ބީއެމްއެލުން ވިލިމާލޭގައި އަޅާ 300 ހައުސިން ޔުނިޓްގެ ބިންގާ އަޅައިފި

ބީއެމްއެލް އިން ވިލިމާލޭގައި އަޅާ 300 ހައުސިން ޔުނިޓްގެ ބިންގާއެޅުން -- ފޮޓޯ/ ރައީސް އޮފީސް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވިލިމާލޭގައި 300 ހައުސިން ޔުނިޓް އެޅުމަށްޓަކައި ބިންގާ އަޅައިފިއެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވި އިރު، މިއީ ރާއްޖޭގެ ބޯހިޔާވަހިކަމުގެ ސިޔާސަތަށް ގެނެވޭ ބޮޑު ހެޔޮ ބަދަލެކެވެ. މި މަޝްރޫއުގެ ދަށުން އާންމުންނަށް ލުއި ފަސޭހަކަމާއެކު ގެދޮރު މިލްކުކުރެވޭނެ 'ލީޒް-ޓު-އޯން' ނިޒާމު ފުޅާ ދާއިރާއެއްގައި ތައާރަފުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައިވަނީ އާރްސީސީ ކުންފުންޏާއެވެ.

  • ވިލިމާލޭގައި 17 ފަންގިފިލާގެ 3 ޓަވަރު އިމާރާތްކުރުން.
  • ލީޒް-ޓު-އޯން ނިޒާމުގެ ދަށުން އަމިއްލަ ގެދޮރު ހޯދުމުގެ ފުރުސަތު ފަހިވުން.
  • 2028 ވަނަ އަހަރުގެ މެދުތެރޭގައި މަސައްކަތް ނިންމުމަށް އަމާޒުކުރުން.
  • ޖުމްލަ 3,260 ހައުސިން ޔުނިޓް އެޅުމަށް ހަމަޖެހިފައިވުން.

ގައުމީ ބޭންކު، ބީއެމްއެލްއިން ވިލިމާލޭގައި އަޅާ 300 ހައުސިން ޔުނިޓްގެ ބިންގާ މިރޭ އަޅައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވި އެ ރަސްމިއްޔާތުގައި ވިލިމާލޭގައި އަޅާ 300 ހައުސިން ޔުނިޓުގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓާ އޮފް ކޮންސްޓްރަކްޝަން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ ޑރ. އަބްދުﷲ މުއްތަލިބާއި ބީއެމްއެލް އަދި މި މަސައްކަތް ހަވާލުކޮށްފައިވާ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ)ގެ އިސްވެރިންނެވެ.

މި މަޝްރޫއުގައި 17 ފަންގިފިލާގެ ތިން ޓަވަރު، ވިލިމާލޭގެ ފެހިކަން ނުގެއްލޭނެހެން ތަރައްގީކުރާނެއެވެ. އަދި މި މަޝްރޫއުގެ ދަށުން ތަރައްގީކުރެވެނީ ބޮޑުމިނުގައި 900 އަކަފޫޓު ހިމެނޭ ތިން ކޮޓަރީގެ އެޕާޓްމަންޓްތަކެކެވެ.

ބީއެމްއެލުން ބުނި ގޮތުގައި ހައުސިން މިނިސްޓްރީން ކުއްޔަކާ ނުލައި ދީފައިވާ ބިމުގައި އިމާރާތްކުރާ މި ޔުނިޓްތަކުގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދުތެރޭ ނިންމައިލެވޭނެއެވެ.

ބީއެމްއެލް އިން ވިލިމާލޭގައި އަޅާ 300 ހައުސިން ޔުނިޓްގެ ބިންގާ، އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ، ރައީސް އޮފީސް
މި މަސަކަތް ހަވާލުކޮށްފައިވާ، އާރުސީސީއަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކޮންސްޓްރަކްޝަން މަސައްކަތްކުރާ ތަޖުރިބާކާރު ކުންފުންޏެކެވެ.

މި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވީ މި މަޝްރޫޢުގެ ދަށުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ލީޒް-ޓު-އޯން ނުވަތަ ކުލި ދައްކަމުން ގޮސް މިލްކުވާ މޮޑެލްއެއް ފުޅާ ދާއިރާއެއްގައި ތަޢާރަފުވެގެންދާނެ ކަމަށެވެ. މީގެ ސަބަބުން ކުރިން އިކުއިޓީ ނުވަތަ އެޑްވާންސަށް ދޭންޖެހޭ ބޮޑެތި ފައިސާގެ އަދަދު ދެއްކުމުގެ ބުރަ ކުޑަވެ، އަތްފޯރާފަށުގެ މަހު ކުއްޔެއްގައި، އާއިލާތަކަށް ކުއްޔެއް ދައްކަމުން ގޮސް އެމީހުންގެ އަމިއްލަ ގެދޮރު މިލްކުކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

މިއީ އަޅުގަނޑުމެންގެ ތެރެއިން ކުޑަ އާމްދަނީ ލިބޭ ރައްޔިތުންގެ ހާލަތަށް ރިޢާޔަތްކޮށް ފަރުމާކޮށްފައިވާ، ގިނަ ފަރާތްތަކަކަށް ގެދޮރުވެރިވުމަށް ލިބޭ އެކަށޭނެ ހައްލެއް، ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފު

ގެދޮރުވެރިކަމަށް މާލީ އެހީތެރިކަން ފަސޭހައިން ލިބޭނެ ގޮތް ހެދުމަށް ބޭންކުން ކުރާ މަސައްކަތްތައް ވެސް ޝަރީފުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން، އެޕާޓްމަންޓެއް ގަތުމަށާއި ދިރިއުޅުމަށް ގެއެއް އިމާރާތްކުރުމަށް އަމިއްލައަށް ކުރަންޖެހޭ ޚަރަދު 20 އިންސައްތައިން ފަސް އިންސައްތައަށް ދަށްކޮށްފައިވާކަން ފާހަގަކުރެއްވިއެވެ. އަދި 2.1 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ލޯނާއި ފައިނޭންސް މުޅިން އަލަށް މިދިޔަ އަހަރު ދޫކޮށްފައިވާކަމަށް ވެސް ޝަރީފު ވިދާޅުވިއެވެ.

ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް -- ފޮޓޯ/ ރައީސް އޮފީސް

ހައުސިން މިނިސްޓްރީއާ ގުޅިގެން ރާއްޖޭގައި އެންމެ ކުޑަ ރޭޓުގައި 'ހިޔާވެހި ފައިނޭންސިން' ދަށުން ފައިނޭންސް ދޫކޮށް، ރަށްރަށުގައި އިތުރު ރަހުނަކާ ނުލައި ގެދޮރު އެޅުމަށާއި މަރާމާތު ކުރުމަށް ތިން މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރަން ފަށާފައިވާކަން ޝަރީފު ފާހަގަކުރެއްވިއެވެ..

މީގެ އިތުރުން މި މަޝްރޫޢަކީ ކާމިޔާބު އަދި ނަތީޖާ ނެރެވޭނެ މަޝްރޫޢަކަށް ހެއްދެވުމަށް ސަރުކާރުން ދެއްވަމުންދާ އެހީތެރިކަމާއި، ދެއްވާފައިވާ ބޮޑެތި ލުއިތަކަށްޓަކައި ޝަރީފު ވަނީ ސަރުކާރަށް ޝުކުރު އަދާކުރައްވައިފައެވެ.

ކުލި ދައްކަން ނުޖެހޭ ގޮތަށް ބިން ހަމަޖެހިގެން ދިއުމަކީ މަޝްރޫއުގެ ޚަރަދު ބޮޑުތަނުން ކުޑަކުރެވި ދިވެހި އާއިލާތަކަށް ހަގީގީ މާނައިގައި އަގުހެޔޮ ބޯހިޔާވަހިކަމެއް ކަށަވަރުކޮށްދިނުމަށް މަގުފަހިވެގެން ދިޔަކަމެއް، ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފު

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން އެކުލަވާލާފައިވާ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން (އައިއެންއޭއެޗް)ގެ ދަށުން ކަނޑައަޅާފައިވާ މަގުސަދު ހާސިލްކުރުމަށް ބޭންކް އޮފް މޯލްޑިވްސްއިން އުފެއްދި ސަބްސިޑިއަރީ ކުންފުންނި، ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކޮމްޕެނީއިން، ހުޅުމާލެ އެއްވަނަ އަދި ދެވަނަ ފިޔަވައްސާއި، ވިލިމާލެ ހިމެނޭހެން ޖުމުލަ 3،260 ހައުސިން ޔުނިޓް ގާއިމްކުރުމަށް ނިންމާފައިވާ ކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.

comment ކޮމެންޓް