒު ކުޑަކުރުމަށް މަސައްކަތް ކުރުމަށް އިސްރާއީލާއި ލުބުނާނުން ވެސް އެއްބަސްވެފައިވާ ކަމަށެވެ.

އަދި ލުބުނާނުގެ ފަރާތުން ވަނީ އެގައުމުގައި "ހަނގުރާމަ ހުއްޓާލައި، އިންސާނީ ގޮތުން ކުރިމަތިވެފައިވާ ބޮޑު ދަތިކަން ހައްލުކޮށް ލުއި ދިނުމަށް ކޮންކްރީޓް ފިޔަވަޅުތަކެއް އަޅަން" ގޮވާލާފައި ކަމަށްވެސް އޭނާ އިތުރަށް ވިދާޅުވިއެވެ.

ލުބުނާނުގެ ރައީސް ޖޯސެފް އައުން ނެރުނު ބަޔާނެއްގައި ވިދާޅުވީ މި މަޝްވަރާތަކަކީ "އާންމުކޮށް ލުބުނާނުގެ ރައްޔިތުންނާއި ޚާއްސަކޮށް ދެކުނުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ތަކުލީފުތައް ނިމުމަކަށް އައުމުގެ ފެށުން" ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އަދި މި ހަމަނުޖެހުމަށް އޮތް ހަމައެކަނި ހައްލަކީ ލުބުނާނުގެ ހަތިޔާރު އެޅި ސިފައިން އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ބެލެހެއްޓުން ކަމަށްވެސް އައުން ވިދާޅުވިއެވެ. ނަމަވެސް ހިޒްބުﷲ އާއި ކުރިމަތިލުމުގެ ގާބިލުކަން ލުބުނާނުގެ ސަރުކާރަށް ވަރަށް ކުޑައެވެ.

މަޝްވަރާތަކުގެ ކުރިން ހިޒްބުﷲގެ ސިޔާސީ ކައުންސިލްގެ މެންބަރު ވަފީގު ސަފާ އެސޯސިއޭޓެޑް ޕްރެސް، އޭޕީ ނިއުސްއަށް ވިދާޅުވީ އެމެރިކާގައި ވެފައިވާ އެއްވެސް އެއްބަސްވުމަށް ތަބާނުވާނެ ކަމަށެެވެ.

ނަވާރަ ސަތޭކަ އަށްޑިހަ ދެ ވަނަ އަހަރު އުފެދުނު ހަތިޔާރު އެޅި އަދި ތަޖުރިބާކާރު މިލިޝިއާ ޖަމާއަތެއް ކަމަށްވާ ހިޒްބުالله އިން ލުބުނާނުގެ ޝިޔައީން ގިނައިން އުޅޭ ދެކުނުގެ އިތުރުން އެ ގައުމުގެ ވެރިރަށް ބެއިރޫތުގެ ދެކުނު ސަރަހައްދުގައި ވެސް ވަނީ ވަރަށް ބޮޑަށް އަތްގަދަކޮށްފައެވެ.

އެ ޖަމާއަތާ ގުޅިފައިވާ ސިޔާސީ ބޭފުޅުން ވެސް ސަރުކާރުގެ ކެބިނެޓް ފެންވަރުގެ ދެ މަގާމެއް އަދާކުރައްވައެވެ.

އިސްރާއީލާއި އެމެރިކާއިން އީރާނުގައި ކުރި ހަނގުރާމައިގެ ތެރެއަށް ހިޒްބުﷲ އިން ވަނުމުން އެ ޖަމާއަތާއި ލުބުނާނު ސަރުކާރާއި ދެމެދު އޮތީ ގުޅުން ގޯސްވެފައެވެ.

ޕާކިސްތާނުގައި އެމެރިކާއާއި އީރާނާ ދެމެދު ވަކިވަކިން ބޭއްވި މަޝްވަރާތަކުގައި އިސްރާއީލުން ލުބުނާނަށް ދޭ ހަމަލާތައް ހުއްޓާލުމަށް ވަނީ ގޮވާލާފައެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ އޮފިޝަލަކު ބީބީސީއަށް ވިދާޅުވީ އިސްރާއީލާއި ލުބުނާނުގެ މަޝްވަރާތައް ރޭވިފައި އޮތީ މީގެ މަހެއްހާ ދުވަސް ކުރިން، އިސްލާމްއާބާދުގައި އީރާނާއެކު ކުރިއަށް ގެންދާ މަޝްވަރާތައް ކަށަވަރުވުމުގެ ކުރިން ކަމަށެވެ.

އިސްރާއީލާއި އެމެރިކާއިން އީރާނާ ދެކޮޅަށް ހަމަލާދޭން ފެށިފަހުން، އިސްރާއީލުން ލުބުނާނަށް ދިން ހަމަލާތަކުގައި ދެ ހާހަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، ހަމަނުޖެހުންތަކުގައި ގާތްގަނޑަކަށް މިލިއަނެއްހާ މީހުންގެ ގެދޮރު ގެދޮރު ގެއްލިފައެވެ.

comment ކޮމެންޓް