އެކި ކުޅިވަރުތަކަށް ޚާއްސަ ދަނޑުތައް ހިމެނޭ ގޮތަށް، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކުޅިވަރު އެކުވެނި ހުޅުވައިފި

އެޗްޑީސީއިން ހުޅުމާލޭ ފޭސް ދޭއްގައި ގާއިމްކުރި ކުޅިވަރު އެކުވެނި ހުޅުވުން -- ފޮޓޯ: އެޗްޑީސީ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަލަށް ގާއިމުކުރެވުނު ކުޅިވަރު އެކުވެނި ހުޅުވުމަކީ އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ އިޖުތިމާއީ ދުޅަހެޔޮކަމަށާއި ކުޅިވަރުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މި އެކުވެނި ހުޅުވައިދެއްވީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރެވެ. މި ތަނުގައި އެކި ކުޅިވަރުތަކަށް ހާއްސަ ކޯޓުތައް ހުރުމުން، ކުޅިވަރު ކުޅޭ ފަރާތްތަކަށް މިހާރު ދިމާވާ ދަތިތަކަށް ބޮޑު ހައްލެއް ލިބިގެންދާނެއެވެ. މި މަޝްރޫއަކީ ހުޅުމާލެއަކީ ދުޅަހެޔޮ، ހިތްފަސޭހަ، އަދި ޒަމާނީ ވަސީލަތްތައް ގާއިމުކުރެވިފައިވާ ތަނަކަށް ހެދުމަށް އެޗްޑީސީން ކުރަމުންދާ މަސައްކަތުގެ ބައެކެވެ. މިފަދަ ކުޅިވަރު ވަސީލަތްތަކުގެ ސަބަބުން ޒުވާނުންނާއި ކުޑަކުދިންގެ މެދުގައި ކުޅިވަރުގެ ފޯރި އިތުރުވެ، އެކުވެރިކަން އާލާވެގެން ދާނެއެވެ.

  • ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަލަށް ގާއިމުކުރެވުނު ކުޅިވަރު އެކުވެނި ރަސްމީކޮށް ހުޅުވައިފި.
  • މި އެކުވެނީގައި ބަށި، ވޮލީ، ބާސްކެޓް، ހޭންޑްބޯލް އަދި ނެޓްބޯލް ފަދަ ގިނަ ކުޅިވަރުތަކަށް ހާއްސަ ކޯޓުތައް ހިމެނޭ.
  • މި މަޝްރޫއުގެ މަގްސަދަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ސިއްހަތާއި އިޖުތިމާއީ ދުޅަހެޔޮކަން އިތުރުކުރުން.
  • ކުޅިވަރު ކުޅޭ ފަރާތްތަކަށް ކޯޓުތައް ހޯދުމުގައި ކުރިން ދިމާވަމުންދިޔަ ދަތިތަކަށް މި ތަނުގެ ސަބަބުން ބޮޑު ހައްލެއް ލިބިގެންދާނެ.

އެކި ކުޅިވަރުތަކަށް ޚާއްސަ ދަނޑުތައް ހިމެނޭ ގޮތަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ގާއިމުކުރި ކުޅިވަރު އެކުވެނި ހުޅުވައިފިއެވެ.

އެ ދަނޑުތައް ހުޅުވުމަށް ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި އެ ތަން ހުޅުއްވައިދެއްވީ، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިޔާ ޖެނެރަލް (ރިޓަޔާޑް) އަލީ ޒުހައިރެވެ.

އެ ރަސްމިއްޔާތުގައި، ހުޅުމާލޭގައި ހިންގާ އެކި ސްޕޯޓްސް އެކަޑަމީތަކުން ވެސް ވަނީ ބައިވެރިވެފައެވެ.

އެޗްޑީސީއިން ހުޅުމާލޭ ފޭސް ދޭއްގައި ގާއިމްކުރި ކުޅިވަރު އެކުވެނި ހުޅުވުން -- ފޮޓޯ: އެޗްޑީސީ

އެޗްޑީސީން ބުނީ، އެ އެކުވެނި ހުޅުވުމުން، ކުޅިވަރު ކުޅޭ ފަރާތްތަކަށް ކޯޓު ނުވަތަ ދަނޑު ހޯދުމުގައި މިހާރު އޮތް ދަތިކަމަށް ބޮޑު ހައްލެއް ލިބޭނެ ކަމަށެވެ. އެގޮތުން އެ އެކުވެނީގައި، ބަށި ކޯޓަކާއި ވޮލީ ކޯޓަކާއި ބާސްކެޓް ކޯޓުގެ އިތުރުން ހޭންޑްބޯލް ކޯޓަކާއި ނެޓްބޯލް ކޯޓެއް އޮންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެޗްޑީސީން ބުނީ މިއީ، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ އިޖުތިމާއީ ދުޅަހެޔޮކަމަށާއި ރަނގަޅު ސިއްހަތެއްގައި ތިބުމަށް ވެސް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

ރައްޔިތުންގެ އިޖުތިމާއީ ދުޅަހެޔޮކަމަށް އިސްކަންދީގެން، ކުޅިވަރު ކުޅޭ ތަންތަނުގެ އިތުރުން އައުޓްޑޯ ޖިމްތައް ގާއިމުކުރުން ފަދަ ގިނަ މަސައްކަތްތަކެއް އެޗްޑީސީން އަންނަނީ ކުރަމުންނެވެ.

ހުޅުމާލެއަކީ ހިތްފަސޭހަ އަދި، އެންމެ ޒަމާނީ ވަސީލަތްތައް ގާއިމުކުރެވިފައިވާ ތަނަކަށް ހެދުމަކީ އެ ކޯޕަރޭޝަންގެ އަމާޒެއް ކަމަށް އެޗްޑީސީން ބުނެއެވެ.

comment ކޮމެންޓް