ފީއަލީ ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި ރޯވެއްޖެ

ތެޔޮ ބޯޓުގައި ރޯވެފައި: އަލިފާން ނިއްވުމުގެ މަސައްކަތް ދަނީ ކުރަމުން -- ފޮޓޯ/ އެމްއެންޑީއެފް

ފ. ފީއަލީ ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި ރޯވެއްޖެއެވެ.

ފުލުހުން ބުނީ، މިއަދު 09:15 އެހައިކަންހާއިރު ތެޔޮ ބޯޓެއްގައި ރޯވެ އަނދަމުންދާކަމަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ އަލިފާންގަނޑު ނިއްވާލުމަށް އެ ސަރަހައްދުގައި ފުލުހުންނާއި ކަމާގުޅުން ހުރި އިދާރާތަކުން މިހާރު ދަނީ ހަރަކާތްތެރިވަމުން ކަމަށް އެ މުއައްސަސާއިން ބުންޏެވެ.

އެމްއެންޑީއެފުން ވަނީ، ނިލަންދޫ ފަޔާ ސްޓޭޝަނުން ކުރި މަސައްކަތުން އަލިފާންގަނޑު ނިއްވާލެވުނީ ހެނދުނު 10:35ހާއިރު ކަމަށް ބުނެފައެވެ. އަލިފާން ނިއްވާލުމުގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ދ. ކުޑަހުވަދޫ ފަޔާ ސްޓޭޝަނުން ވަނީ ހަރަކާތްތެރިވެފައި ކަމަށް ވެސް އެ މުއައްސަސާއިން ބުންޏެވެ.

އެމްއެންޑީއެފުން ވަނީ އެ ހާދިސާގައި ތެޔޮ ދޯނީގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ މީހަކު ވަރަށް ބޮޑަށް ފިހިގެން ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށް ބުނެފައެވެ. އަދި ތެޔޮ ދޯނީގައި ރޯވި އަލިފާންގަނޑު އިތުރަށް ފެތުރި ތިން ދޯންޏަކާއި އަދި ފީއަލީގެ އައިސްޕްލާންޓު އަނދާފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

comment ކޮމެންޓް