ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވުމުން ދިވެހި ފިރިހެނަކު 12 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
ފުލުހުން ބުނީ މި މައްސަލައިގައި ހުކުމްކުރީ ސ. ފޭދޫ، ޝީރާޒީގެ، އުމުރުން 32 އަހަރުގެ ޢަލީ ސާއިމްގެ މައްޗަށް ކަމަށެވެ.
އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ 12 އަހަރާއި ހަ މަސްދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު 50,000 (ފަންސާސް ހާސް) ރުފިޔާއިން ޖޫރިމަނާކުރުމަށެވެ. އެ ހުކުމް އިއްވާފައިވަނީ މި ހަފްތާގެ އަންގާރަ ދުވަހެވެ.
ފުލުހުން ބުނީ މަސްތުވާތަކެތި ގެންގުޅުމާއި އޭގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ސާއިމް ހައްޔަރުކޮށްފައިވަނީ 2024 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 19 ވަނަ ދުވަހު ކަމަށެވެ. އެ މައްސަލައިގެ ތަހުގީގު ނިންމައި، އޭނާގެ މައްޗަށް ދައުވާ އުފުލުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ ހަމަ އެ އަހަރުގެ އޮކްޓޫބަރު މަހުގެ 16 ވަނަ ދުވަހުއެވެ.
ފުލުހުން ބުނީ މިއީ މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި ކަމާ ގުޅުންހުރި މުއައްސަސާތަކާ ގުޅިގެން ފުލުހުން ކުރަމުންދާ މަސައްކަތުގެ ނަތީޖާ ކަމަށެވެ.
މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ހާއްސަ މަސައްކަތްތަކެއް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުންދާކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.
މަސްތުވާތަކެތި ޓްރެފިކް ކުރުމަކީ މިހާރު އެކަން ސާބިތު ވެއްޖެނަމަ އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނަ ކުށެކެވެ. އަދި މި ފަހުން ވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރާ މީހުންނަށް މަރުގެ އަދަބު ކަނޑައަޅައިފައެވެ.