އައްޑޫގެ އާންމު ތަންތަނުގައި ރޯވެގެން މި މަހު އެކަނި 20 ފަހަރަށް އެމްއެންޑީއެފުން ހަރަކާތްތެރިވި!

މި މަހު އައްޑޫގެ ސަރަހައްދުގައި ހުރި ކުނިތަކެއްގައި ރޯވެގެން ހަރަކާތްތެރިވަނީ --- ފޮޓޯ/ އެމްއެންޑީއެފް

އައްޑޫގެ އާންމު ތަންތަނުގައި ރޯވެގެން މި މަހު އެމްއެންޑީއެފުން 20 ފަހަރަށް ހަރަކާތްތެރިވެއްޖެއެވެ.

އެންމެ ފުރަތަމަ އައްޑޫގައި މި މަހު އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފުން ހަރަކާތްތެރިވީ މި މަހުގެ ދެވަނަ ދުވަހެވެ.

އެ ދުވަހު ހަރަކާތްތެރިވީ، އައްޑޫ ސިޓީ ހުޅުދޫ ފުލެޓު ސަރަހައްދުގެ ވަލުތެރޭގައި އަލިފާން ރޯވެގެން ކަމަށްވާއިރު، އޭގެ އެއް ދުވަސް ފަހުން އިތުރު އަލިފާނުގެ ހާދިސާއެއް ހިނގިއެވެ. އެއީ، ސ. މަރަދޫފޭދޫގެ ޔޫތު ސެންޓަރު ކައިރީގައި އޮތް ފަޅު ގޯއްޗެއްގެ ތެރޭގައި ހުރި ކުނިތަކެއްގައެވެ.

އެންމެ ފަހުން އެ ސިޓީގެ އާންމު ތަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފުން ހަރަކާތްތެރިވީ ރޭގައެވެ. އެއީ، ސ. ހުޅުދޫގެ އެފްކޮން ސަރަހައްދުގައި ހުރި ކުނިތަކެއްގައި ރޯވެގެން ހިނގި ހާދިސާއެކެވެ.

މި މަހު އައްޑޫގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އެމްއެންޑީއެފުން ހަރަކާތްތެރިވަނީ: މި މަހު އެކަނި 20 ފަހަރަށް އެ ސިޓީގެ އާންމު އެކި ސަރަހައްދުތަކުގައި އަލިފާން ރޯވެގެން އެމްއެންޑީއެފުން ހަރަކާތްތެރިވި --- ފޮޓޯ/ އެމްއެންޑީއެފް

މީގެއިތުރުން، މި މަހުގެ މިހާތަނަށް އައްޑޫގެ އިތުރު 17 ތަނެއްގައި ރޯވެގެން އެމްއެންޑީއެފުން ހަރަކާތްތެރިވިއެވެ.

އައްޑޫގައި މި މަހު ހިނގި އަލިފާނުގެ ހާދިސާތައް އިތުރުވިއިރު، މާލެ ސަރަހައްދުގައި ވެސް މި މަހުގެ 19ގައި އަލިފާނުގެ ދެ ހާދިސާއެއް ހިނގިއެވެ.

އެއް ހާދިސާއަކީ، އެ ދުވަހުގެ ހެނދުނު 10:57 ހާއިރު ގަލޮޅު މޯޗަރީ ކައިރި ހުރި ގުދަނެއްގައި ރޯވެގެން ހިނގި ހާދިސާއެކެވެ. އެ ތަނުގައި ރޯކޮށްލި ކަމުގެ ތުހުމަތުގައި، ލ. މާބައިދޫ، ސަބުނަމްހައުސް، ހުސައިން ޝަހްބާން، 29އ، ވަނީ ހައްޔަރުކޮށްފައެވެ. އޭނާ ފަސް ދުވަހަށް ބަންދު ކުރަން މިދިޔަ ހޯމަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

https://sun.mv/219415

ހަމަ އެ ދުވަހުގެ ރޭ މ. ތޮއިބާ މިސްކިތް ކައިރީ ކެމިކަލާއި ގަސްކާނާ ރައްކާކޮށްފައި ހުރި ގުދަނެއްގައި ރޯވިއެވެ. އެރޭ ގާތްގަނޑަކަށް ގަނޑިން 23:15 އެހާކަންހާއިރު އަލިފާންގަނޑު ނިއްވާލީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭނުންކުރާ ފޯމްއިން ފަޔާ ލޮރީ ވެސް ގެނެސްގެންނެވެ.

comment ކޮމެންޓް