އިހުސާސްކުރެވޭ ހޫނުމިން، ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް މިއަދު މަތިވާނެ: މެޓް

މަގުމަތި: މެޓުން ބުނީ މިއަދު ހުރިހާ ސަރަހައްދަކަށްވެސް އިހުސާސްކުރެވޭ ހޫނުމިން މަތިވާނެ ކަމަށް -- ސަން ފޮޓޯ/ އިބްރާހިމް ނާއިޝް

މާޗު އަދި އޭޕްރީލް މަހަކީ އާންމުކޮށް ރާއްޖޭގައި އެންމެ ހޫނުގަދަ ދުވަސްވަރު ކަމަށްވާއިރު، މިއަދު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް ހޫނުމިން މަތިވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ވަނީ އިންޒާރު ދީފައެވެ. ޖައްވުގެ ފިނިހޫނުމިން 32 ޑިގްރީ ސެލްސިއަސްގައި ހުރި ނަމަވެސް، އިހުސާސްކުރެވޭ ހޫނުމިން 35 ޑިގްރީ ސެލްސިއަސްއަށް އަރާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ. މި ދުވަސްވަރު ހޫނުމިން އެންމެ މައްޗަށް ދަނީ މެންދުރު ފަހު 2:00 ގައެވެ. ރޯދަ މަހާ ދިމާވެފައިވާތީ ކަރަންޓުގެ ބޭނުންކުރުން އިތުރުވެފައިވާ މި ދަނޑިވަޅުގައި، ހޫނުގަދަވުމުގެ ސަބަބުން ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރެއެވެ.

  • ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް އިހުސާސްކުރެވޭ ހޫނުމިން 35 ޑިގްރީ ސެލްސިއަސްއަށް އަރާނެ.
  • މިއީ އަހަރުގެ އެންމެ ހޫނުގަދަ ދުވަސްވަރު ކަމަށްވާ މާޗު އަދި އޭޕްރީލް މަސް ކަމުން ހޫނުމިން މަތިވުން އާންމު.
  • ހޫނުމިން އެންމެ މައްޗަށް ދާނެ ކަމަށް ބެލެވެނީ މެންދުރު 2:00 ގައެވެ.
  • ރޯދަ މަހާ ދިމާވުމުން ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާނެ ކަމަށް ބެލެވޭ.

މިއަދު އިހުސާސްކުރެވޭ ހޫނުމިން 35 ޑިގްރީ ސެލްސިއަސްގައި ހުރިއިރު، ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް ހޫނުމިން މިއަދު މަތިވާނެ ކަމަށް، މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން މިއަދު ބުނެފިއެވެ.

ކޮންމެ އަހަރަކުވެސް އިހުސާސްކުރެވޭ ހޫނުމިން މައްޗަށް ދަނީ މާރިޗު މަހާއި އޭޕްރިލް މަހެވެ. މިއީ އާންމު ގޮތެއްގައި ރާއްޖެއަށް އެންމެ ހޫނުގަދަ ދުވަސްވަރެވެ.

މެޓް އޮފީހުން 'ސަން'އަށް ބުނީ، އާންމު ގޮތެއްގައި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް ފިނިހޫނުމިން ހުރީ 32 ޑިގްރީ ސެލްސިއަސްގައި ކަމަށާއި، އިހުސާސްކުރެވޭ ހޫނުމިން 35 ޑިގްރީ ސެލްސިއަސްގައި ހުންނާނެ ކަމަށެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ހޫނުމިން ތަފާތުވިކަމުގައި ވިޔަސް، ހުރިހާ ސަރަހައްދަކަށް ވެސް ހޫނުމިން މަތިވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.

https://sun.mv/218978

މެޓް އޮފީހުން ބުނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް މޫސުން މިއަދު އާންމުގޮތެއްގައި ރަނގަޅުވާނެ ކަމަށެވެ.

މިއަދުގެ ހޫނުމިނަށް ބަލާއިރު، މާލޭގެ ހޫނުމިން އުޅެނީ 32 ޑިގްރީސް ސެލްސިއަސްގައެވެ. އުތުރުން ހަނިމާދޫގައި 29 ޑިގްރީސް ސެލްސިއަސްގައި ހޫނުމިން ހުރިއިރު، އެންމެ ދެކުނުން އައްޑޫ ސިޓީ ސަރަހައްދުގައި ހޫނުމިން ހުރީ 30 ޑިގްރީ ސެލްސިއަސްގައެވެ. މެދު ދެކުނަށް ބަލާލާއިރު، ލ. ކައްދޫގެ ހޫނުމިން އުޅެނީ 30 ޑިގްރީސް ސެލްސިއަސްގައެވެ.

އިހުސާސް ކުރެވޭ ހޫނުމިން މައްޗަށް ދާން ފަށާފައިވާއިރު، މި ދުވަސްވަރަކީ ރޯދަ މަހަށްވާތީ ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާނެ ކަމަށް ބެލެވެއެވެ.

އަދި މިދުވަސްވަރު ހޫނުމިން އެންމެ މައްޗަށް ދާނީ މެންދުރު 2:00ގައި ކަމަށް މީގެ ކުރިން މެޓުން ވަނީ ބުނެފައެވެ.

comment ކޮމެންޓް