އިހުސާސް ކުރެވޭ ހޫނުމިން 35 ޑިގްރީ ސެލްސިއަސްއަށް ވުރެ މައްޗަށް، ރައްކާތެރިިކަމުގެ ފިޔަވަޅުތައް އަޅަން އެދެފި

ހޫނުގަދަ ދުވަހެއްގައި މީހަކު ކުޑައެއް ނަގައިގެން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ މޫސުމީ ހާލަތަށް އައިސްފައިވާ ބަދަލުތަކާއެކު، އިހުސާސް ކުރެވޭ ހޫނުމިން އިންތިހާއަށް މައްޗަށް ގޮސްފައިވުމުން، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އާންމު ސިއްހަތު ރައްކާތެރިކުރުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް އިލްތިމާސްކޮށްފައެވެ. މޫސުމާ ބެހޭ ގައުމީ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް އެވަރެޖުކޮށް ހޫނުމިން ހުރީ 35 ޑިގްރީ ސެލްސިއަސްއަށް ވުރެ މަތީގައެވެ. މި ހޫނުގަދަ ދުވަސްވަރު ސިއްހީ ގޮތުން ރައްކާތެރިވެ ތިބުމަށް ގިނަގިނައިން ފެން ބުއިމަށާއި، އަތްވަށް ނުނިކުތުމަށް ވަނީ އިރުޝާދު ދީފައެވެ.

  • މާލެ ސަރަހައްދުގެ ހޫނުމިން 36.8 ޑިގްރީ ސެލްސިއަސްއަށް އަރާފައިވޭ
  • ކައްދޫގައި އިހުސާސް ކުރެވޭ ހޫނުމިން 36.5 ޑިގްރީ ސެލްސިއަސްއަށް އަރާފައިވޭ
  • އެންމެ ހޫނުގަދަ ގަޑިތަކުގައި ބޭރަށް ނުނިކުތުމަށް އިރުޝާދު ދީފައިވޭ
  • ގިނަގިނައިން ދިޔާތަކެތި ބުއިމަށާއި ލުއި ހެދުން އެޅުމަށް އިލްތިމާސްކޮށްފައިވޭ

ރާއްޖޭގެ އެކި ހިސާބުތަކަށް އިހުސާސްކުރެވޭ ހޫނުމިން 35 ޑިގްރީ ސެލްސިއަސްއަށް ވުރެ މައްޗަށް ގޮސްފައިވާއިރު، އެ ކަމަށް ރައްކާތެރިވާން ފިޔަވަޅުތައް އަޅަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު އިލްތިމާސްކޮށްފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން 11:00ގައި ނެރުނު ރެކޯޑުތަކުން ދައްކާ ގޮތުގައި، ރާއްޖޭގެ ހުރިހާ ހިސާބަކަށް އެވަރެޖުކޮށް ހުރީ 35 ޑިގްރީ ސެލްސިއަސްއިން މަތީގައެވެ.

https://sun.mv/218978

މިގޮތުން، އިހުސާސް ކުރެވޭ ހޫނު މިން އެންމެ މައްޗަށް ދިޔައީ، މާލެ ސަރަހައްދުގައެވެ. މި ސަރަހައްދުގައި ހޫނުމިން ހުރީ، 36.8 ޑިގްރީ ސެލްސިއަސްގައެވެ. އެހެނިހެން ސަރަހައްދުތަކަށް ބަލާއިރު، ކައްދޫގައި އިހުސާސްކުރެވޭ ހޫނުމިން ހުރީ 36.5 ސެލްސިއަސްގައެވެ.

އެހެންވެ، އެޗްޕީއޭއިން ވަނީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަނދާންކޮށްދީފައެވެ.

މިގޮތުން، އެންމެ ހޫނުގަދަވާ ގަޑިތަކުގައި އަތްވަށް ނުނިކުތުމަށާއި ގިނަގިނައިން ދިޔާ ތަކެތި ބުއިމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އޭގެއިތުރަށް، ގަޔަށް ފަސޭހަ ހެދުން ލުމަށް އެޗްޕީއޭއިން ވަނީ ހަނދާންކޮށްދީފައެވެ.

އެނބުރުން އަރައި، މާ ގަދައަށް ބޮލުގައި ރިއްސައި، ހަށިގަނޑު ވަރުދެރަވާ ނަމަ، ސިއްހީ މާހިރެއްގެ ލަފާ ހޯދުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ފާހަގަކުރެވޭ ގޮތުގައި، ކޮންމެ އަހަރަކު ވެސް އާންމުކޮށް، އިހުސާސް ކުރެވޭ ހޫނުމިން މައްޗަށް ދަނީ، މާރިޗު މަހާއި އޭޕްރީލް މަހުގެ ތެރޭގައެވެ.

comment ކޮމެންޓް