މާލޭގެ ގެއެއްގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޝިއާއު މުޙައްމަދު ސަޢީދުގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވާ އަލީ ޝާހިލްގެ ޝަރީއަތުގެ ޚުލާސާ ބަޔާން އިއްވުން މާދަމާއަށް ތާވަލުކޮށްފިއެވެ.
ހ. ޝީރީންވިލާ ގޭގެ ތެރޭގައި، ޏ. ފުވައްމުލަކަށް ނިސްބަތްވާ 22 އަހަރުގެ ޝިއާއު މަރާލުމަށްފަހު އޭނާގެ ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ދީފައި އޮއްވައި ފެނުނީ އޮގަސްޓް 6، 2022ގައެވެ.
އެ މައްސަލައިގައި، ފ. ނިލަންދޫ، ފިނިފެންމާގޭ، ޝާހިލްގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ ދައުވާ އާއި އިތުރު ދައުވާތަކެއް ކުރެއެވެ. ބައެއް ދައުވާތަކުގެ ބާވަތްތައް ދައުލަތުންވަނީ ސިއްރުކޮށްފައެވެ.
އެ މައްސަލައިގެ މުޅި ޝަރީއަތް ވެސް އާންމުކޮށް ހުޅުވައި ނުލައި ކުރިއަށް ގެންދާއިރު، މައުލޫމާތު ލިބިފައިވާ ގޮތުގައި މާދަމާ އޮންނާނީ ޚުލާސާ ބަޔާން އިއްވުމެވެ.

ކްރިމިނަލް ކޯޓުގެ އަޑުއެހުމެއް ނިންމާލުމަށްފަހު ޝާހިލް ގެންދަނީ: އޭނާ ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު
ޚުލާސާ ބަޔާނަކީ ޝަރީއަތުގެ މަރުހަލާގައި ދެ ފަރާތުން ހުށަހެޅި ހެކިތަކާއި، ގާނޫނީ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، މައްސަލަ ނިންމަންވީ ގޮތާ ގުޅޭގޮތުން ޝަރީއަތަށް ހުށަހަޅާ އެންމެ ފަހުގެ ވާހަކަތަކެވެ. މިއީ ޝަރީއަތުގެ އަޑުއެހުންތައް ނިންމާލުމުގެ ކުރިން އޮންނަ އެންމެ ފަހު މަރުހަލާއެވެ.
ޖިނާއީ އިޖުރާއާތުގެ ގާނޫނުގެ 151 ވަނަ މާއްދާގެ ދަށުން، މައްސަލައިގެ ހެކިބަސް ނަގައި ނިމުމުން، ދެ ފަރާތުންވެސް ޚުލާސާ ބަޔާން ހުށަހަޅަންވާނެއެވެ. ފުރަތަމަ ޚުލާސާ ބަޔާން އިއްވާނީ ދައުވާކުރާ ފަރާތުންނެވެ.
އެއަށްފަހު ދައުވާލިބޭ ފަރާތުން ބަޔާން އިއްވާނެއެވެ. މި ބަޔާނުގައި މައިގަނޑު ގޮތެއްގައި ދައްކަންޖެހޭނީ ހުށަހެޅިފައިވާ ހެކިތަކުން ދައުވާ ސާބިތުވާކަން ނުވަތަ ނޫންކަމާއި، އެ މައްސަލައަކާ ގުޅޭ ގާނޫނީ އުސޫލުތަކެވެ.
ޝިއާއުގެ މަރުގެ މައްސަލައިގެ ޝަރީއަތަށް ތިން އަހަރުވެފައިވާއިރު، ޝާހިލް ޝަރީއަތް ނިމެންދެން ބަންދުކުރަން އޮގަސްޓު 7، 2022ގައި ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
އެ މައްސަލައިގައި ފުލުހުން ކުރިން ބުނި ގޮތުގައި، ޝިއާއު މަރާލުމަށް ފަހުގައި ވެސް އޭނާގެ ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ދީފައިވާކަން އޭނާގެ ޕޯސްޓްމޯޓަމް ރިޕޯޓުން ހާމަވެއެވެ. އަދި، ޝިއާއު މަރަށް ހުށަހެޅުނީ ޝާހިލްގެ ފަރާތުން ލިބުނު އަނިޔާތަކުގެ ސަބަބުންކަން ޕޯސްޓްމޯޓަމް ރިޕޯޓުން އެނގޭ ކަމަށް ވެސް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ.
މި މައްސަލައިގެ ހުކުމް، މި މަހުގެ ތެރޭގައި ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ކްރިމިނަލް ކޯޓުންވަނީ ކުރިން ބުނެފައެވެ.