ލުބުނާނާ މަޝްވަރާ ކުރާނީ ހިޒްބުﷲ އިން ހަތިޔާރު ބެހެއްޓުމުން: ނަތަންޔާހޫ

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ. ލުބުނާނަށް ހަމަލާ ދިނުން ހުއްޓާލާނީ ހިޒްބުﷲ އިން މަޝްވަރާތައް ހުއްޓާލުމުން ކަމަށް ނަތަންުޔާހޫ ވަނީ ވިދާޅުވެފައި. ފޮޓޯ/އޭޕީ

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެފައިވަނީ، ލުބުނާނާ އެކު ސުލްހައިގެ މަޝްވަރާތައް ފަށާނީ ހިޒްބުﷲ ޖަމާއަތުން ހަތިޔާރު ބެހެއްޓުމުން ކަމަށެވެ. އަދި ހަނގުރާމަ ނުނިމޭ ކަމަށާއި، އަސްކަރީ އޮޕަރޭޝަންތައް ކުރިއަށްދާނެ ކަމުގެ އިންޒާރު އޭނާ ދެއްވިއެވެ. އެމެރިކާގެ މެދުވެރިވުމާއެކު ދެ ގައުމުގެ ދެމެދުގައި މަޝްވަރާ ބައްދަލުވުންތަކެއް ބާއްވަން ތައްޔާރުވަމުންދާއިރު، އިސްރާއީލުން ލުބުނާނަށް ދެމުންދާ ހަމަލާތަކުގައި ގިނަ ބަޔަކު ވަނީ މަރުވެފައެވެ.

  • ހިޒްބުﷲ އިން ހަތިޔާރު ބެހެއްޓުމުން ނޫނީ ލުބުނާނާ އެކު މަޝްވަރާ ނުކުރާނެ ކަމަށް އިސްރާއީލުން ބުނުން.
  • އިސްރާއީލުން ލުބުނާނަށް ދެމުންދާ އަސްކަރީ ހަމަލާތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު ދިނުން.
  • އެމެރިކާގައި ދެ ގައުމުގެ ދެމެދުގައި ސުލްހައިގެ މަޝްވަރާތަކެއް ބޭއްވުމަށް ހަމަޖެހިފައިވުން.
  • މާޗް މަހުން ފެށިގެން އިސްރާއީލުން ދިން ހަމަލާތަކުގައި ލުބުނާނުން 2020 މީހުން މަރުވެ 6436 މީހުން ޒަޚަމްވުން.

ލުބުނާނަށް އިތުރު ހަމަލާތައް ދޭނެ ކަމަށާއި މަޝްވަރާ ކުރަން އެއްބަސްވާނީ ހިޒްބުﷲ އިން ހަތިޔާރު ބެހެއްޓުމުން ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެއެވެ.

ރެކޯޑްކޮށްފައިވާ ތަގުރީރެއްގައި ވާހަކަފުޅު ދައްކަވަމުން ނަތަންޔާހޫ ވިދާޅުވީ ދާދި ފަހުން ލުބުނާނުން ސީދާ މަޝްވަރާތަކަށް ދާން މަސައްކަތްކުރީ އިސްރާއީލުން ކުރި މަސައްކަތުން ކަމަށެވެ.

އަސްކަރީ ފިޔަވަޅުތައް ކުރިއަށް ގެންދިއުމުގެ އިންޒާރު ދެއްވަމުން ނަތަންޔާހޫ ވިދާޅުވީ ހަނގުރާމަ "އަދި ނުނިމޭ" ކަމަށާއި އިސްރާއީލުން "އިންތިހާއަށް ބޮޑު ކާމިޔާބީތަކެއް" ހާސިލްކޮށްފައިވާ ކަމަށެވެ.

ލުބުނާނާއި އިސްރާއީލުން މަޝްވަރާކުރަން ފުރަތަމަ ބައްދަލުވުން އަންގާރަ ދުވަހު އެމެރިކާގައި ބާއްވާނެ ކަމަށް ހުކުރު ދުވަހުގެ ރޭ ލުބުނާނުގެ ސަރުކާރުން ވަނީ ބުނެފައެވެ.

މިދިޔަ މަހު 16 ވަނަ ދުވަހު އިސްރާއީލުން ލުބުނާނަށް ދިން ހަމަލާއެއްގައި ސުންނާފަތިކޮށްލާފައިވާ ސަރަހަދެއް. ފޮޓޯ/އޭއެފްޕީ

މަޝްވަރާތައް ބާއްވާނީ އެމެރިކާގައި

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ އިސްރާއީލާއި ލުބުނާނާ ދެމެދު މިހާރު ކުރަމުންދާ ހަނގުރާމަ ހުއްޓާލުމުގެ މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް އަންނަ ހަފްތާގައި ބައްދަލުވުމެއް ބާއްވާނެކަން ކަށަވަރުކޮށްދީފައެވެ.

އިސްރާއީލުން ލުބުނާނަށް ދިން އެންމެ ވަރުގަދަ ބޮމުގެ ހަމަލާގައި މިދިޔަ ބުދަ ދުވަހު ވަނީ 300 އަށް ވުރެ ގިނަ މީހުން މަރުވެފައެވެ.

ނަތަންޔާހޫ ވަނީ މީގެ ކުރިން ލުބުނާނާއެކު މަޝްވަރާތައް ކުރުމަށް ވަޒީރުންނަށް އަމުރުކޮށްފައެވެ.

މާޗް މަހުގެ ދެވަނަ ދުވަހުން ފެށިގެން އިސްރާއީލުން ލުބުނާނަށް ދިން ވަރުގަދަ ހަމަލާތަކުގައި 2،020 މީހުން މަރުވެ 6،436 މީހުން ޒަހަމްވެފައިވެއެވެ.

comment ކޮމެންޓް