މާފަންނު ގެއެއްގެ 10ވަނަ ފަންގިފިލާއިން މިދިޔަ ބުރާސްފަތި ދުވަހު ވެއްޓުނު ބަންގްލަދޭޝް މީހާ މަރުވެއްޖެއެވެ.
ސަބުދެލިމަގުގައި ހުންނަ މ. ބީޗްފްލެޓް ހައުސް މަތިން މީހަކު ވެއްޓިފައިވާ ކަމުގެ ރިޕޯޓު ލިބުނީ އެ ދުވަހުގެ އިރުއޮއްސި 18:20 ހާއިރެވެ. ފުލުހުން ބުނި ގޮތުގައި ވެއްޓުނީ ބަންގްލަދޭޝްއަށް ނިސްބަތްވާ 30 އަހަރުގެ ފިރިހެނެކެވެ. އެ މީހާ ވެއްޓިފައި ވަނީ އިމާރާތުގެ 10 ވަނަ ފަންގިފިލާއިން ޖެހިގެން ހުރި ގޭގެ ފުރާޅު މައްޗަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ވެއްޓުނީ، އެ ގޭގެ ފުރާޅު މަތީ، ސަންސްކްރީން ނެޓިން ހަރުކުރުމަށް މަސައްކަތް ކުރަނިކޮށެވެ. އަދި އޭނާ މަސައްކަތް ކުރަމުން ދިޔައީ އެއްވެސް އިތުރު މީހަކު ކައިރީގައި އެހީތެރިވާން ވެސް ނެތި ކަމަށާއި، ރައްކާތެރިކަމުގެ އެއްވެސް ފިޔަވަޅެއް ވެސް ނާޅާ ކަމަށް މައުލޫމާތު ލިބެއެވެ.
ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާގެ ބޮލުން ލޭ އަންނަމުން ދިޔައިރު، މޫނު މައްޗަށް ބޮޑެތި ޒަޚަމްތަކެއް ލިބިފައި ހުއްޓެވެ. އޭނާގެ ހާލު ސީރިއަސްވެ ފަރުވާ ދެމުން ދަނިކޮށް މަރުވީ މިދިޔަ ހޮނިހިރު ދުވަހެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.
ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމެއްނެތި ބިދޭސީން މަސައްކަތްކުރާ އެކި ސައިޓުތަކުގައި މީގެކުރިން ވެސް މިފަދަ ހާދިސާތައް ހިނގައިފައިވެއެވެ.