އަބޫދާބީއަށް އަމާޒުކޮށް ފޮނުވާލި ބެލިސްޓިކް މިސައިލެއް އެ ގައުމުގެ ވައިގެ ދިފާއީ ނިޒާމުން ހުއްޓުވައި ވައްޓާލުމާ ގުޅިގެން، އެ މިސައިލުގެ ބައިތަކެއް މީހުން ދިރިއުޅޭ ސަރަހައްދަކަށް ވެއްޓި ދެ މީހަކު މަރުވެއްޖެއެވެ.
އަބޫދާބީގެ ކަމާބެހޭ ފަރާތްތަކުން ނެރުނު ރަސްމީ ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، މިއަދު ހިނގި މި ހާދިސާގައި މިސައިލުގެ ބައިތައް ވެއްޓިފައިވަނީ އެ ސިޓީގެ ސްވައިހާން މަގަށެވެ.
މި ހާދިސާގައި މަރުވި ދެ މީހުންނަކީ ކޮން ގައުމަކަށް ނިސްބަތްވާ ބައެއްކަން އަދި ކަށަވަރުކުރެވިފައި ނުވާއިރު، އިތުރު ތިން މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިގެން ފަރުވާދެމުންދާކަމަށް ވަނީ ރިޕޯޓުކޮށްފައެވެ. މީގެ އިތުރުން، އެ ސަރަހައްދުގައި ޕާކުކޮށްފައި އޮތް އާންމުންގެ ބައެއް ކާރުތަކަށާއި މުދަލަށްވެސް ވަނީ އެކިވަރުގެ ގެއްލުންތަކެއް ލިބިފައެވެ.
މި ހާދިސާ ހިނގުމާއެކު، އަބޫދާބީގެ ސަލާމަތީ ބާރުތަކާއި މީހުން ސަލާމަތްކުރާ ފަރާތްތަކުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފަށާފައެވެ. ކަމާބެހޭ ފަރާތްތަކުން ބުނެފައިވަނީ މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލުތައް ހޯދަމުންދާ ކަމަށާއި، ކަން ހިނގާދިޔަ ގޮތުގެ އިތުރު މަޢުލޫމާތު ފަހުގެ ވަގުތެއްގައި އާންމުކުރާނެ ކަމަށެވެ.
މިފަދަ ނާޒުކު ދަނޑިވަޅެއްގައި އާންމުންގެ މެދުގައި ބިރުވެރިކަން އުފެދޭ ފަދަ ވާހަކަތައް ނުފެތުރުމަށް އެ ގައުމުގެ ސަރުކާރުން ވަނީ އެދިފައެވެ. އެގޮތުން، ހަމައެކަނި ރަސްމީ އިދާރާތަކުން ހާމަކުރާ މަޢުލޫމާތު ހޯދުމަށާއި، ސޯޝަލް މީޑިއާ އަދި އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް ކަށަވަރުނުވާ ދޮގު ޚަބަރުތަކާއި އަޑުތައް ނުފެތުރުމަށް އަބޫދާބީގެ ކަމާބެހޭ ފަރާތްތަކުން ވަނީ އާންމުންނަށް ވަރަށް ބޮޑަށް އިލްތިމާސްކޮށްފައެވެ.