ދެ މިލިއަނެއްހާ ރުފިޔާގެ ހަޝިޝް އޮއިލާއެކު، އިންޑިއާގެ ދެ އަންހެނަކު ހައްޔަރުކޮށްފި

ދެ ކިލޯގެ ހަޝިޝް އޮއިލްއާ އެކު ހައްޔަރުކުރި އިންޑިއާ ދެ މީހުން --- ފޮޓޯ: ފުލުހުން

ވައިގެ މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން މަސައްކަތްކުރި އިންޑިއާގެ ދެ އަންހެނަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުންނާއި ކަސްޓަމްސް އިން ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި އަތުލައިގަތް މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ ދެ ކިލޯއަށްވުރެ ގިނަ ހަޝިޝް އޮއިލް ކަމަށްވާއިރު، މި ތަކެތީގެ އަގު ގާތްގަނޑަކަށް ދެ މިލިއަން ރުފިޔާއަށް އަރައެވެ. މި މައްސަލައިގައި ހިމެނޭ ދެ މީހުންގެ ބަންދަށް ކޯޓުން ވަނީ ފަނަރަ ދުވަސް ޖަހައިދީފައެވެ.

  • ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަސްތުވާތަކެއްޗާއެކު އިންޑިއާގެ ދެ މީހަކު ހައްޔަރުކޮށްފި
  • އަތުލައިގަނެވުނީ 1.7 މިލިއަން ރުފިޔާގެ އަގުހުރި 2.17 ކިލޯގުރާމުގެ ހަޝިޝް އޮއިލް
  • ހައްޔަރުކުރެވުނީ 23 އަހަރުގެ އަންހެނަކާއި 34 އަހަރުގެ އަންހެނެއް
  • ކްރިމިނަލް ކޯޓުން ދެ މީހުންގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ދީފި
  • ފަހަކަށް އައިސް މިފަދަ މައްސަލަތަކުގައި އިންޑިއާ މީހުން ގިނަކަން ފާހަގަކުރެވޭ

ވައިގެ މަގުން އެތެރެކުރަން މަސައްކަތްކުރި ގާތްގަނޑަކަށް ދެ މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާއެކު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އިންޑިއާގެ ދެ އަންހެނަކު މިދިޔަ ހަފުތާގައި ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ، މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ދެ އަންހެނަކު ހައްޔަރުކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން، މިދިޔަ ބުދަ ދުވަހު ކަމަށެވެ.

މި މައްސަލައިގައި އިންޑިއާގެ 23 އަހަރުގެ އަންހެނަކާއި 34 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށް، ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ ދެ މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފައެވެ.

ކަސްޓަމްސްއިން އާންމުކުރި ތަފުސީލުގައިވާ ގޮތުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިދިޔަ ބުދަ ދުވަހު އަތުލައިގަތް ހަޝިޝް އޮއިލްގައި 2.17 ކިލޯގުރާމު އެބަ ހުއްޓެވެ. އެ ތަކެތީގެ އަގު 1.7 މިލިއަން ރުފިޔާއަށްވުރެ ބޮޑު ކަމަށްވެސް ކަސްޓަމްސްއިން ބުންޏެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހްގީގުކުރަމުންނެވެ.

ފާހަގަކުރެވޭ ގޮތުގައި، މި ފަހަކަށް އައިސް ރާއްޖެއަށް ވައިގެ މަގުން މަސްތުވާތަކެތި އެތެރެ ކުރަން އުޅެގެން ހައްޔަރު ކުރި މީހުންގެ ތެރޭގައި އިންޑިއާ މީހުން ގިނައެވެ.

comment ކޮމެންޓް