އަވައްޓެރި ސްރީލަންކާގެ ޕޯޓުގައި ރާއްޖެ ނުގެނެވިފައި ހުރި ހަތަރުހާހެއްހައި ކޮންޓެއިނަރުގެ ތެރެއިން ގިނަ އަދަދެއްގެ ކޮންޓެއިނަރު މިހާރު ރާއްޖެ ގެނެސްފައިވާއިރު، ބާކީ ހުރީ 1،741 ކޮންޓެއިނަރު ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
މިދިޔަ ބުދަ ދުވަހު ބެއްވި ނޫސްވެރީންގެ ބައްދަލުވުމެއްގައި ސައީދު ވަނީ މާލޭގެ ވިޔަފާރި ބަނދަރުން މުދާ ހުސްކުރުމުގައި ދަތިތައް ދިމާވެފައިވާއިރު، ލަންކާގެ ކޮލޮމްބޯ ޕޯޓުގައި ރާއްޖެ ނުގެނެވި 4،200 ކޮންޓެނިއަރު އެބަ ހުރި ކަމަށެވެ. އޭގެ ތެރެއިން 80 ކޮންޓެނިއަރު އަވަސް ކުރުމަށް ވިޔަފާރިވެރިން އެދިފައިވާކަމަށް އޭރު އޭނާ ވިދާޅުވެފައިވެއެވެ.
މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި ސައީދު ވިދާޅުވީ، ހަނގުރާމައިގެ ސަބަބުންނާއި އެކި ސަބަބުތަކާހުރެ ލަންކާގެ ބަނދަރުގައި ތާށިވެފައިވާ ކޮންޓެއިނަރުތައް މިހާރު ކްލިއާވަމުން އަންނަ ކަމަށެވެ.
ހަނގުރާމައަށް 43 ދުވަސްވީއިރު، މިހާތަނަށް ކުރެވުނު މަސައްކަތުން، ސްރީލަންކާގައި މިހާރު ނުގެނެވި ތާށިވެފައިހުރީ 1،741 ކޮންޓެއިނަރު ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިއީ ކަމާ ގުޅުންހުރި ހުރިހާ ފަރާތްތަކުން ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ.
މި ވަގުތު މާލޭ ބަނދަރުގަ އޮތް އުޅަނދުގައި އެބައިން 1،200 ކޮންޓެއިނަރުގެ މުދާ. ދެން މި ހަފުތާތެރޭގައި 2،500 ކޮންޓެއިނަރު މާލެއަށް އައުމަށް ހަމަޖެހިފައިވާއިރު، 12 އޭޕްރިލްގަ 500 ކޮންޓެއިނަރުގެ މުދާ، އަދި 13 އޭޕްރިލްގައި އަނެއްކާވެސް 500 ކޮންޓެއިނަރު، 14 އޭޕްރީލްގައި 1000 ކޮންޓެއިނަރުގެ އިތުރަށް 500 ޓީއީޔޫގެ އެއް އުޅަނދު އިތުރަށްވެސް އަންނާނެ. އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު
ސައީދު ވިދާޅުވީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން މާޗު މަހުގެ ނިޔަލަށް މުދާ އިމްޕޯޓް ކުރި މިންވަރާ އަޅާބަލާއިރު، މި އަހަރުގެ އެ މުއްދަތުގައި އިމްޕޯޓްތައް 19 ޕަސެންޓު އިތުރުވެފައިވާ ކަމަށެވެ.
މީގެ އިތުރުން އޭނާ ވަނީ އެއާލައިންތަކުގެ ދަތުރުތައް އިތުރުވުމުގެ ސަބަބުން އެއާ ކާގޯގެ އިތުރުން އެއާފްރައިޓްކޮށް ރާއްޖެއަށް މުދާ ގެނައުމަށްވެސް އިތުރު ލުއިތަކެއް ލިބިފައި ވާކަން ފާހަގަކުރައްވާފައެވެ. އަދި ކޮލޮމްބޯގައި ލަސްވެފައިވާ ބައެއް ވިޔަފާރިވެރިންގެ މުދާ އަވަސްކުރުމުގެ ގޮތުން ވިޔަފާރިވެރިންނާއެކު ވެސް ވަރަށް ގާތުން މަސައްކަތް ކޮށްފައިވާކަން ސައީދު ވަނީ ފާހަގަކުރައްވާފައެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު: ސައީދު ވިދާޅުވީ މިހާރު ލަންކާގައި ތާށިވެފައި ހުރީ 1،741 ކޮންޓެއިނަރު ކަމަށް -- ފޮޓޯ: ރައީސް އޮފީސް
މީގެ ކުރީންވެސް އޭނާ ވަނީ ވިޔަފާރި ބަނދަރަށް އަންނަ ދަތިތަކާއި މުދާ ނުގެނެވި ގިނަ ދުވަސްވާތީ، ބާޒާރަށް އަންނަ ގޮންޖެހުންތައް ހައްލުކުރުމަށް ވިޔަފާރިވެރިންނާ އެކު ވަރަށް ގާތުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.
އެގޮތުން، އަސާސީ ކާބޯތަކެތީގެ ދެ ބާވަތެއްގެ މުދާ ތަންކޮޅެއް އަވަހަށް ގެނައުމަށް އެދިފައިވާ ކަމަށާއި އެ ކަމަށް އިސްކަންދެމުން އަންނަ ކަމަށް ސައީދު އޭރު ވިދާޅުވިއެވެ. އެއީ، ކިރާއި ސަން ފްލާވާ ތެޔޮ ކަމަށްވާއިރު، އަސާސީ ކާބޯތަކެތި ހުސްވިޔަ ނުދިނުމަށް މަސައްކަތް ކުރާކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.