މައި ދެ އިންތިޚާބު ކަމަށްވާ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއްކޮށްލަން މަޖިލީހުން ފާސްކޮށްފައިވާ ބިލު ބާތިލުކޮށްދިނުމަށާއި، އެކަމަށް ރައްޔިތުންގެ ޚިޔާލު ހޯދަން ނަގާ ފެންނަ ނުފެންނަ ވޯޓު ހުއްޓުވައިދިނުން އެދި ސުޕްރިމް ކޯޓަށް ދުސްތޫރީ ދެ މައްސަލައެއް މިއަދު ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުން މި ބިލު ފާސްކުރީ މިދިޔަ މަހުގެ 10ވަނަ ދުވަހެވެ. މި ބިލު ތަސްދީގުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވާފައި ވަނީ ފެބުރުއަރީ ޖެހިގެން އައި ދުވަހެވެ. އެއާއެކު މިދިޔަ މަހުގެ 16ވަނަ ދުވަހު ރައީސްވަނީ ފެންނަނުފެންނަ ވޯޓެއް ބާއްވަން ގަރާރު ނެރުއްވައިފައެވެ.
ކަން އެހެން އޮއްވައި އެ ބިލު ބާތިލުކޮށް، ވޯޓު ހުއްޓުވައި ދިނުމަށް އެދި ސުޕްރިމް ކޯޓަށް މިވަނީ ދުސްތޫރީ ދެ މައްސަލައެއް ހުށަހަޅައިފައެވެ.
ކޯޓަށް ހުށަހެޅި ދެ މައްސަލައަކީ ގާނޫނީ ވަކީލު އަބްރާހީމް ޝިޔާމް އަދި އައިކު އަހުމަދު އީސާ، އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ލޯކަލް ކައުންސިލް އިންތިޚާބާއެކު ނަގާ ފެންނަ ނުފެންނަ ވޯޓު ހުއްޓުވައި ދިނުމަށް އެދި ހުށަހެޅި މައްސަލައެކެވެ.
އަނެއް މައްސަލައަކީ ރައްޔިތުންގެ ޚިޔާލު ހޯދާ ވޯޓަކީ ގާނޫނުއަސާސީއާ ޚިލާފު ވޯޓެއް ކަމަށް ކަނޑައަޅައިދީ، ދެ އިންތިޚާބު އެއްކޮށްލަން މަޖިލީހުން ފާސްކުރިކުރުން ބާތިލުކޮށްދިނުމަށް އެދި ގާނޫނީ ވަކީލު އަދި މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން، ހުށަހެޅުއްވި މައްސަލައެކެވެ.
ދެ އިންތިޚާބު އެއްކުރަން މަޖިލީހުން ފާސްކުރި ބިލު ހުއްޓުވައިދިނުމަށް އެދި ހުށަހެޅި މައްސަލައިގައި އަލީ ފާހަގަކުރެއްވީ، ބިލެއް ތަސްދީގުކުރަން ގާނޫނުއަސާސީގައި ބުނެފައިވާ 15 ދުވަހުގެ މުއްދަތު ފަހަނައަޅައި ދިޔަ ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ބިލު ތަސްދީގުކުރެއްވި ކަމަށެވެ. އެހެންކަމުން އެ މުއްދަތު ފަހަނައަޅައި ދިޔުމުން އެ ބިލަކީ މިހާރު ބާތިލުވެފައިވާ ބިލެއްކަމަށް ކަނޑައަޅައިދިނުމަށް އަލީ ވަނީ އެ މައްސަލައިގައި އެދިވަޑައިގެންފައެވެ.
ހަމައެއާއެކު އެ ބިލަށް ރައްޔިތުންގެ ޚިޔާލު ހޯދަން ނަގާ ވޯޓަކީ ވެސް ގާނޫނުއަސާސީއާ ޚިލާފަށް ނަގާ ވޯޓެއް ކަމަށް ކަނޑައަޅައިދޭން ވަނީ އެދިވަޑައިގެންފައެވެ.
އަލީ ވިދާޅުވި ގޮތުގައި އެފަދަ ބިލެއް ތަސްދީގުކުރުމުގެ ކުރިން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓު ވެސް ނަގަންޖެހޭނެއެވެ. ނަމަވެސް ތަސްދީގުކުރަން ދިން މުއްދަތުގައި އެ ވޯޓަށް އަހާފައި ނުވާތީ އެއީ ވެސް އެ ވޯޓު ބާތިލުކުރަންޖެހޭ ސަބަބެއް ކަމަށް އަލީ ފާހަގަކުރެއްވިއެވެ. އެހެންކަމުން ގާނޫނުއަސާސީގެ 264 ވަނަ މާއްދާގެ (ހ)ގެ އިމުން ބޭރުވެފައިވާތީ އެ ބިލަކީ މިހާރު ބާތިލުވެފައި އޮތް ބިލެއް ކަމަށް އަލީ ވަނީ ވިދާޅުވެފައެވެ.
ހަމައެއާއެކު ރައްޔިތުންގެ ޚިޔާލު ހޯދާ ވޯޓުގައި އަހަނީ ވެސް ސައްހަ ސުވާލެއް ނޫން ކަމަށް ކޯޓަށް ހުށަހެޅި މައްސަލައިގައި އޮތީ ފާހަގަކޮށްފައެވެ. އަދި އެ ސުވާލަކީ ގާނޫނުއަސާސީން ލާޒިމުކުރާ އުސޫލަށް ނުފެތޭ ސުވާލެއްކަން ވެސް ފާހަގަކުރިއެވެ.
އެގޮތުން ރައީސުލްޖުމްޙޫރިއްޔާގެ ގަރާރާއި އިލެކްޝަންސް ކޮމިޝަން (އީސީ)އިން ނެރުނު އިއުލާނު ބުނާ ގޮތުން ވޯޓަށް އަހަނީ، "ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށާއި ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި މަޖިލީހުން ފާސްކުރި ބިލު ތަސްދީގުކުރުމަށް ފެނޭތޯ ނުވަތަ ނޫންތޯ" ކަމަށް އެ މައްސަލައިގައި ބުންޏެވެ. އަދި އޭގެ ބަދަލުގައި އަހަން ޖެހޭނީ ގާނޫނުއަސާސީއަށް އެ އިސްލާހު ގެނައުމަށް ރުހޭތޯ ނުވަތަ ނޫންތޯ ކަަމަށް މައްސަލައިގައި ވަނީ ބުނެފައެވެ.
އެހެންކަމުން އެއީ ވެސް ގާނޫނުއަސާސީގެ އިމުން ބޭރުން ކޮށްފައިވާ ކަމެއް ކަމަށް އެ މައްސަލައިގައި ބުންޏެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއްކޮށްލުމާ ގުޅޭ ގޮތުން ނަގާ ޚިޔާލު ހޯދުމުގެ ވޯޓު ނެގުމާ ދެކޮޅަށް އިދިކޮޅު އެމްޑީޕީން ވެސް ވަނީ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފައެވެ. މިދިޔަ ހުކުރު ދުވަހު އެމްޑީޕީން ބުނި ގޮތުގައި ހުށަހެޅި މައްސަލަ މިހާރު ވަނީ ތިން ފަހަރަށް ރިޖެކްޓުކޮށްފައެވެ. އަދި ކޮންމެފަހަރަކު ވެސް އިސްލާހު ކުރަން އަންގަނީ ފަހަރަކު ކަމެއް ކަމަށް އެ ޕާޓީން ބުންޏެވެ.
އެމްޑީޕީން އެދުނީ ވީ އެންމެ އަވަހަކަށް އެ މައްސަލަ ރަޖިސްޓްރީކޮށް ކުރިއަށް ގެންދިޔުމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުންނާއި، ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރަން މީގެ ކުރިން އަލީ ހުސައިން ހުށަހެޅުއްވި މައްސަލަ މިއަދާ ހަމައަށް އައިއިރު ވެސް އޮތީ ސުޕްރީމް ކޯޓުގައި ހުއްޓިފައެވެ. އެ މައްސަލަ ހުއްޓިފައި އޮންނަތާ ވެސް އަހަރަކަށް ވުރެ ގިނަ ދުވަސް މިވަނީ ވެފައެވެ.
ސުޕްރިމް ކޯޓަށް އެ މައްސަލަ ހުށަހެޅުމާއެކު ދައުލަތުން، ބަންޑާރަ ނައިބުގެ ފަރާތުން އެ މައްސަަލަ އެ ކޯޓަށް ނުބެލޭނެ ކަމަށް ވަކާލާތު ވެސް ކުރިއެވެ. ނަމަވެސް އޭރުގެ ސުޕްރިމް ކޯޓުގެ ބެންޗުން ވަނީ އެ މައްސަލަ ބަލައިގެންފައެވެ.
އެއާއެކު ދެން ފެނުނީ ސުޕްރިމް ކޯޓުން އެ މައްސަލަ ބެއްލެވި ބެންޗުގައި ތިއްބެވި ތިން ފަނޑިޔާރަކު ސަސްޕެންޑުކުރި ތަނެވެ. ސުޕްރިމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އިސްތިއުފާދެއްވައި، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު މަގާމުން ވަކިކުރީ އެ މައްސަލައިގައެވެ.