ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވުން ހުއްޓުވުމުގެ އިތުރުން، މަޖިލީހުން އަންހެނުންނަށާއި ޒުވާނުންނަށް ވަކި އިންސައްތައެއް ޚާއްސަކުރުމުގެ ވިސްނުންފުޅެއް ގެންގުޅުއްވާކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހާމަކުރައްވައިފިއެވެ.
ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވަނީ، 5،000 އިން އިތުރުވާ ކޮންމެ އާބާދީއަކަށް މެންބަރަކު އިތުރުވާކަން ފާހަގަކުރައްވައިފައެވެ. ރައީސް ވިދާޅުވީ، ރާއްޖޭގެ އާބާދީ ބޮޑުވާ ވަރަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު 100 ފަހަނަހަޅައި ދިއުން އެކަށީގެންވާ ކަމަށާއި، އެއީ ރަނގަޅު ގޮތެއް ކަމަށް ރައްޔިތުން ގަބޫލުނުކުރާ ކަމަށެވެ.
ރައީސް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރެވޭނީ ގާނޫނުއަސާސީ އިސްލާހުކޮށްގެން ކަމަށެވެ.
މައި ދެ އިންތިޚާބުކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ރިޔާސީ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާމެދު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނަގާ ވޯޓަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވިގޮތުގައި، މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރުމަށް ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ހުށަހަޅާނީ އެ ވޯޓުގައި ރައްޔިތުން ނިންމާ ގޮތެއްގެ މައްޗަށެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ --- ފޮޓޯ: ރައީސް އޮފީސް
އެމަނިކުފާނު ވިދާޅުވިގޮތުގައި މެންބަރުން އިތުރުވުން ހުއްޓުވުމަށް ހުށަހަޅާ އިސްލާހުގެ އިތުރުން އެއާ ގުޅުންހުރި އިތުރު އިސްލާހުތަކެއް ވެސް އެބަހުއްޓެވެ.
މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވާ އިތުރުވުން ހުއްޓުމަކަށް ގެނައުމަށް ގެނެވޭ އިސްލާހު ގެނެވޭ އިރުގައި އަޅުގަނޑުމެން ހުށަހަޅަން ގަސްދުކުރަން ދިރާސާކުރެވެމުންދާ ދެ ކަމެއް އެބައޮތް، އެއް ކަމަކީ ވަކި އިންސައްތައެއް އެއީ 30 އަހަރުންދަށުގެ ޒުވާނުން ކަމުގައި ކަނޑައެޅުން މަޖިލިސް މެންބަރުންގެ އަދަދުގެ ތެރޭ ވަކި އިންސައްތައެއް، އަދި ހަމަ އެފަދައިން ވަކި އިންސައްތައެއް އެއީ އަންހެނުން ކަމުގައި ކަނޑައެޅުން،ރައީސް ޑރ. މުޙައްމަދު މުޢިއްޒު
ކައުންސިލުތައް އެކުލެވިފައި އޮންނަ ގޮތަށް ބަލާއިރު، ކޮންމެ ކައުންސިލެއްގައި ވެސް އަންހެނުންނަށް ޚާއްސަ އަދަދެއް ކަނޑައަޅައިފައި އޮންނަ ކަމާއި، ނަމަވެސް ރައްޔިތުންގެ މަޖިލީހުގައި އަދި ޒުވާނުންނަށް ވެސް އަންހެނުންނަށް ވެސް ޚާއްސަ އަދަދެއް މިހާތަނަށް ކަނޑައެޅިފައިނުވާކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ މި އިސްލާހުތައް މަޖިލީހަށް ހުށަހަޅަން ގަސްދުކުރައްވާ ކަމަށެވެ. ނަމަވެސް ސީދާ ހުށަހަޅުއްވާނެ ވަގުތެއް ވިދާޅެއްނުވެއެވެ.
މިދިޔަ މެއި މަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޭރު ވިދާޅުވީ، އެމަނިކުފާނުގެ ވިސްނުންފުޅަކީ މަޖިލީހުގެ މެންބަރުންގެ އަދަދު 93 ގައި ހިފެހެއްޓުމަށް ކަމަށެވެ.
ފާހަގަކުރެވޭ ގޮތުގައި، ވެރިކަންކުރާ ޕީއެންސީގެ ފަރާތުން އެ ޕާޓީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ވަނީ، ކޮންމެ ދައުރެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވަމުން އަންނަ އައުމަށް ހައްލެއް ގެނައުމަށް މަޖިލީހުގެ މެންބަރުންގެ ޚިޔާލު ހޯދުމަށް ގަރާރެއް 2024ވަނަ އަހަރުގެ ޖޫން މަހުގެ ފަހުކޮޅު ހުށަހަޅުއްވައިފައެވެ. އެ ގަރާރު މިހާރު އޮތީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައެވެ.
ގާނޫނުއަސާސީގެ 71 ވަނަ މާއްދާގައިވާ ގޮތުން ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީކުރެވިފައިވާ އާބާދީގެ ފުރަތަމަ 5،000 މީހަކަށް ނުވަތަ 5،000 މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެ މެންބަރުން އިންތިޚާބުކުރަންވާނެ ކަމަށެވެ.
އަދި، އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީކުރެވިފައިވާ އާބާދީ 5،000 އަށްވުރެ އިތުރުވާނަމަ، އާބާދީގެ ފުރަތަމަ 5،000 މީހުންނަށްވުރެ އިތުރުވާ ކޮންމެ 5،000 މީހަކަށް މެންބަރެއް ހުންނަންވާނެ ކަމަށެވެ. އެހެންވެ، ކޮންމެ ދައުރެއްގައި މެންބަރުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.