ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ވިނަރެސް ޓަވަރުގެ އެޕާޓްމެންޓެއްގައި، އަންނައުނު ދޮންނަން ބޮޑެތި މެޝިންތައް ބަހައްޓައިގެން ހިންގަމުންދިޔަ ލޯންޑްރީ ޚިދުމަތް ހުއްޓާލަން ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ނޯޓިސް ދީފިއެވެ.
ވިނަރެސް ފުލެޓެއްގައި ލޯންޑްރީ ޚިދުމަތް ދޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވަނީ ވީޑިއޯއެއް އާންމުކޮށްފައެވެ.
''ހައުސިން ގްރޭޓާ މާލެ'' ކިޔާ އެކްއުންޓަކުން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ، ވިނަރެސް ފްލެޓެއްގައި އިންޑަސްޓްރިއަލް ފެންވަރުގެ ލޯންޑްރީ ޚިދުމަތެއް ދޭ ކަމަށް ބުނެ ވީޑިއޯއެއް އާންމުކޮށްފައެވެ.
މިކަމާ ގުޅިގެން 'ސަން'އިން ސުވާލުކުރުމުން އެޗްޑީސީގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ވިނަރެސް ޓަވަރުގައި ލޯންޑްރީ ފެކްޓްރީ ހިންގާކަން އެޗްޑީސީއަށް ފާހަގަވެ އެކަން ހުއްޓާލުމަށް މިހާރު ނޯޓިސް ދީފައި ވާނެކަމަށެެވެ. ނަމަވެސް ހުޓާލަން ދީފައިވަނީ ކިހާ ދުވަހެއް ކަމެއް މީޑިއާ އޮފިޝަލް ވިދާޅެއްނުވެއެވެ.
ވީޑިއޯއިން ފެންނަ މަންޒަރުތަކުން އެ ފްލެޓު ތެރޭގައި ގިނަ އަދަދެއްގެ ދޮންނަ މެޝިންތަކާއި، ހިއްކައި އިސްތިރިކޮށް ފަތްޖަހައިލެވޭ މެޝިންތައް ހުއްޓެވެ. އަދި އެ ވަގުތު ވެސް ގިނަ މެޝިންތަކަށް އަންނައުނު އަޅައި، ޖައްސައިފައި ހުރި މަންޒަރު ފެނެއެވެ.
އެ ފެކްޓްރީ ހިންގަން ބޭނުންވާ ބޮޑެތި ގޭސްފުޅިތައް ވީޑިއޯއިން ފެންނައިރު، އެއީ އަލިފާނުގެ ނުރައްކާ އިތުރުވާ ކަމެއް ކަމަށް ވީޑިއޯގައި ބުނެފައިވެއެވެ.
މީހުން ދިރިއުޅެން ދޫކުރާ ފުލެޓުތައް، ހުއްދަ ދީފައިވާ ގޮތާ ޚިލާފަށް ބޭނުންކުރުމުގެ މައްސަލަތައް މީގެ ކުރިން ވެސް ފެންމަތިވެފައިވެއެވެ.