ލޯކަލް ކައުންސިލް އިންތިޚާބަށް ހަފުތާއެއްހާ ދުވަހަށް ވެފައި ވަނިކޮށް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މި މަހުގެ ތެރޭގައި އެކަނިވެސް ހާހަކަށްވުރެ ގިނަ ވަޒީފާގެ ފުރުސަތު ހުޅުވާލައިފިއެވެ.
ސަރުކާރުގެ ގެޒެޓްގައިވާ އެމްޓީސީސީގެ ވަޒީފާގެ އިއުލާންތަކަށް ބަލާއިރު، މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް 91 އިއުލާނެއްގެ ދަށުން ޖުމްލަ 1،185 ވަޒީފާއަކަށް ވަނީ އިއުލާންކޮށްފައެވެ. މީގެ ތެރެއިން އެންމެ ގިނަ ވަޒީފާތަކަށް އިއުލާންކޮށްފައިވަނީ ފާއިތުވި ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައެވެ. އެގޮތުން އެ މުއްދަތުގައި 635 އަށްވުރެ ގިނަ ވަޒީފާއަށް އިއުލާންކޮށްފައިވާއިރު، އޭގެ ތެރެއިން 242 ވަޒީފާއަކަށް އިއުލާންކުރީ ހަމައެކަނި މިދިޔަ ހަފްތާގެ ތެރޭގައެވެ.
މި ފަހަރު ހުޅުވާލި ވަޒީފާތަކުގެ ތެރޭގައި ގިނައީ ވަގުތީ ގޮތުން މުވައްޒަފުން ނަގާ މަގާމުތަކެވެ. އޭގެ ތެރޭގައި ހަ މަސް ދުވަހަށާއި، އެއް އަހަރު ދުވަހުގެ މުއްދަތަށް ނަގާ މުވައްޒަފުންގެ އިތުރުން ޕްރޮޖެކްޓްގެ ނިޔަލަށް ނަގާ މުވައްޒަފުން ވެސް ހިމެނެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި ބައެއް ވަޒީފާތަކަށް ކުރިމަތިލުމަށް ދީފައިވަނީ 24 ގަޑިއިރަށްވުރެ ވެސް ކުރު ވަގުތުކޮޅެކެވެ.
އެމްޓީސީސީން އަލަށް ފަށާ ޓެކްސީ ލައިނަށް ބޭނުންވާ 107 ޓެކްސީ ޑްރައިވަރުން ހިމެނޭހެން 137 މުވައްޒަފުން ހޯދަން ވެސް ވަނީ އިއުލާންކޮށްފައެވެ.
މީގެ އިތުރުން ފެރީ އެޓެންޑެންޓުން، ފެރީ ކެޕްޓަނުން، މެކޭނިކުން އަދި އިދާރީ އެކި މަގާމުތަކަށް ވެސް ވަނީ ފުރުސަތު ހުޅުވާލާފައެވެ. މީގެ ތެރެއިން ބައެއް ވަޒީފާތަކުގެ މުއްދަތު މިއަދަށް ހަމަވާއިރު، ކުރިއަށް އޮތް ހޯމަ ދުވަހުގެ ނިޔަލަށް ބައެއް މަގާމުތަކުގެ ސުންގަޑި ހަމަވާނެއެވެ.
މުސާރައަށް ބަލާއިރު، ގިނަ ވަޒީފާތަކަށް 10،000 ރުފިޔާއާއި 15,000 ރުފިޔާއާ ދެމެދުގެ މުސާރައެއް ކަނޑައަޅާފައިވެއެވެ. އަދި ސީނިއާ ޑިވެލޮޕަރެއްގެ މަގާމަށް 26،300 ރުފިޔާ ލިބޭއިރު، ތައުލީމީ ފެންވަރަށް ބަލައި އިތުރު އިނާޔަތްތައް ވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ފާހަގަކުރެވޭ ގޮތުގައި، އެމްޓީސީސީގެ އިތުރުން، ކައުންސިލު އިންތިޚާބަށް ކުޑަތަން ވެފައި ވަނިކޮށް، ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުން މުވައްޒަފުން ހޯދަން އިއުލާނުކޮށްފައިވެއެވެ.
އޭގެ އިތުރުން، ކައުންސިލު އިންތިޚާބަށް ހަފުތާއެއް ވެފައި ވަނިކޮށް، ކަސްޓަމްސްއިން ވެސް ވަނީ ވަޒީފާއަށް ހުޅުވައިލައިފައެވެ.
އިންތިޚާބުތަކާ ދިމާކޮށް ސަރުކާރުގެ ހިއްސާ އޮންނަ ބޮޑެތި ކުންފުނިތަކުން ވަޒީފާތައް "ބެހުން" ވެފައިވަނީ ސަރުކާރުތަކުން ވަރަށް އާންމުކޮށް ކުރާ ކަމަކަށެވެ. ކޮރަޕްޝަނަށް މަގުފަހިވާހެން ސަރުކާރުގެ މިފަދަ ވަސީލަތްތައް ބޭނުންކުރާކަމަށް މީގެ ކުރިން އާންމުކޮށްފައިވާ މިނިވަން މުއައްސަސާތަކުގެ ރިޕޯޓުތަކުން ވެސް ހާމަވެއެވެ.
މިގޮތަށް ވަޒީފާ ދިނުން އެންމެ އާންމު ކުންފުނިތަކުގެ ތެރޭ ގެއްލުމުގައި ހިންގާ ފެނަކައާއި، ހިންގުން ދަށްވަމުން އަންނަ އެންމެ ބޮޑު އެއް ކުންފުނި އެމްއޭސީއެލް، ސްޓެލްކޯ، އަދި އާރުޑީސީ ފަދަ ކުދިކުދި ކުންފުނިތައް ވެސް ހިމެނެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، އެމްޓީސީސީ ހިމެނޭހެން ސަރުކާރުގެ ބައެއް ކުންފުނިތަކުން އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށް ގުޅައި، ނަން އަނބުރާ ގެންދިއުމަށް ޝަރުތުކޮށް، އެ ކެނޑިޑޭޓަކު ނިސްބަތްވާ ދާއިރާތަކުން ބޮޑު މުސާރައާ އެކު ވަޒީފާގެ އެކި ހުށަހެޅުން ހުށަހަޅައިފައި އެބަހުއްޓެވެ.
ނަމަވެސް، މިގޮތަށް ވަޒީފާދިނުން އާންމުވެފައިވާ މައްސަލަތައް ފެންމަތިވަމުން އަންނައިރު، އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ކަމާ ގުޅުންހުރި އިދާރާތަކުން ބޮޑު އެއްވެސް ފިޔަވަޅެއް ނާޅާތީ އާންމުންގެ ފާޑުކިއުން އަބަދުވެސް އަމާޒުވެއެވެ.