މަރަކީ އެއްވެސް އިންސާނަކަށް އިންކާރު ނުކުރެވޭނެ ބޮޑު ހަގީގަތެއް، އެ ދުވަހަށް ތައްޔާރުވާން ޚުތުބާގައި ގޮވާލައިފި

ހުކުރު ނަމާދެއްގެ ތެރެއިން -- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

މިއަދުގެ ހުކުރު ޚުތުބާގައި އަލިއަޅުވާލާފައިވަނީ މަރުގެ މައްޗަށެވެ. މަރަކީ ކޮންމެ މީހަކާވެސް ބައްދަލުކުރާނެ އަދި އެއްވެސް މީހަކަށް އިންކާރު ނުކުރެވޭނެ ބޮޑު ޙަޤީޤަތެއްކަން ބަޔާންކޮށްދެއްވައި، އެ ދުވަހަށް ތައްޔާރުވުމަށް ޚުތުބާގައި ގޮވާލެއްވިއެވެ. މުދަލާއި، އަނބިދަރީންނާއި، ދުނިޔަވީ އުފާތައް ދޫކޮށްދާންޖެހޭ ވަގުތަކީ އިންސާނާއަށް އަންނާނެ އެންމެ އުނދަގޫ އަދި ވޭންދެނިވި ވަގުތުކަމަށާއި، ކިތަންމެ ބޮޑު ބާރެއް އަދި މުއްސަނދިކަމެއް ލިބިފައިވީ ނަމަވެސް މަރުން ސަލާމަތްނުވެވޭނެކަން ވަނީ ހަނދާންކޮށްދީފައެވެ. އަދި ހެޔޮ ޢަމަލުތައް ގިނަކޮށް ނުބައި ކަންކަމުން ދުރުހެލިވުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.

  • މަރަކީ ކޮންމެ އިންސާނަކާވެސް ބައްދަލުކުރާނެ ކަށަވަރު ޙަޤީޤަތެއްކަން
  • ދުނިޔޭގެ މުދަލާއި އާއިލާ ދޫކޮށް ދިއުމަކީ ވަރަށް ވޭންދެނިވި ކަމެއްކަން
  • މަރުން ސަލާމަތްވެވޭނެ އެއްވެސް މީހަކު ނުވާކަމާއި، މުއްސަނދިކަމަކަށް ނުބައްލަވާނެކަން
  • ހެޔޮ ޢަމަލުތައް ގިނަކޮށް މަރަށް ތައްޔާރުވުމަށް ޚުތުބާގައި ނަސޭހަތްތެރިވިކަން

މަރަކީ ކޮންމެ މީހަކާވެސް ބައްދަލުކުރާނެ ހާލަތެއް ކަމަށާއި، އެއީ އެއްވެސް މީހަކަށް އިންކާރު ނުކުރެވޭނޭ ބޮޑު ޙަޤީޤަތެއްކަން ހަނދާންކޮށްދީ، އެ ދުވަހަށް ތައްޔާރުވުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.

މިއަދުގެ ހުކުރު ޚުތުބާގެ މައުޟޫއުއަކީ "މަރު" އެވެ.

މިއަދުގެ ޚުތުބާގައި ބުނީ މަރަކީ ކޮންމެ އިންސާނަކާ ވެސް ކުރިމަލާންޖެހޭނޭ ޙަޤީޤަތެއް ކަމަށާއި، މި ޙަޤީޤަތާ މެދު އެއްވެސް މީހަކު ޚިޔާލުތަފާތުވެފަ ނުވާ ކަމަށެވެ. އެހެންވެ، މަރަށް މާތްﷲ ނަންދެއްވައިފައިވަނީ ޔަޤީނުގެ ނަމުން ކަމަށް ޚުތުބާގައި ބުންޏެވެ.

ޚުތުބާގައި ބުނީ މި ޙަޔާތުގައި އަހަރެމެން ބޭނުންވުމުން ލޯމަރާލައިފައި، ބޭނުންވުމުން ލޯހުޅުވައިލުމަކީ ވަރަށް ފަސޭހަ ކަމެއް ކަމަށެވެ. އެހެން ނަމަވެސް، ދުނިޔޭގައި އެއްކުރި މުދަލާއި، ލޯބިވާ އަނބިދަރީންނާއި، ގެދޮރާއި، ބިނާކޮށްފައިވާ ވިޔަފާރިއާއި، މި ދުނިޔޭގެ ޒީނަތުގައި ހޭދަކުރަމުން ދިޔަ އުފާވެރި ދުވަސްތައް ދޫކޮށް، ތިބާ ދުނިޔެއިން ވަކިވާން ޖެހޭ ވަގުތަކީ އާދައިގެ ވަގުތެއް ނޫން ކަމަށް ވެސް ޚުތުބާގައި ބުންޏެވެ.

އެއީ ތިބާ ދެކެ ލޯބިވާ ދަރީން ތިބާއަށް މާޔޫސްކަމާއެކު ބަލަމުންދާ ވަގުތު. ލޯބިވާ އަނބިމީހާ ނުވަތަ ފިރިމީހާ ހިތާމަކުރަމުންދާ ވަގުތު. މައިންބަފައިންގެ ލޯތައް ތެމި ކަރުނަ އަޅަމުންދާ ވަގުތު. ތިމާގެ މީހުން ތިބާއަށްޓަކައި، އަވަސް ޝިފާއަކަށް އެދި ދުޢާކުރާ ވަގުތު. އެކުވެރީން ތިބާގެ ގައިގައި ފިރުމަމުންދާ ވަގުތު، ހުކުރު ޚުތުބާ

ނަމަވެސް ތިބާގެ ނޭވާ ކުރުވެ، އަބަދުގެ އަބަދަށް މި ދުނިޔެ ދޫކޮށް ދާން ޖެހޭ ވަގުތަކީ ކޮންމެ އިންސާނަކާ ބައްދަލުކުރާނޭ އެންމެ ވޭނާއި ތުރާ ލިބޭނޭ ވަގުތު ކަމަށް ޚުތުބާގައި ބުންޏެވެ.

މަރަކީ، ދުނިޔޭގެ ލައްޒަތާއި ކެހިވެރިކަމާއި ޣާފިލުކަމުން އަހަރެމެން ހޭލައްވައިލާ ކަމެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ މަރާ ދޭތެރޭ އަހަރެމެން ވިސްނައި، މަރު މަތީން ހަނދާންކުރުމަށް އިރުޝާދުދެއްވައި ނަބިއްޔާ ޙަދީޘްކުރައްވައިފައި ވެސް ވާ ކަމަށެވެ.

ޚުތުބާގައި ބުނީ މަރުން ރެކިގަނެވޭނޭ ހަމަ އެކަކު ވެސް ނުވާނެ ކަމަށެވެ. އެއީ ކިތަންމެ އާރާއި ބާރެއްގެ ވެރިއެއްކަމުގައި ވިޔަސް، އޭނާގެ ގާތަށް މަރު އަންނާނެ ކަމަށާއި، ދުނިޔޭގެ ރަސްރަސްކަލުންގެ ގަނޑުވަރުތަކުގައި އެތައް ބަޔަކު ފާރަވެރިވެ، އެ މީހުން ހިމާޔަތްކުރުމަށް ތިބޭނެކަން ޚުތުބާގައި ފާހަގަކުރިއެވެ. މީހަކަށް އެ މީހުންނާ ބައްދަލުކުރެވެނީ ހުއްދަހޯދައިގެން ނަމަވެސް މާތްﷲގެ އަމުރުފުޅު އައުމުން ވަގުތުން އެ މީހެއްގެ މަރުހިއްޕަވާނެ ކަމަށް ޚުތުބާގައި ބުންޏެވެ.

އެމީހާގެ ޢުމުރަކަށް، ބަލިޙާލަތަކަށް، މީހާގެ މުއްސަނދިކަމާއި ފަޤީރުކަމަކަށް، މާތްކަމާއި މަތިވެރިކަމަކަށް ނުބައްލަވާނެ ކަމަށް ޚުތުބާގައި ބުންޏެވެ.

ޚުތުބާގައި ވަނީ މަރުވާނެކަމާއި، މަރާ ކުރިމަތިލާން ޖެހޭނޭކަން ދަނެ، ތިބާ އެ ކަމަށް ތައްޔާރުވާން ގޮވާލައިފައެވެ. އަދި ހެޔޮ ޢަމަލުތައް ގިނަކޮށް، ނުބައި ކަންކަމުން ދުރުވެ، ގިނަގިނައިން މަރު ހަނދާންކުރަން ވަނީ ނަސޭހަތްތެރިވެފައެވެ.

comment ކޮމެންޓް