އިދިކޮޅު އެމްޑީޕީން ރެޔާއި ދުވާލު މަސައްކަތް ކުރަމުންދަނީ ރާއްޖޭގެ އިގްތިޞާދާއި ވިޔަފާރިތައް ފުނޑާލައި އިނދަޖައްސާލުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ދީދީ މިއަދު ތުހުމަތުކުރައްވައިފިއެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބަހުސްކުރައްވަމުން އޭނާ ވިދާޅުވީ ވަރަށް ބުރަ މަސައްކަތުން ދިވެހިން އުފައްދާފައިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ވެސް މިއަދު ފުނޑިފައިވަނީ އެމްޑީޕީގެ ސިޔާސަތުތަކުގެ ސަބަބުން ކަމަށެވެ.
އެމްޑީޕީން ރާއްޖޭގެ ފަތުރުވެރިކަމަށް ބިރުދައްކަމުންދާ ކަމަށް ތުހުމަތު ކުރައްވަމުން ދީދީ ވިދާޅުވީ، ރާއްޖެއަކީ ނުރައްކާތެރި ޓެރަރިސްޓު ގައުމެއްގެ ގޮތުގައި ބޭރު ދުނިޔެއަށް ދެއްކުމަށް އެ ޕާޓީން މަސައްކަތް ކުރަމުންދާ ކަމަށެވެ.
"ރާއްޖެއަކީ ވަރަށް ނާޒުކު، ދުނިޔޭގެ ގައުމުތަކުން މީހުން އަންނަން ބޭނުންވާ ހިތްފަސޭހަ މަންޒިލެއް. މިތަނުގެ ދުވަސް ދުއްވާލަން އެމްޑީޕީން ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު މިތަނުގައި ޓެރަރިސްޓުން އުޅޭ ކަމަށް ބުނެ ބިރުވެރި މާހައުލެއް އުފައްދާ،" އައިބީ ވިދާޅުވިއެވެ.
މިފަދަ އަމަލުތައް މަޖިލީހުން ހަރުކަށި އިބާރާތުން ކުށްވެރިކުރަން ޖެހޭ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި ޑޮލަރުގެ އަގު އިންތިހާއަށް އުފުލިގެން ދިޔައީ އެމްޑީޕީގެ ވެރިކަންތަކުގައި ކަމަށް ވެސް ދީދީ ވިދާޅުވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި އެމްޑީޕީން ފުރަތަމަ ވެރިކަމާ ހަވާލުވިއިރު ޑޮލަރެއްގެ އަގު ހުރީ 12.85 ރުފިޔާގައެވެ. ނަމަވެސް އެމްޑީޕީގެ ދެ ދައުރު ނިމުނުއިރު ޑޮލަރުގެ އަގު ވަނީ 19 ރުފިޔާއަށް އުފުލިފައި ކަމަށް އައިބީ ފާހަގަކުރެއްވިއެވެ.
މިހާރު މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު ބޮޑުވެފައިވީ ނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ޑޮލަރުގެ އަގަށް އައީ އެންމެ ރުފިޔާއެއްގެ ބަދަލެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ 19 ރުފިޔާއިން 20 ރުފިޔާއަށް ކަމަށް ދީދީ ފާހަގަކުރެއްވިއެވެ.
ދައުލަތުގެ ދަރަންޏާ ގުޅޭގޮތުން ވާހަކަދައްކަވަމުން ދީދީ ވިދާޅުވީ، އެމްޑީޕީން ވެރިކަމާ ހަވާލުވިއިރު ދަރަނި ހުރީ ހަ ބިލިއަން ރުފިޔާގައި ކަމަށެވެ. ނަމަވެސް، ޖީއެސްޓީއާއި އެކިއެކި ޓެކްސްތައް ނަގައި ރައްޔިތުން "ފެލައިލުމަށްފަހު"، މި ސަރުކާރުގެ ބޮލުގައި 120 ބިލިއަން ރުފިޔާގެ ބޮޑު ދަރަންޏެއް އަޅުވާފައިވާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
މީގެ އިތުރުން، 2026 ވަނަ އަހަރު ދައްކަންޖެހޭ ބޮޑު ދަރަންޏަކީ ވެސް މި ސަރުކާރު ދަތިކުރުމަށް ގަސްތުގައި އެމްޑީޕީން ކޮށްފައިވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. ރާއްޖެ މިއަދު އޮތް އިގްތިސާދީ ދަތި ހާލަތުން އަރައިގަތުމަށް ސަރުކާރުން ކުރާ މަސައްކަތްތަކަށް ހުރަސްއަޅައި، ގައުމު ހަލަބޮލިކުރަން އެމްޑީޕީން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެ ދީދީ ވަނީ އެކަން ކުށްވެރިކުރައްވާފައެވެ.