ނިމިދިޔަ ލޯކަލް ކައުންސިލު އިންތިޚާބަށްފަހު، އިދިކޮޅު އެމްޑީޕީ މިއަދު އޮތީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު ޒިންމާދާރުކުރުވާ ހިސާބެއްގައިކަމަށް ވިދާޅުވެ، ރައްޔިތުންނަށް ދިމާވާ މައްސަލަތައް ހައްލުކޮށްދޭން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމް، އެމްޑީޕީއަށް ރޭ ގޮވާލައްވައިފިއެވެ.
ރޭ ޕީއެންއެފުން ބޭއްވި ޓައުންހޯލް ޖަލްސާގައި ޔާމީން ވިދާޅުވީ، ވެރިކަންކުރާ ޕީއެންސީއަށް 2024ވަނަ އަހަރުގެ އޭޕްރިލް މަހު ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ޕީއެންސީއަށް ދިނުމުން ވެސް ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށް، ރައްޔިތުންގެ މަސްލަހަތުގައި ކުރި އެއްވެސް ކަމެއް ނެތް ކަމަށެވެ.
އެހެންކަމުން، އިންތިޚާބުގައި ރައްޔިތުން ޕީއެންސީއަށް ކައުންސިލްތަކުގެ އަޣުލަބިއްޔަތު ދީފިނަމަ، ރައްޔިތުން މާ ނިކަމެތިވާނެ ކަމަށް ޔާމީން ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި، ޕީއެންސީއަށް ކައުންސިލުތައް ނުދޭން ރައްޔިތުންނަށް ގޮވާލެއްވީ އެ ސަބަބާ ހެދިއެވެ.
އެއާއެކު، ޔާމީން ފާހަގަކުރެއްވި އަނެއް ކަމަކީ ޕީއެންސީއަށް ވޯޓުނުދޭން ބުނެފިނަމަ، ދެން އޮތް ގޮތަކީ އިންތިޚާބުގައި ދެވަނައަށް އެންމެ ގިނަ މެންބަރުން ވާދަކުރި އެމްޑީޕީއަށް ވޯޓުދިނުމެވެ.
"މިއަދު [އެމްޑީޕީ] ތިތިބީ ޒިންމާދާރު ޕޮޒިޝަނެއްގައޭ، ކޮންމެހެން ސަރުކާރު ހިންގާކަށް ނުޖެހޭ ރައްޔިތުންނަށް ޚިދުމަތްކުރާކަށް، އެހެންވީމާ މިހާރު މި ސަރުކާރުން ހިންގާ ގޯސްތައް ރައްޔިތުން މި ތިބީ ބަލާށޭ އެމްޑީޕީން މި ސަރުކާރު ޖަވާބުދާރީކުރުވާ ތަން، ދައުލަތުގެ ހުރިހާ މުއައްސަސާތަކުން ވެސް،" ޔާމީން ވިދާޅުވިއެވެ.
އެންޓި-ކޮރަޕްޝަން ކޮމިޝަނާއި އޮޑިޓަރު ޖެނެރަލުގެ އޮފީހާއި ކޯޓުތަކުގައި ތާށިވެފައި ހުރި ބައިވަރު މައްސަލަތައް ހައްލުކުރުމާއި، މި ސަރުކާރާ ހެދި އަގުޅިޖެހިފައިވާ ތަންތަން ނިއުޅައިލުމުގެ ބާރު ވެސް ރައްޔިތުން ދިނީ އެމްޑީޕީއަށް ކަމަށް، ޔާމީން ވިދާޅުވިއެވެ.
"އެހެންވީމާ އަޅުގަނޑުމެން އެމްޑީޕީއަށް މިއަދު ވަރަށް އިޚުލާސްތެރިކަމާއެކީ، އަދި ރައްޔިތުންގެ ފަރާތުން މި ގޮވާލަނީ މިހެން ހުރި މައްސަލަތައް ހައްލުކޮށްދެއްޗޭ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައްޔިތުންގެ އެއްވެސް މައްސަލައެއް ހައްލުނުކޮށް، 2028ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބަށް ކެމްޕެއިންކުރަން އެމްޑީޕީން ގޮސްގެން ނުވާނެ ކަމަށް ވެސް، ޔާމީން ވިދާޅުވިއެވެ.
ފާހަގަކުރެވޭ ގޮތުގައި، ޔާމީންގެ ޕާޓީ ޕީއެންއެފުން 'ޗަގޯސް'ގެ ނަމުގައި މާރިޗް މަހުގެ 26ވަނަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި ޔާމީން ވަނީ، ކުރީގެ ރައީސް އަދި އެމަނިކުފާނުގެ އެންމެ ބޮޑު އެއް ވާދަވެރިޔާ މުޙައްމަދު ނަޝީދު ވިދާޅުވާފަދަ "އަނެއް ދިވެހިރާއްޖެ" ހޯދަން މިހާރު ޖެހިއްޖެ ކަމަށް ވިދާޅުވެފައެވެ. އަދި ކައުންސިލު އިންތިޚާބުގައި ޕީއެންސީ ނޫން އެހެން ހުރިހާ ކެންޑިޑޭޓުންނަށް ތާއީދުކުރައްވާ ކަން ހާމަކުރައްވައިފައެވެ.