ހަނގުރާމައިގެ ސަބަބުން ކާބޯތަކެތީގެ އަގު އުފުލިއްޖެ، އެންމެ ބޮޑަށް އުފުލުނީ ކައްކާތެލާއި ހަކުރުގެ އަގު: އދ

މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން ކާބޯތަކެތީގެ އަގު ވަނީ އުފުލިފައި -- ފޮޓޯ/ ރޮއިޓާސް

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ހަކަތައާއި ގަސްކާނާގެ އަގު އުފުލި، ބައިނަލްއަގްވާމީ ބާޒާރުގައި ކާބޯތަކެތީގެ އަގުތައް މައްޗަށް ގޮސްފައިވާކަމަށް އދގެ ކާބޯތަކެއްޗާބެހޭ ޖަމިއްޔާއިން ބުނެފިއެވެ. ޚާއްޞަކޮށް މާޗް މަހު ކައްކާތެލާއި ހަކުރުގެ އަގު ވަރަށް ބޮޑަށް އުފުލިފައިވާއިރު، ހަނގުރާމަ ދިގުލައިގެން ހިނގައްޖެނަމަ، ގަސްކާނާގެ އަގު އިތުރަށް ބޮޑުވެ، ދަނޑުވެރިކަމަށް ހުރަސްއެޅި، ކާބޯތަކެތީގެ ސަޕްލައިއަށް ދިގު މުއްދަތަކަށް ނޭދެވޭ އަސަރުކުރާނެކަމުގެ އިންޒާރު އެޖަމިއްޔާއިން ދީފައިވެއެވެ.

  • އެފްއޭއޯގެ ފުޑް ޕްރައިސް އިންޑެކްސް މާޗް މަހު 2.4 ޕަސެންޓް އުފުލިފައިވުން
  • ކައްކާތެލުގެ އަގު 5 ޕަސެންޓް އަދި ހަކުރުގެ އަގު 7 ޕަސެންޓަށް ބޮޑުވުން
  • ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރުމަށް ހުރަސްއެޅުމުން ގަސްކާނާގެ ސަޕްލައިއަށް ދަތިވުން
  • ހަނގުރާމަ ދިގުލައިފިނަމަ ކާބޯތަކެތީގެ އަގު 15 އާއި 20 އިންސައްތައާ ދެމެދުގެ މިންވަރަކަށް އުފުލިދާނެކަމުގެ ލަފާކުރުން

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ހަކަތައާއި ގަސްކާނާގެ އަގު އުފުލި، ކާބޯތަކެތީގެ އަގުތައް މައްޗަށް ގޮސްފައިވާ ކަމަށް އދ ގެ ކާބޯތަކެއްޗާބެހޭ ޖަމިއްޔާ، އެފްއޭއޯއިން ބުނެފިއެވެ.

އެފްއޭއޯއިން ބުނީ ކާބޯތަކެތީގެ ބައިނަލްއަގްވާމީ އަގަށް މަހުން މަހަށް އަންނަ ބަދަލުތައް ވަޒަންކުރާ ފުޑް ޕްރައިސް އިންޑެކްސް މާޗް މަހު 2.4 ޕަސެންޓް އިތުރުވެފައިވާ ކަމަށެވެ.

މިއީ ކާބޯތަކެތީގެ އަގު ވިދިވިދިގެން މައްޗަަށް ދިޔަ ދެވަނަ ފަހަރެވެ.

އިންޑެކްސްގެ ތެރެއިން އެންމެ ބޮޑަށް އަގު އުފުލިފައިވަނީ ކައްކާ ތެލާއި ހަކުރުގެ އަގެވެ. އެގޮތުން ކައްކާތެލުގެ އަގު ފަސް ޕަސަންޓް އުފުލިފައިވާއިރު، ހަކުރުގެ އަގު ވަނީ ހަތް ޕަސެންޓަށް އުފުލިފައެވެ.

"ހަނގުރާމަ ފެށުނު ފަހުން މިހާތަނަށް އަގުތައް އުފުލިފައި ވަނީ މަދު ބާވަތެއްގެ ކަމަށާއި ނަމަވެސް ހަނގުރާމަ 40 ދުވަހަށްވުރެ އިތުރު ވެއްޖެނަމަ، ގަސްކާނާގެ އަގު އިތުރަށް އުފުލުން އެކަށީގެންވާ ކަމަށް އެފްއޭއޯގެ ޗީފް އިކޮނޮމިސްޓް މެކްސިމޯ ޓޮރޭރޯ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވެއެވެ. އެހެންވެއްޖެނަމަ، ދަނޑުވެރިން ޖެހޭނީ މިހާރު ލިބެން ހުރި މިންވަރަކުން ފުއްދައި، ދަނޑުހައްދާ މިންވަރު މަދުކުރުން ނުވަތަ ގަސްކާނާ މަދުން ބޭނުންކުރަންޖެހޭ ބާވަތްތަކުގެ ދަނޑުވެރިކަން ކުރަން ކަމަށްވެސް ޓޮރޭރޯ ވިދާޅުވިއެވެ.

"އެކަމުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ލިބޭ އާމްދަނީއަށް އަސަރުކޮށް، އަހަރުގެ ބާކީ އޮތްބައި އަދި ކުރިއަށް އޮތް ހުރިހާ އަހަރެއްގެ ކާބޯތަކެތީގެ ސަޕްލައިއާއި މުދަލުގެ އަގުތަކަަށް އަސަރުކުރާނެ،" ޓްރޭރޯ ވިދާޅުވިއެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ކާބޯތަކެތީގެ އިންފްލޭޝަން މަތިވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށާއި، ތެލާއި ގަސްކަނާ އަދި ކަރަންޓުގެ އަގު ބޮޑުވުމުން ކާބޯތަކެތި ޕްރޮސެސްކުރުމާއި ކެއްކުމުގެ ޚަރަދު ބޮޑުވެދާނެ ކަމަށް ވެސް އެފްއޯއިން ބުނެއެވެ.

ދުނިޔޭގެ ބާޒާރަށް ނެރޭ ގަސްކާނާގެ ތިންބައިކުޅަ އެއްބައި އުުފުލަނީ ހޮރްމުޒް ކަނޑުއޮޅިންނެވެ. އިސްރާއީލާއި އެމެރިކާއިން އީރާނަށް ދޭ ހަމަލާތަކުގެ ރައްދުގައި އީރާނުން ވަނީ ހޮރްމޮޒް ކަނޑުއޮޅިން އުޅަނދުތައް ދަތުރުުކުރުމަށް ހުރަސްއަޅާފައެވެ.

އދ އިން ލަފާކުރާ ގޮތުގައި ހަނގުރާމަ އިތުރަށް ދެމިގެންދާނަމަ، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ދުނިޔޭގެ ކާބޯތަކެތީގެ އަގުތައް އެވްރެޖްކޮށް 15 އިންސައްތައާއި 20 އިންސައްތައާ ދެމެދުގެ މިންވަރަކަށް އިތުރުވާނެއެވެ.

comment ކޮމެންޓް