އާސިފް މިނިވަންވީ ރިޔާސީ ކެމްޕެއިން ތެރޭ ރައީސް ޞާލިޙު މައާފްދެއްވުމުން

މީހަކު މާރާލަން ހަމަލާދިން މައްސަލައެއްގައި 10 އަހަރުގެ ހުކުމެއްގައި ހުއްޓާ މައާފްދީ ދޫކޮށްލި އާސިފް (ކ)، އަދި ކުރީގެ ރައީސް ޞާލިޙް(ވ): އާސިފަށް ޞާލިހު މާފްދެއްވީ ރިޔާސީ އިންތިޚާބުގެ ތެރޭގައި --

އިސްމާއިލް އާސިފްގެ މައްޗަށް 10 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ 2019 ވަނަ އަހަރު ހިނގި ދީނީ ދެބަސްވުމެއްގައި މީހަކަށް ވަޅިން ހަމަލާދީ މަރާލަން އުޅުމުގެ ކުށުގައެވެ. ނަމަވެސް، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކުރިން، އޭރުގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ވަނީ އޭނާގެ ހުކުމް ކުރުކޮށްދެއްވައި މިނިވަންކޮށްދެއްވާފައެވެ. އޭގެ ފަހުން އާސިފް ވަނީ އޭނާގެ އަމިއްލަ ބޭބެއަށް ނުރައްކާތެރި ހަމަލާއެއް ދިނުމުގެ އިތުރުން، މާލޭގެ ގެއަކުން 4 މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައެއްގައިވެސް ހައްޔަރުކުރެވިފައެވެ.

  • ރިޔާސީ ކެމްޕެއިން ތެރޭގައި ރައީސް ޞާލިޙު ވަނީ އާސިފް މިނިވަންކޮށްދެއްވާފައި
  • އޭނާ ޖަލަށްލެވިފައިވަނީ މީހަކު މަރާލަން އުޅުމުގެ ނުރައްކާތެރި ކުށުގައި
  • މިނިވަންވުމަށްފަހު އޭނާގެ އަމިއްލަ ބޭބެއަށް ކަތިވަޅިއަކުން ހަމަލާދީ ޒަހަމްކޮށްލާފައިވޭ
  • 4 މިލިއަން ރުފިޔާގެ ވައްކަމެއްގެ މައްސަލައިގައި އޭނާ އަނެއްކާވެސް ވަނީ ހައްޔަރުކޮށްފައި

މީހަކު މަރާލަން ހަމަލާދިން މައްސަލައެއްގައި 10 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ހުރި އިސްމާއިލް އާސިފް މިނިވަންވީ، މިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ތެރޭގައި އޭރުގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު އޭނާގެ ހުކުމަށް މައާފްދެއްވުމުންކަން އެނގިއްޖެއެވެ.

އާސިފްގެ މައްޗަށް 10 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. އެއީ 2019 ވަނަ އަހަރު އއ. މާޅޮހު ބޭރުގައި އޮތް 'ޖަރީ' ނަމަކަށް ކިޔާ ދޯނީގެ ތެރޭގައި ހަރުކަށި ފިކުރުގެ ބައެއްގެ މެދުގައި ހިނގި ދީނީ ދެބަސްވުމެއްގައި، އިސްމާއިލް ހައްމާދު ކިޔާ މީހަކަށް ވަޅިން ހަމަލާދީ މަރާލަން އުޅުނު މައްސަލައިގަ އެވެ.

އެ ހަމަލާގައި ހައްމާދުގެ ބޮލަށާއި، ކޮލަށާއި، ބުރަކައްޓަށް ބޮޑެތި ޒަހަމްތަކެއް ދިނުމަށްފަހު އާސިފް ވަނީ އޭނާ މޫދަށް އެއްލާލާފައެވެ.

"ސަން" އަށް އެނގުނު ގޮތުގައި، ރައީސް ޞާލިޙް އާސިފްގެ ހުކުމަށް ލުއި ދެއްވީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ގައެވެ. އެއީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރަށް ފަހު، ދެވަނަ ބުރުގެ ވޯޓުލުން ބޭއްވުމުގެ ކުޑަދުވަސްކޮޅެއް ކުރިންނެވެ.

https://sun.mv/220525

އޭރު ރައީސް ޞާލިޙު ވަނީ އާސިފްގެ ބާކީ އޮތް ހުކުމުގެ މުއްދަތު ފަސް ދުވަހަށް ކުރުކޮށްދެއްވައި، 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 25ގައި އޭނާ މިނިވަންކޮށްދީފައެވެ.

މިނިވަންވުމަށްފަހު ވެސް އާސިފްގެ ފަރާތުން ނުރައްކާތެރި ކުށްތައް ފެނިފައިވެއެވެ. އެގޮތުން މިދިޔަ އަހަރު އޭނާގެ އެއްބަނޑު އެއްބަފާ ބޭބެގެ ބޮލަށް ކަތިވަޅިއެއް ހަރައިލި މައްސަލައިގައި އޭނާ ވަނީ ހައްޔަރުކޮށްފައެވެ.

މީގެ އިތުރުން މިދިޔަ މަހު މާލޭގެ ގެއަކުން ހަތަރު މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައިގައި ވެސް 36 އަހަރުގެ އާސިފް ވަނީ މިހާރު ހައްޔަރުކޮށްފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ރައީސް ޞާލިޙުގެ ވެރިކަން ނިމެން ކައިރިވެފައި ވަނިކޮށް، އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލައިގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްޑީ އަބްދުﷲ ޒިޔަތަށް ވެސް ވަނީ މައާފްދެއްވައި މިނިވަން ކޮށްފައެވެ.

comment ކޮމެންޓް