ހަނގުރާމަ ހުއްޓުވޭނީ ހަމައެކަނި ޓްރަމްޕަށް ކަމަށް މިސްރުގެ ރައީސް ވިދާޅުވެއްޖެ

މިސްރުގެ ރައީސް އަބްދުލް ފައްތާހު އަލް ސީސީ (ކ) އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް (ވ). މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމަ ހުއްޓުވޭނީ ހަމައެކަނި ޓްރަމްޕަށް ކަމަށް ސީސީ ވަނީ ވިދާޅުވެފައި. ފޮޓޯ/އަންދޮލު

މިސްރުގެ ރައީސް އަބްދުލް ފައްތާހު އަލް ސީސީ، ގާހިރާގައި ބޭއްވުނު އެނާޖީ ކޮންފަރެންސްއެއްގައި ވާހަކަފުޅު ދައްކަވަމުން، މިހާރު މެދުއިރުމަތީގައި ކުރިއަށްދާ ހަނގުރާމަ ހުއްޓުވުމުގެ ގާބިލުކަން ހުރީ ހަމައެކަނި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ކަމަށް ވިދާޅުވެއްޖެއެވެ. މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް، ހާއްސަކޮށް ތެލުގެ އަގު އުފުލުމުގެ ނުރައްކާ ބޮޑުވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

  • ހަނގުރާމަ ހުއްޓުވުމުގެ ބާރު އޮތީ އެމެރިކާގެ ރައީސް ޓްރަމްޕަށް ކަމަށް މިސްރުގެ ރައީސް ވިދާޅުވުން
  • ތެލުގެ އަގު އުފުލި، ފީފާއެއް 200 ޑޮލަރަށް އެރުމުގެ ފުރުސަތު އޮތްކަމުގެ އިންޒާރު ދެއްވުން
  • ގަލްފު ސަރަހައްދުގެ ސަލާމަތާއި ހަކަތަ އުފައްދާ މަރުކަޒުތައް ހިމާޔަތް ކުރުމަށް ގޮވާލުން
  • މިސްރުން ހަނގުރާމަ ހުއްޓުވުމަށް ޑިޕްލޮމެޓިކް މަސައްކަތްތައް ކުރަމުންދާކަން ހާމަކުރުން

އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމަ ހުއްޓާލެވޭނީ ހަމައެކަނި އެެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ކަމަށާއި، އެކަމަށް އިލްތިމާސް ކުރައްވާނެ ކަމަށް މިސްރުގެ ރައީސް އަބްދުލް ފައްތާހު އަލް ސީސީ ވިދާޅުވެއްޖެއެވެ.

ހަނގުރާމައިގެ ސަބަބުން ސަޕްލައިއަށް ބުރޫއަރައި ތެލުގެ އަގު އުފުލިގެންދާކަން ފާހަގަކުރައްވައި ސީސީ ވިދާޅުވި ތެޔޮ ފީފާއެއް 200 ޑޮލަރަށް މައްޗަށް އަރައިގެން ހިނގައިދާނެ ކަމަށާއި އެއީ ވުން ވަރަށް އެކަށީގެންވާ ކަމެއް ކަމަށެވެ.

"އަޅުގަނޑު ރައީސް ޓްރަމްޕް ގާތު ދަންނަވަން ގަލްފުގައި އަޅުގަނޑުމެންގެ ސަރަހައްދުގައި ހިނގަމުންދާ ހަނގުރާމަ ތިޔަބޭފުޅުން ނޫން އެހެން ބަޔަކަށް ހުއްޓުވޭކަށް ނެތްކަން." ޤާހިރާގައި ބޭއްވި މިސްރު އެނާޖީ ޝޯ 2026 ގެ އެނާޖީ ކޮންފަރެންސްގައި ސީސީ ވިދާޅުވިއެވެ.

⁠މިސްރުން ވަނީ މެދުއިރުމަތީގެ ގައުމުތަކަށް އީރާނުން ދޭ ހަމަލާތައް ކުށްވެރިކޮށް، ފުޅާ ދާއިރާއެއްގައި ހިނގަމުންދާ ހަނގުރާމަ ނިންމުމަކަށް ގެނައުމަށް ޑިޕްމޮލެޓިކް މަސައްކަތްތަކަށް ބާރު އަޅާފައެވެ.

މިސްރަކީ ހަނގުރާމާ ނިމުމަކަށް ގެނައުމަށް މަޝްވަރާކުރުމަށް ޕާކިސްތާނުގައި ބޭއްވި ބައްދަލުވުމުގައި ބައިވެރިވެފައިވާ ގައުމެކެވެ.

ގަލްފް ކޯޕަރޭޝަން ކައުންސިލް ބްލޮކްގެ ސެކްރެޓަރީ ޖެނެރަލް ޖާސެމް މުހައްމަދު އަލްބުދައިވީ ވަނީ އީރާނުން ހުރްމޮޒް ކަނޑުއޮޅި ބަންދުކުރުމާއި ސަރަހައްދީ ހަކަތަ އިންފްރާސްޓްރަކްޗާއަށް ދޭ ހަމަލާތައް ކުށްވެރިކޮށް މުހިންމު ކަނޑުގެ ކޮރިޑޯތައް ހިމާޔަތް ކުރުމަށް ބައިނަލްއަގްވާމީ މުޖުތަމައަށް އިލްތިމާސް ކުރައްވާފައެވެ.

އިސްރާއީލާއި އެމެރިކާއިން އީރާނަށް ދެމުންގެންދާ ހަމަލާތަކުގެ ރައްދުގައި އީރާނުން އަންނަނީ މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި އެ ގައުމުތަކުގެ އިގްތިސާދީ ވަސީލަތްތަކަށްވެސް ޑްރޯނާއި މިސައިލް ހަމަލާތައް ދެމުންނެވެ.

comment ކޮމެންޓް