ޗެޓްކޮށްލައިގެން ފިލްމު ހޯދޭގޮތަށް 'ޓިއުބީ' އިން ޗެޓްޖީޕީޓީގައި އެޕެއް ތަޢާރަފުކޮށްފި

ޓިއުބީ އަކީ ޒުވާނުންގެ މެދުގައި މަގުބޫލު ޕްލެޓްފޯމެއް ---

ފޮކްސް ކުންފުނީގެ ދަށުން ހިންގާ ސްޓްރީމިން ޚިދުމަތް ކަމަށްވާ 'ޓިއުބީ' އިން ފަސޭހައިން ފިލްމު ހޯދޭގޮތަށް ޗެޓްޖީޕީޓީގެ ތެރޭގައި އެމީހުންގެ ނޭޓިވް އެޕެއް އަންގާރަ ދުވަހު ލޯންޗުކޮށްފިއެވެ.

މިއެޕާއެކު ޓިއުބީގައި ހިމެނޭ 300،000 އަށްވުރެ ގިނަ ފިލްމާއި ޓީވީ ޝޯތައް ހޯދުމަށް ބެލުންތެރިންނަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.

ނެޓްފްލިކްސް އަދި އެމޭޒަން ޕްރައިމް ވީޑިއޯ ފަދަ ވާދަވެރި ކުންފުނިތަކުން އޭއައި މެދުވެރިކޮށް ފިލްމު ހޯދުމުގެ ފީޗާތައް އެ ޕްލެޓްފޯމްތަކުގެ ތެރޭގައި ތަޖުރިބާކުރަމުން ދިޔަ ނަމަވެސް، ޓިއުބީ ވެފައިވަނީ ސީދާ ޗެޓްޖީޕީޓީގެ ތެރޭގައި މިފަދަ ޚާއްޞަ ތަޖުރިބާއެއް ފޯރުކޮށްދޭ ފުރަތަމަ ބޮޑު ސްޓްރީމިން ޚިދުމަތަށެވެ.

މި ޚިދުމަތް ބޭނުންކުރުމަށްޓަކައި، ޗެޓްޖީޕީޓީ އެޕް ސްޓޯރުން ޓިއުބީ އެޕް އިންސްޓޯލް ކުރުމަށްފަހު، ޕްރޮމްޕްޓްގައި "@Tubi" ޖެހުމުން ބޭނުންކުރެވެން ފަށާނެއެވެ.

https://sun.mv/219411

އެއަށްފަހު އާދައިގެ ގޮތަކަށް ވާހަކަދައްކާ އުސޫލުން، މިސާލަކަށް "މަޖާ އެއްޗެއް" ނުވަތަ "ވަކި ޚާއްޞަކަމަކާ ގުޅޭ ފިލުމެއް" ހޯދައިދިނުމަށް އެދުމުން، އެމީހަކާ ގުޅޭ ޚާއްޞަ ރެކޮމެންޑޭޝަންތައް ވަގުތުން ލިބޭނެއެވެ. އަދި މިގޮތަށް ލިބޭ ޖަވާބުތަކުގައި ހުންނާނީ ސީދާ ޓިއުބީން އެ ފިލްމުތައް ބަލާލެވޭނެ ލިންކުތަކެވެ.

މިއީ ސްޓްރީމިން ސިނާޢަތުގެ ވާދަވެރިކަން ވަރަށް ބޮޑަށް އިތުރުވެފައިވާ ދަނޑިވަޅެއްގައި ގެނައި ބަދަލެކެވެ.

ބަލާނެ އެތައް އެއްޗެއް ހުރުމާއެކު، ބެލުންތެރިންނަށް ކަމުދާ ފިލްމުތައް ހޯދުމަކީ މިހާރު ހުރިހާ ޕްލެޓްފޯމްތަކަށްވެސް ދިމާވެފައިވާ ބޮޑު ގޮންޖެހުމެކެވެ. މީގެ ސަބަބުން ބައެއް ސްޓްރީމިން ޚިދުމަތްތަކުން ވަނީ، ބެލުންތެރިންގެ ޝައުޤުވެރިކަން ހިފެހެއްޓުމަށްޓަކައި ސޯޝަލް މީޑިއާގައި ބޭނުންކުރާ ފަދަ ފީޗާތައްވެސް ތަޢާރަފުކުރަން ފަށާފައެވެ.

މީގެ ކުރިން 2023 ވަނަ އަހަރު ޓިއުބީއިން ވަނީ އޭއައި ބޭނުންކޮށްގެން އެމީހުންގެ މޯބައިލް އެޕްގެ ތެރޭގައި "ރެބިޓް އޭއައި" ގެ ނަމުގައި ފީޗާއެއް ތަޢާރަފުކޮށްފައެވެ. ޗެޓްޖީޕީޓީގެ އެހީގައި މަސައްކަތްކުރި މި ފީޗާ މެދުވެރިކޮށްވެސް ސުވާލުކޮށްގެން ފިލްމުތައް ހޯދޭނެ މަގު ފަހިކޮށްދިން ނަމަވެސް، ޖެހިގެން އައި އަހަރު އެ ޚިދުމަތް ވަނީ ހުއްޓާލާފައެވެ.

ޗެޓްޖީޕީޓީއާ ގުޅިގެން މި ފެށި އައު ޚިދުމަތުން ދައްކުވައިދެނީ ޓިއުބީގެ ސްޓްރެޓެޖީއަށް ގެނައި ބަދަލެކެވެ. އެކުންފުނީގެ އަމިއްލަ އެޕްގެ ތެރޭގައި އޭއައި ތަޖުރިބާއެއް އުފެއްދުމުގެ ބަދަލުގައި، އެމީހުން މިހާރު މިސްރާބު ޖަހާފައިވަނީ ޔޫޒަރުން މިހާރުވެސް ޖަވާބު ހޯދުމަށް ދާ މަންޒިލަށް ޚިދުމަތް ފުޅާކުރުމަށެވެ.

ފެބްރުއަރީ މަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ޗެޓްޖީޕީޓީގައި ހަފްތާއަކު 900 މިލިއަން އެކްޓިވް ޔޫޒަރުން އުޅޭއިރު، ޓިއުބީގައި މަހަކު އުޅެނީ 100 މިލިއަން އެކްޓިވް ޔޫޒަރުންނެވެ.

މީގެ އިތުރުން، އައު ކޮންޓެންޓް ކްރިއޭޓަރުންނަށް އެހީތެރިވުމުގެ ގޮތުން ޓިއުބީއިން ދާދިފަހުން ވަނީ "ކްރިއޭޓާވާސް އިންކިއުބޭޓާ" ގެ ނަމުގައި އައު ޕްރޮގްރާމެއް ފަށާފައެވެ. މި ޕްރޮގްރާމްގެ ދަށުން، ހަމައެކަނި ޓިއުބީން ދައްކާ އޮރިޖިނަލް ޝޯތައް އުފެއްދުމަށް ޕްރޮމޯޝަނަލް އެހީތެރިކަމާއި ފަންޑިން ހޯދުމުގެ ފުރުސަތު ކްރިއޭޓަރުންނަށް ލިބިގެންދާނެއެވެ.

އޯޕަންއޭއައި އިން ޗެޓްޖީޕީޓީގެ ތެރޭގައި އެޕްލިކޭޝަންތައް ހެދުމުގެ ފުރުސަތު ޑިވެލޮޕަރުންނަށް ހުޅުވާލީ މިދިޔަ އޮކްޓޯބަރު މަހުގައެވެ. އޭގެ ފަހުން ބުކިން ޑޮޓް ކޮމް، ކޭންވާ، ޑޯޑޭޝް، އެކްސްޕީޑިއާ، ސްޕޮޓިފައި، ފިގްމާ އަދި ޒިލޯ ފަދަ އެތައް ކުންފުންޏަކުން ވަނީ ޗެޓްޖީޕީޓީއާ ގުޅިގެން ޚިދުމަތްތައް ފަށާފައެވެ.

ޓިއުބީގެ ކުރިން އެންމެ ފަހުން މިގޮތަށް ނޭޓިވް އެޕެއް ލޯންޗުކުރީ ޓިކެޓު ވިއްކާ ޕްލެޓްފޯމެއް ކަމަށްވާ 'ސީޓްގީކް' އިންނެވެ.

comment ކޮމެންޓް