ޖުމަލް ހަތް މީހުންނާއެކު ވ. ފެލިދޫ ކައިރިއިން ދަތުރުކުރަމުން ދަނިކޮށް ބަންޑުން ޖަހާލި ލޯންޗުން ގެއްލުނު ދެ މީހުން އަދިވެސް ފެނިފައި ނުވާކަމަށް ފުލުހުން ބުނެފިއެވެ.
ފެލިދޫ ކައިރިން ލޯންޗެއް ބަންޑުން ޖަހާލި ކަމުގެ ރިޕޯޓަށް ފުލުހަށް ކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު 01:15 އެހާކަންހާއިރުއެވެ. އެ ލޯންޗުގައި ތިބި ހަތް މީހުންގެ ތެރެއިން ދެ މީހަކު ގެއްލިގެން ހޯދަމުން އަންނަ ކަމަށް އިއްޔެ ފުލުހުން ބުނެފައިވެއެވެ.
'ސަން'އަށް މައުލޫމާތު ދެމުން މިއަދު ފުލުހުން ބުނީ އެ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްއިން ކުރަމުން އަންނަ ކަމަށާއި ނަމަވެސް މިހާތަނަށް ދެ މީހުން ފެނިފައި ނުވާކަމަށެވެ.
އެ ދެ މީހުން ހޯދުމުގެ މަސައްކަތާ ގުޅޭ ގޮތުން އެމްއެންޑީއެފްގެ ބަހެއް ހޯދަން މަސައްކަތް ކުރި ނަމަވެސް، މިހާތަނަށް ލިބިފައިނުވެއެވެ.
ފުލުހުން ބުނީ، ލޯންޗުގައި ތިބި ހަތް މީހުންގެ ތެރޭގައި އިނގިރޭސިވިލާތާއި ރަޝިއާއަށް ނިސްބަތްވާ ދެ އަންހެނުންނާއި، އިންޑިއާއަށް ނިސްބަތްވާ ފަސް ފިރިހެނުން ހިމެނޭ ކަމަށެވެ. އޭގެ ތެރެއިން ފަސް މީހުން ވިއްސައިގެން ގޮސް މޫދަށް ވެއްޓުނުއިރު، ގެއްލިގެން ހޯދަމުން އަންނަނީ އިންޑިއާއަށް ނިސްބަތްވާ ދެ ފިރިހެނުންނެވެ.
ފުލުުހުންވަނީ، އެ ހާދިސާގައި އަނިޔާވި ތިން މީހަކަށް ވ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާދީފައި ވާކަމަށް ބުނެފައެވެ.
ބޭރުގެ ނޫސްތަކެއްގައި ވަނީ، އެ ހާދިސާގައި އިންޑިއާގެ ރޭމަންޑް ގްރޫޕްގެ ޗެއާމަން އަދި ބިލިއަނަރު ގޯތަމް ސިންހާނިއާ ވެސް ހިމެނޭ ކަމަށް ރިޕޯޓުކޮށްފައެވެ. އެ ހާދިސާގައި އޭނާއަށް ކުދި އަނިޔާތަކެއް ލިބިފައިވާ ކަމަށާއި، އޭނާ މިހާރު ވަނީ އިންޑިއާގެ މުމްބާއީއަށް ގޮސްފައި ކަމަށް އޭނާގެ ތަރުޖަމާނު ވަނީ ބުނެފައެވެ.