ޕާޓީގެ މަސްލަހަތު ގެއްލޭ ވާހަކަތަކެއް ފެތުރުނީ، ރޭގެ ޖަލްސާގައި ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަދެއްކުމުގެ އިންތިޒާމު ހަމަޖައްސަނިކޮށް ކަމަށް އިދިކޮޅު އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލް ޣަފޫރު މޫސާ (ގަޕޯ) ރޭ ވިދާޅުވެއްޖެއެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުތަކުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ރޭ އާޓިފިޝަލް ބީޗުގައި ވަނީ ބޮޑު ޖަލްސާއެއް ބާއްވާފައެވެ. އެ ޖަލްސާގައި ރައީސް ނަޝީދާއި ފައްޔާޒް ބައިވެރިވެޑައެއް ނުގަންނަވައެވެ.
އެއީ، އެ ޖަލްސާގައި ވާހަކަދެއްކުމުގެ ފުރުސަތު ދޭ ގޮތަށް އޮތުމަށް ފަހު، ނަޝީދަށް އެ ފުރުސަތު ލިބިވަޑައިނުގަންނަވާ ގޮތަށް އެޖެންޑާ ބަދަލުކުރުމުންނެވެ. އެހެންވެ، ޕާޓީގެ އެތެރެ ވަނީ ހޫނުވެފައެވެ.
އެ ޖަލްސާ ފެށުނު އިރު ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމްޑީޕީގެ ވަގުތީ ޗެއާޕާސަން، ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާގެ މެދުގައި ހުރީ ހުސް ގޮނޑިއެކެވެ. ނަމަވެސް ޖަލްސާ ފަށައި ކުޑައިރުކޮޅެއް ތެރޭ، އެ ގޮނޑި ވަނީ ނަގައިފައެވެ.

ކައުންސިލް އިންތިޚާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި އެޕާޓީގެ ލީޑަޝިފުގެ ބައެއް މެންބަރުން: ޕާޓީގެ އެތެރޭގައި ވަނީ ހަމަނުޖެހުން އުފެދިފައި ---- ފޮޓޯ/އެމްޑީޕީ
އެ ޖަލްސާއަށް ފަހު ރޭ ދަންވަރު ޣަފޫރު އެކްސްގައި ލިޔުއްވި ޕޯސްޓެއްގައި ވަނީ، ރޭގެ ޖަލްސާގެ އެޖެންޑާގައި ވާހަކަދެއްކެވުމަށް ހަމަޖެހިފައި އޮތީ އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދާއި އޭނާ ކަމަށެވެ.
އޭގެއިތުރަށް، ފަސް މޭޔަރުންނާއި ޑަބްލިއުޑީސީގެ ރައީސުންނާއި ކެމްޕެއިން ކޮމިޓީގެ މެނޭޖަރާއި ރިފަރަންޑަމް ކޮމިޓީގެ ޗެއާ ކަމަށް ޣަފޫރު ލިޔުއްވާފައިވެއެވެ.
އޭނާ ވިދާޅުވި ގޮތުގައި، އެ ޖަލްސާގައި ވާހަކަދައްކަވަން ފައްޔާޒާއި ނަޝީދު އެދިވަޑައިގަތެވެ. ނަމަވެސް، އެމްޑީޕީގެ އެތެރޭގެ މަސްލަހަތު ގެއްލޭ ގޮތަށް ވާހަކަތަކެއް ފެތުރުނީ އެ ދެބޭފުޅުން ވާހަކަދެއްކުމުގެ އިންތިޒާމު ހަމަޖައްސަމުން ދަނިކޮށް ކަމަށް ޣަފޫރު ވިދާޅުވިއެވެ.

ކުރީގެ ރައީސް ސޯލިހާއި ރައީސް ނަޝީދާއި ވަގުތީ ޗެއާ ގަޕޯ ---- ސަން ފޮޓޯ/ އާއިޝް އަޝްރަފް
އެއާއެކު، އެ ކަމާ ހިތާމަ ކުރައްވާ ކަމަށް ވިދާޅުވެ، ޣަފޫރު ވަނީ، ޕާޓީ ބަދަހިކޮށް ބޭއްވުމަށް ހުރިހާ މެންބަރުން އެއްބާރުލުން ދެއްވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ.
އެމްޑީޕީގެ އެތެރޭގައި ހިތްހަމަނުޖެހުންތަކެއް އުފެދުނިއިރު، މީގެ ކުރިން ރައީސް ޞާލިހުގެ ސަރުކާރުގައި ވެސް އެމްޑީޕީގެ ތެރޭގައި ހަމަނުޖެހުން އުފެދި ޕާޓީ ބައިވިއެވެ.
އޭރު ނަޝީދަށް ތާއިދުކުރައްވާ ބޭފުޅުން ޕާޓީން ވަކިވެވަޑައިގެން، ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް އުފެއްދެވިއެވެ. ނަމަވެސް، މި ފަހުން އެ މެންބަރުން އެމްޑީޕީއާ ގުޅިވަޑައިގެން، ކައުންސިލް އިންތިޚާބުގެ ކެމްޕެއިންއަށް ނަޝީދާއި ފައްޔާޒުގެ އިތުރަށް ޝާހިދު ވެސް ރަށްތަކަށް ވަޑައިގެން އުޅުއްވިއެވެ.
އެމްޑީޕީގެ ބައެއް މެންބަރުން ބުނާ ގޮތުގައި، އެ ޕާޓީއަށް ކައުންސިލް އިންތިޚާބުގައި ބޮޑު ކާމިޔާބެއް ލިބުނީ ނަޝީދު ހިމެނިވަޑައިގަންނަވާ ގޮތަށް ޕާޓީން ކުރި މަސައްކަތުންނެވެ.