ތެލުގެ އަގު އުފުލޭތީ، މޯލްޑިވިއަނުން ބޭރު ފަތުރުވެރިންގެ ޓިކެޓުތަކުގެ އަގު ބޮޑުކޮށްފި

ފަތުރުވެރިންތަކެއް އެއާޕޯޓުގައި: ތެލުގެ އަގު އުފުލޭތީ، މޯލްޑިވިއަނުން ބޭރުގެ ފަތުރުވެރިންގެ ޓިކެޓުތަކުގެ އަގު ބޮޑުކޮށްފި -- ފޮޓޯ/ އެމްއޭސީއެލް

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، ގައުމީ އެއާލައިން މޯލްޑިވިއަން އިން ބޭރުގެ ފަތުރުވެރިންނަށް ވިއްކާ އެތެރޭގެ އުދުހުންތަކުގެ ޓިކެޓުގެ އަގު ވަނީ ބޮޑުކޮށްފައެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވިއްކާ ޖެޓް ފިއުލްގެ އަގު 42 އިންސައްތަ ބޮޑުވުމާ ގުޅިގެން މި ބަދަލު ގެނެސްފައިވީ ނަމަވެސް، ދިވެހިންނަށް ޓިކެޓު ވިއްކާ އަގަކަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ.

  • މޯލްޑިވިއަން އިން ފަތުރުވެރިންގެ ޓިކެޓުގެ އަގު ބޮޑުކުރުން
  • ދިވެހިންނަށް ޓިކެޓު ވިއްކާ އަގަށް ބަދަލެއް ނާދޭ
  • ޖެޓް ފިއުލްގެ އަގު 42 އިންސައްތަ ބޮޑުވުން
  • ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 100 ޑޮލަރަށްވުރެ މައްޗަށް ދިއުން

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން މަތިންދާބޯޓަށް އަޅާ ތެލުގެ އަގު އުފުލުމާ ގުޅިގެން، ގައުމީ އެއާލައިން މޯލްޑިވިއަންއިން ބޭރުގެ ފަތުރުވެރިންނަށް ވިއްކާ ޓިކެޓްގެ އަގުތައް މަތިކޮށްފިއެވެ.

'ސަން'އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، މޯލްޑިވިއަންއިން ފަތުރުވެރިންގެ ޓިކެޓުގެ އަގު ބޮޑުކޮށްފައިވާތާ މިހާރު ވަނީ ދެ ދުވަސް ވެފައެވެ. އެގޮތުން، އެތެރޭގެ އެންމެ ދިގު އުދުހުންތައް ކަމަށްވާ، ވީއައިއޭއިން އައްޑޫ ސިޓީ ގަމަށާއި ފުވައްމުލަކަށް ކުރާ ދަތުރުތަކަށް ކޮޅަކަށް 33 ޑޮލަރު (510.18 ރުފިޔާ) އިތުރުކޮށްފައިވާކަން އެނގިފައިވެއެވެ.

ފަތުރުވެރިންގެ ޓިކެޓުގެ އަގަށް ބަދަލު ގެނައި ނަމަވެސް ދިވެހިންނަށް ޓިކެޓު ވިއްކަމުން އަންނަނީ މީގެ ކުރިން ވެސް ޓިކެޓު ވިއްކަމުން އައި އަގަށް ކަމަށް އެނގިފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ބަދަލު ގެނެސްފައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވިއްކާ ޖެޓް ފިއުލްގެ އަގު 42 އިންސައްތަ ބޮޑުވުމާ ގުޅިގެންނެވެ. އެގޮތުން، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އިން ވަނީ ޖެޓް ފިއުލް ލީޓަރެއްގެ އަގު 1.19 ޑޮލަރުން 1.69 ޑޮލަރަށް ބޮޑުކޮށްފައެވެ.

މިއީ ފަހުގެ ތާރީޚެއްގައި ތެލުގެ އަގަށް އައި އެންމެ ބޮޑު އެއް ބަދަލެވެ.

އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާ ގުޅިގެން، މިއަދުން ފެށިގެން އީރާނުގެ ބަނދަރުތަކުން ދަތުރުކުރުން ބަންދު ކުރާނެ ކަމަށް އެމެރިކާއިން އިއުލާން ކުރުމުން ތެލުގެ އަނެއްކާ ވެސް ވަނީ އުފުލިފައެވެ.

https://sun.mv/220533

ބައިނަލްއަގްވާމީ ބެންޗްމާކް ކަމަށްވާ ބްރެންޓް ކްރޫޑް ފީފާއެއް ގާތްގަނޑަކަށް އަށް ޕަސެންޓް މައްޗަށް ގޮސް، ފީފާއެެއްގެ އަގު ވަނީ 102 ޑޮލަރަށް އުފުލިފައެވެ. އެމެރިކާގެ ބެންޗްމާކް ވެސްޓް ޓެކްސަސް އިންޓަމީޑިއަޓް (ޑަބްލިއުޓީއައި) ކްރޫޑް ފީފާއެއް ވަނީ ނުވަ ޕަސެންޓް މައްޗަށް ގޮސް، ފީފާއެއްގެ އަގު 105 ޑޮލަރަށް އުފުލިފައެވެ.

ހަނގުރާމަ ފެށުމުގެ ކުރިން ބްރެންޓް ކްރޫޑް ފީފާއެއްގެ އަގު ހުރީ ގާތްގަނޑަކަށް 70 ޑޮލަރުގައެވެ.

comment ކޮމެންޓް